35ވަނަ ޤަވާޢިދު (ޖުމްލަ 60): إِذَا اسْتَقْصَى الـمُجْتَهِدُ الأَمَارَاتِ وَكَانَتْ مُتَكَافِئَةٌ فَفَرْضُهُ التَّخْيِيْرُ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާ ޢަލާމާތްތައް ހޯދިއިރު، އެ ޢަލާމާތްތަކުގެ މެދުގައި ހަމަހަމަވެގެންވާނަމަ، އޭނާއަށް އޮތީ އިޚްތިޔާރުކުރުން}
މި ޤަވާޢިދުގެ މުރާދު: ޢަލާމާތްތައް އެއްވަރުވެ ހަމަހަމަވުމީ ގިނަ ޢިލްމުވެރިންގެ އަރިހުގައި ވުން އެކަށީގެންވާ ޖާއިޒުކަމެކެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ މަނާކަމެކެވެ. ކޮންމެއަކަސް، ގިނަ ޢިލްމުވެރިންގެ ރައުޔަށް ބިނާކޮށް، މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުޖުތަހިދު ޢިލްމުވެރިޔާ ޙުކުމެއް ހޯދަން ޤަޞްދުކުރިހިނދު، އެ ޙުކުމަށް ވާޞިލުކޮށްދޭނޭ ޢަލާމާތްތައް ދެނެގަތުމުގައި ބުރަމަސައްކަތްކުރުމުން، އެ ބޭފުޅާގެ ނަޒަރުގައި އެ ޢަލާމާތްތައް ތަޢާރުޟުވެފައިވާތަނާއި ފެނި އަދި އެ ޢަލާމާތްތަކުގެ މެދުގައި ތަރުޖީޙުދޭނޭ ކަމެއް ނުފެނުނުނަމަ، އެ ބޭފުޅާގެ މައްޗަށް އޮތީ ޢަމަލުކުރަން ބޭނުންވާ ކޮންމެވެސް ޢަލާމާތްތަކެއް އިޚްތިޔާރުކުރުމެވެ. މިއީ، އަލްބާޤިއްލާނީއާއި އަބޫ ޢަލީ އަލްޖުއްބާއީފަދަ ގިނަ ޢަދަދެއްގެ ބޭފުޅުންނެއްގެ ރައުޔެވެ.
މި ޤަވާޢިދުން ލާޒިމުކުރާ ގޮތާ އެއްގޮތަށް ވިދާޅުވާ ބޭފުޅުން ޤައިދެއް ކުރައްވަތެވެ. އެއީ، މުޖުތަހިދު ޢިލްމުވެރިޔާ އެ ތަނުން ބޭނުން ޢަލާމާތްތަކެއް އިޚްތިޔާރުކުރަނީ، އެ ބޭފުޅާ އަމިއްލައަށް އެއަށް ޢަމަލުކުރުމުގެ ގޮތުން ކަމުގައިވުމެވެ. ނުވަތަ އެހެން މީހުންނަށް އެ ގޮތަށް ފަތުވާދިނުމުގެ ގޮތުން ކަމުގައިވުމެވެ. މިއާ ޚިލާފަށް، އެ މުޖުތަހިދު ޢިލްމުވެރިޔާއަކީ ނިޔާކަނޑައަޅާ ފަރާތެއް ކަމުގައިވާނަމަ، ޙުކުމްކުރާއިރު ބޭނުން ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ޙުކުމުގައި ދީފައިއޮތުމުގެ ފުރުޞަތު އެ ބޭފުޅާއަށް ލިބިގެނެއް ނުވެއެވެ. އެހެނެއްކަމަކު، ޢަމަލުކުރުމަށް އެ ތަނުން ކޮންމެވެސް އެއް ޢަލާމާތެއް ކަނޑައަޅަންޖެހޭނެއެވެ. ސަބަބަކީ، ދެ ފަރާތުން ދަޢުވާކުރާ ދެ ގޮތުގެ ތެރެއިން ބޭނުންގޮތެއް އިޚްތިޔާރުކުރުމަށް ޙުކުމް ކުރުމަކީ، މައްސަލައަށް ފައިސަލާކުރުންކަމުގައި ނުބެލެވޭނެތީއެވެ.
ދެން ފަހެ، މި ޤަވާޢިދުން ލާޒިމުކުރާ ގޮތާ ޚިލާފަށް ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، މުޖުތަހިދު ޢިލްމުވެރިޔާގެ އަރިހުގައި ޢަލާމާތްތައް ތަޢާރުޟުވެ އެ ތަކެތި ދަރަޖައިގެ ގޮތުން އެއްވަރުވެ ތަރުޖީޙުދިނުމަށް ނުކުޅެދިއްޖެނަމަ، އެ ދަލީލުތައް ވެއްޓިގެންދާނެއެވެ. އަދި އެ ދަލީލުތަކަށް ޢަމަލުކުރުން ދޫކޮށްލެވޭނެއެވެ. އޭގެ ބަދަލުގައި މުޖުތަހިދު ޢިލްމުވެރިޔާ ރުޖޫޢަވާހުށީ، ޝަރީޢަތުގެ ޢާއްމު އުޞޫލުތަކަށެވެ. ނުވަތަ البَرَاءَةُ الأَصْلِيَّة އަށެވެ. ސަބަބަކީ، ފުށުއަރާ ދޭތި ޖަމްޢުނުކުރެވޭނެތީ އެ ދެ އެއްޗަށް އެއްފަހަރާ ޢަމަލެއް ނުކުރެވެއެވެ. އަދި އެ ތަނުން ވަކި އެއްޗެއް ކަނޑައަޅައި އެއަށް ޢަމަލުކުރުމީ ތަރުޖީޙުދޭނޭ އެއްޗެއް ނެތި ތަރުޖީޙުދިނުމެވެ. އަދި ބޭނުންގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮންނަގޮތަށް ޢަމަލުކުރުމުގެ ފުރުޞަތުދިނުމީ، ޙުކުމްކަނޑައެޅުމެކެވެ. އަދި ޙަރާމްކަމަށް ގެންގޮސްދޭ ޢަލާމާތްތަކުގެ މައްޗަށް ހުއްދަކަމަށް ގެންގޮސްދޭ ޢަލާމާތްތަކަށް ތަރުޖީޙުދިނުމެކެވެ. އެއީ ވެސް ތަރުޖީޙުދޭނޭ އެއްޗެއް ނެތި ތަރުޖީޙުދިނުމެކެވެ. އެހެންކަމުން، އެ ދެ ޢަލާމާތްތަކަށް ވެސް ޢަމަލުކުރުން ދޫކޮށްލެވޭނެއެވެ. އަދި ޝަރީޢަތުގެ ޢާއްމު އުޞޫލުތަކަށާއި البَرَاءَةُ الأَصْلِيَّة އަށް ރުޖޫޢަވެވޭނެއެވެ.
އަދި މިއާ ޚިލާފަށް، އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި އޮތީ ވަކި ގޮތެއް އިޚްތިޔާރުނުކޮށް ހުއްޓިހުރުމެވެ. އިޚްތިޔާރުލިބިގެންވާކަމަށް ވެސް ނުވަތަ އެ ޢަލާމާތްތަކަށް ޢަމަލުނުކުރެވޭނެކަމަށް ވެސް ނުނިންމާނީއެވެ. ސަބަބަކީ، ވަކި ގޮތަކަށް ބުނުމީ ޙުކުމްކަނޑައެޅުމެއް ކަމުގައި ވާނެތީއެވެ. އަދި ދަލީލެއްނެތި ބުނާ ބަހަކަށް ވާނެތީއެވެ.
އަދި މިއާ ޚިލާފަށް، އެހެން ބައެއް ބޭފުޅުން ވާޖިބު ކަންކަމާއި އެހެން ކަންކަން ތަފާތުކުރައްވައި ވިދާޅުވަނީ، މި ހާލަތުގައި ތަޢާރުޟުވާހިނދު ތަޢާރުޟުވެފައިވަނީ ވާޖިބު ކަންތައްތަކަކާ މެދުގައި ކަމަށްވާނަމަ، ބޭނުން ގޮތެއްގައި ހިފުމުގެ އިޚްތިޔާރު އޮންނާނެއެވެ. އެހެންނަމަވެސް، ހުއްދަވުމާއި ޙަރާމްވުމުގެ މެދުގައި އުފެދިފައިވާ ތަޢާރުޟުވުމެއްނަމަ، އެ ދަލީލުތަކަށް ޢަމަލުނުކުރެވި ދޫކޮށްލެވޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =