33ވަނަ ޤަވާޢިދު (ޖުމްލަ 60): رِوَايَةُ الأَحْفَظِ رَاجِحَةٌ عَلَى رِوَايَةِ مَنْ لَيْسَ كَذَلِكَ
މި ޤަވާޢިދުގެ ތަރުޖަމާ: {ހިތުދަސްކުރުމުގެ ބާރުގަދަ ރާވީގެ ރިވާޔަތް، އެހެން މީހުންގެ ރިވާޔަތުގެ މައްޗަށް ރާޖިޙުކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ދެ ޙަދީޘެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޙަދީޘް ރިވާކުރި ރާވީންނަކީ އަނެއް ޙަދީޘް ރިވާކުރި ރާވީންނަށްވުރެ ހިތުދަސްކުރުމުގެ ބާރުގަދަ ރާވީންކަމުގައިވާނަމަ، ހިތުދަސްކުރުމުގެ ބާރުގަދަ ރާވީންގެ ރިވާޔަތް އަނެއް ރިވާޔަތުގެ މައްޗަށް އިސްކުރެވޭނެއެވެ. ސަބަބަކީ، ރާވީގެ ހިތުދަސްކުރުމުގެ ބާރުގަދަވުމީ އޭނާގެ ރިވާޔަތަށް ކުރެވޭ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމުގައި ވާތީއެވެ.
މި ތަނުގައި ފާހަގަކޮށްލުން މުހިއްމު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ، ހަމައެކަނި ފޮތުގައި ލިޔެގެން ޙަދީޘަށް ބަރޯސާވުމަށްވުރެ، ހިތުދަސްކޮށްގެން ޙަދީޘަށް ބަރޯސާވުން މާ އައުލާކަން ބޮޑެވެ. އެހެންކަމުން، ފޮތުގައި ލިޔެފައިވާ އެއްޗަށް އެކަނި ބަރޯސާވާ ރާވީއަށްވުރެ، ހިތުދަސްކޮށްގެން އެއަށް ބަރޯސާވާ ރާވީ މާ އައުލާކަން ބޮޑެވެ.
މިސާލަކަށް، ކުއްތާ ދޫލައިފައިވާ ކަންވާރު ވެލި ބޭނުންކޮށްގެން ދޮވުމާ ގުޅޭގޮތުން ރިވާޔަތްތަކެއް ވާރިދުވެފައިވެއެވެ. އެ ތަނުން އެއްބައި ރިވާޔަތްތަކުން ދަލީލުކޮށްދެނީ، އެ ކަންވާރު ހަތް ފަހަރު ދޮންނައިރު އޭގެ ތެރެއިން އެއް ފަހަރު ވެލިން ދޮވުމަށެވެ. އެގޮތުން، އަބޫ ހުރައިރާގެ ފަރާތްޕުޅުން ވާރިދުވެފައިވާ ރިވާޔަތުގައިވަނީ މިފަދައިންނެވެ. މިއާ ޚިލާފަށް، އަނެއްބައި ރިވާޔަތްތަކުން ދަލީލުކޮށްދެނީ، އެ ކަންވާރު ހަތް ފަހަރު ދޮވެފައި، އަށްވަނަ ފަހަރު ވެލިން ދޮވުމަށެވެ. އެގޮތުން، ޢަބްދުﷲ އިބްނު މިޣުފަލްގެ ފަރާތްޕުޅުން ވާރިދުވެފައިވާ ރިވާޔަތުގައިވަނީ މިފަދައިންނެވެ. މި ދެ ރިވާޔަތް މި އޮތީ ފުށުއަރާ ގޮތަށެވެ. އަލްބައިހަޤީ މި ތަނުން އަބޫ ހުރައިރާގެ ރިވާޔަތަށް ތަރުޖީޙުދެއްވައި ވިދާޅުވެފައިވަނީ، އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުއަކީ އެ ބޭފުޅާގެ ޒަމާނުގެ އެހެން ރާވީންނަށްވުރެ ހިތުދަސްކުރުމުގެ ބާރު ވަރުގަދަ ބޭފުޅެއް ކަމުގައެވެ. އެހެންކަމުން، އެ ބޭފުޅާގެ ރިވާޔަތް އިޚްތިޔާރުކުރުން އައުލާކަން ބޮޑުކަމުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =