[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 34

34ވަނަ ޤަވާޢިދު (ޖުމްލަ 60): رِوَايَةُ مُتَأَخِّرِ الإِسْلَامِ أَرْجَحُ

މި ޤަވާޢިދުގެ ތަރުޖަމާ: {ފަހުން އިސްލާމްވީ ބޭފުޅާގެ ރިވާޔަތް ރާޖިޙުކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާކުރި ރާވީއަކީ އަނެއް ރާވީއަށްވުރެ ފަހުން އިސްލާމްވީ ބޭފުޅެއް ކަމުގައިވާނަމަ، ފަހުން އިސްލާމްވީ ބޭފުޅާގެ ރިވާޔަތް އިސްކުރެވޭނެއެވެ. ސަބަބަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން އެންމެ ފަހުން އެނގެންއޮތީ އެ ގޮތް ކަމުގައިވާތީއެވެ. މިއީ، ޝާފިޢީންނާއި، ބައެއް މާލިކީންނާއި، އަދި ޙަންބަލީންގެ ރައުޔެވެ. މިއީ މި މައްސަލައިގައި އޮންނަ ފުރަތަމަ ރައުޔެވެ.

ދެވަނަ ރައުޔަކީ، އެ ތަނުން ތަރުޖީޙުދެވޭނީ ކުރިން އިސްލާމްވި ބޭފުޅާގެ ރިވާޔަތަށެވެ. ސަބަބަކީ، އިސްލާމްދީނުގެ ކަންކަން ދަތުމުގައި އެ ބޭފުޅާ މާގިނަދުވަސްވެފައި ވާތީއެވެ. އަދި ފަހުން އިސްލާމްވީ ބޭފުޅާއަށް ނޭނގޭ ކަންކަން އެ ބޭފުޅާއަށް އެނގިފައި އޮވެދާނެތީއެވެ. މިއީ، ބައެއް ޙަނަފީންނާއި، ޝާފިޢީންކުރެ އަލްއާމިދީއާއި، މާލިކީންކުރެ އިބްނުލްޙާޖިބާއި، އަދި ޒައިދީންގެ ރައުޔެވެ.

ތިންވަނަ ރައުޔަކީ، ތަފްސީލީ ރައުޔެކެވެ. މި ރައުޔުގައިވަނީ، ކުރިން އިސްލާމްވި ބޭފުޅާ ފަހުން އިސްލާމްވި ބޭފުޅާގެ ދުވަސްވަރު ދުނިޔޭގައި ހުރިނަމަ، އެ ތަނުން އެއް ރާވީގެ ޚަބަރު އަނެއް ރާވީގެ ޚަބަރުގެ މައްޗަށް ތަރުޖީޙުދިނުމެއް ނުވެއެވެ. އެއީ، އެ ދެ ރިވާޔަތުގެ ތާރީޚް ކަށަވަރު ނުކުރެވޭތީއެވެ. އެހެންނަމަވެސް، ފަހުން އިސްލާމްވި ބޭފުޅާގެ ރިވާޔަތް ރިވާކުރުމުގެ ކުރިން، ކުރިން އިސްލާމްވި ބޭފުޅާ ނިޔާވިނަމަ، ފަހުން އިސްލާމްވި ބޭފުޅާގެ ރިވާޔަތަށް ތަރުޖީޙުދެވޭނެއެވެ. މިއީ، އައްރާޒީއާއި އެހެނިހެން ބައެއް ބޭފުޅުން އިޚްތިޔާރުކުރެއްވި ރައުޔެވެ.

ހަތަރުވަނަ ރައުޔަކީ، އެ ދެ ރާވީގެ ޚަބަރު ވެސް ދަރަޖައިގެ ގޮތުން ހަމަހަމަވެގެންވެއެވެ. އެހެނީ، އެ ތަނުން ކޮންމެ ޚަބަރަކަށް ވެސް އަނެއް ޚަބަރަށް ލިބިގެންނުވާ ޚާއްޞަކަމެއް ލިބިގެންވެއެވެ. އެހެންކަމުން، އެ ތަނުން ވަކި ޚަބަރަކަށް ތަރުޖީޙެއް ނުދެވޭނެއެވެ.

މިސާލަކަށް، ފަރުޖުގައި ބީހުމުން ވުޟޫ ގެއްލޭނެކަމަށް ދަލީލުކޮށްދޭ އަބޫ ހުރައިރާގެ ރިވާޔަތް، ފަރުޖުގައި ބީހުމުން ވުޟޫ ނުގެއްލޭނެކަމަށް ދަލީލުކޮށްދޭ ޠަލްޤު ބްނު ޢަލީގެ ރިވާޔަތުގެ މައްޗަށް ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ރާޖިޙުކުރައްވަތެވެ. އެކިއެކި ސަބަބުތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި، އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު އިސްލާމްވީ ތާރީޚު ފަސްވެފައިވުން ވެސް ހިމެނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =