[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 32

32ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الدَّالُّ عَلَى التَّحْرِيْمِ رَاجِحٌ عَلَى الـخَبَرِ الدَّالِّ عَلَى الإِبَاحَةِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޙަރާމްކަމަށް ދަލީލުކޮށްދޭ ޚަބަރު، ހުއްދަކަމަށް ދަލީލުކޮށްދޭ ޚަބަރުގެ މައްޗަށް ރާޖިޙުކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: މިއީ ޚަބަރުތައް ތަޢާރުޟުވުމުން ތަރުޖީޙުދޭއިރު، ލަފްޒުން ދަލީލުކޮށްދޭ ގޮތަށް ބިނާކޮށް ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް އެއް ދަރަޖައެއްގެ ދެ ޚަބަރުކަމަށްވެފައި، އެ އިން އެއް ޚަބަރުން ކަމެއް ޙަރާމްކަމަށް ދަލީލުކޮށްދޭއިރު، އަނެއް ޚަބަރުން ހަމަ އެ ކަންތައް ހުއްދަކަމަށް ދަލީލުކޮށްދޭނަމަ، އެ ކަންތައް ޙަރާމްކަމަށް ދަލީލުކޮށްދޭ ޚަބަރު އިސްކުރެވޭނެކަމުގައެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، މާލިކީންކުރެ ބައެއް ޢިލްމުވެރިންނަށް އަލްބާޖީ ނިސްބަތްކުރައްވާފައިވާ ރައުޔެއްގައިވަނީ، ޙަރާމްކަމަށް ދަލީލުކޮށްދޭ ޚަބަރުގެ މައްޗަށް ހުއްދަކަމަށް ދަލީލުކޮށްދޭ ޚަބަރު އިސްކުރުން އައުލާކަން ބޮޑުކަމުގައެވެ. ސަބަބަކީ، ހުއްދަކަން ލާޒިމުކުރަނީ ބުރައުނދަގޫކަން ފިލުވައިލައި ނައްތައިލުންކަމުގައިވެފައި، އަޞްލަކީ ބުރައުނދަގޫކަން ނެތުންކަމުގައިވާތީއެވެ. އަދި ހަމައެހެންމެ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ކަލޭގެފާނުގެ އުއްމަތަށް ލުއިކޮށްދެއްވުމަށް ލޯބިކުރެއްވިކަން ސާބިތުވެފައިވާތީއެވެ. އަދި އައްޒަރުކަޝީ ވިދާޅުވަނީ، މިއީ އަލްޤާޟީ ޢަބްދުލްވައްހާބު އަލްބަޣުދާދީ އަލްމާލިކީ އިޚްތިޔާރުކުރެއްވި ރައުޔުކަމުގައެވެ.

އަދި މިއާ ޚިލާފަށް، އަލްޤާޟީ އަބޫބަކުރު އަލްބާޤިއްލާނީއަށާއި އަލްޖުވައިނީއަށާއި އަލްޣަޒާލީއަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައިވަނީ، ޙަރާމްކަމަށް ދަލީލުކޮށްދޭ ޚަބަރާއި ހުއްދަކަމަށް ދަލީލުކޮށްދޭ ޚަބަރު ވެސް ހަމަހަމަވެގެންވާ ކަމުގައެވެ. އެއިން އެއްވެސް ޚަބަރެއް އެކަތި އަނެކަތީގެ މައްޗަށް ތަރުޖީޙު ނުދެވޭނެކަމުގައެވެ. އަދި މިއީ، އަލްބާޖީ ވިދާޅުވާ ގޮތުން އެ ބޭފުޅާގެ އަރިހުގައި ޞައްޙަ ރައުޔެވެ.

ދެން ފަހެ، މި ޤަވާޢިދު، ދީނުގައި ރައްކާތެރިކަން ބޮޑގޮތާ ކައިރިގޮތަށް ތަރުޖީޙުދިނުމުގެ ބާބުގެ ވަދެގެންދެއެވެ. އަދި ހަމައެހެންމެ، البَرَاءَةُ الأَصْلِيَّة ގެ ދަށުން އަޞްލު ޙުކުމުން އެހެން ޙުކުމަކަށް ގެންގޮސްދޭ ދަލީލަށް ތަރުޖީޙުދިނުމުގެ ތެރެއަށް ވެސް ވަދެގެންދެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ބައިޢުލްޢަރަބޫން (ނުވަތަ ބައިޢުލްޢުރްބޫން) އެވެ. (މުތަރުޖިމު: ބައިޢުލްޢަރަބޫންއަކީ، މުދަލެއް ގަނެ، ވިއްކިމީހާއަށް ދިރުހަމެއް ނުވަތަ އެއަށްވުރެ ގިނައިން ދެއްކުމެވެ. އެއީ، އޭނާ އެ މުދާ ލިބިގަނެފިނަމަ، އެ ދިރުހަމްކޮޅުން އޭގެ އަގު ގުނޭގޮތަށެވެ. އޭނާ އެ މުދާ ލިބިނުގަނެފިނަމަ، ވިއްކިމީހާއަށް އެ ދިރުހަމްކޮޅު ލިބޭގޮތަށެވެ.) ބައިޢުލްޢަރަބޫންއާ ގުޅޭގޮތުން ވާރިދުވެފައިވާ އެއްބައި ޙަދީޘްތަކުން ދަލީލުކޮށްދެނީ އެ ކަމުގެ ޙަރާމްކަމާއި ނަހީކަމެވެ. އޭގެ ތެރޭގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ((نهى عن بيع العربان)) (ބައިޢުލްޢުރްބާން ނަހީކުރެއްވި) ކަމަށް ރިވާވެގެންވާ ޙަދީޘް ހިމެނެއެވެ. އަދި ބައިޢުލްޢަރަބޫންއާ ގުޅޭގޮތުން ވާރިދުވެފައިވާ އަނެއްބައި ޙަދީޘްތަކުން ދަލީލުކޮށްދެނީ އެ ކަމުގެ ހުއްދަކަމެވެ. އޭގެ ތެރޭގައި، ((أن النبي صلى الله عليه وسلم أحل العربان في البيع)) (ނަބީ ޞައްލަ ﷲ ޢަލައިހި ވަސަލަމަ ގަނެވިއްކުމުގައި ޢުރްބާން ހުއްދަކުރެއްވި) ކަމަށް ރިވާވެގެންވާ ޙަދީޘް ހިމެނެއެވެ. ގިނަ ޢިލްމުވެރިންގެ އިޚްތިޔާރުކުރެއްވީ މި ތަނުން ފުރަތަމަ ޚަބަރުން ލާޒިމުކުރާ ކަންތަކެވެ. ސަބަބަކީ، އެއިން ޙަރާމްކަމަށް ދަލީލު ލިއްބައިދޭތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =