36ވަނަ ޤަވާޢިދު (ޖުމްލަ 60): القِيَاسُ مُقَدَّمٌ عَلَى قَوْلِ الصَّحَابِيِّ عِنْدَ التَّعَارُضِ
މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު، ޞަޙާބީގެ ބަސްފުޅުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޤިޔާސްއަކާއި ޞަޙާބީ ބޭކަލެއްގެ ބަސްފުޅަކާ ތަޢާރުޟުވެއްޖެނަމަ، އެ ތަނުން ޤިޔާސް އިސްކުރެވޭނެއެވެ. އަދި މި ހާލަތުގައި އެ ޞަޙާބީގެ ބަސްފުޅުގެ ޙުއްޖަތުކަން ގެއްލިގެންދާނެއެވެ. ޝަރުޢީ ދަލީލަކާ ފުށުއަރާކަމަށްޓަކައެވެ. މިއީ، ޤިޔާސްއާއި ޞަޙާބީންގެ ބަސްފުޅުތައް އެއީ ޙުއްޖަތެއް ކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރެއިން، ޝާފިޢީންނާއި، ޙަންބަލީންކުރެ އަބުލްޚައްޠާބު އަލްކަލްވަޛާނީއާއި އިބްނު ޢަޤީލާއި، އަލްކަރްޚީފަދަ ބައެއް ޙަނަފީންގެ ރައުޔެވެ.
މިއާ ޚިލާފަށް، މާލިކުއާއި، އަޙްމަދުއާއި، އަހުލުލްޙަދީޘުގެ ގިނަ ބޭފުޅުންނާއި، އެތަކެއް ޙަނަފީންނެއް ދެކިވަޑައިގަންނަވާ ގޮތުގައި، މި ހާލަތުގައި އިސްކުރެވޭނީ ޞަޙާބީގެ ބަސްފުޅެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، ޞަޙާބީއަކު އެ ބޭފުޅާ ކުރައްވާ އަމިއްލަ އިޖުތިހާދުގައި ޤިޔާސްއާ ޚިލާފުވުމީ ނުވާނޭކަމެއް ކަމުގައި ވާތީއެވެ.
މިސާލަކަށް، އިމާމުމީހާ މައުމޫމުންނަށްވުރެ އުސްތަނެއްގައި ހުރެ ނަމާދުކުރުމީ މަކުރޫހު ކަމެކެވެ. މިއަށް ޤިޔާސްކޮށް، މައުމޫމުން އިމާމުމީހާއަށްވުރެ އުސްތަނެއްގައި ތިބެ ނަމާދުކުރުން ވެސް މަކުރޫހުވުން ލާޒިމުކުރެއެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި މި ޤިޔާސް، އަބޫހުރައިރާ [އިމާމަކަށްވެހުރެ ނަމާދުކުރެއްވިއިރު މިސްކިތުގެ މަތީގައި ހުންނެވި] ކަމަށް ރިވާވެފައިވާ އެ ބޭފުޅާގެ ޢަމަލުފުޅުގެ މައްޗަށް އިސްކުރެވޭނެއެވެ.
އަދި މިސާލަކަށް، އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހު [ބަލިމީހާ އޭނާގެ ވާރުތަވެރިޔާއަށް ވާރުތަވާންއޮތް ދަރަންޏަކަށް އިޤުރާރުވާ އިޤުރާރުވުން ޖާއިޒުވެގެން ނުވެޔޭ] ވިދާޅުވެފައިވާ ބަސްފުޅެވެ. ޙަނަފީން ވިދާޅުވަނީ، އެ ގޮތަށް ބަލިމީހާ އިޤުރާރުވާ އިޤުރާރުވުމީ ޤިޔާސްގެ ގޮތުން ބަލާއިރު ޖާއިޒު ކަމެއް ކަމުގައި ވީނަމަވެސް، އިބްނު ޢުމަރު އެ ގޮތަށް ވިދާޅުވެފައިވާތީ، އެ ބޭފުޅާގެ ބަސްފުޅަށްޓަކައި ތިމަންނަމެން އެ ޤިޔާސް ދޫކޮށްލާފައިވާ ކަމުގައެވެ. މިއާ ޚިލާފަށް، ޝާފިޢީން ވިދާޅުވަނީ، އެ ބޭފުޅާގެ ބަސްފުޅުގެ މައްޗަށް ޤިޔާސް އިސްކޮށް، ތިމަންނަމެންގެ އަރިހުގައި އެ އިޤުރާރު ޞައްޙަވާނެ ކަމުގައެވެ. ސަބަބަކީ، ސިއްހަތު ސަލާމަތުންހުރި ހާލުގައިވާ އިޤުރާރު ޞައްޙަވާނަމަ، ބަލިހާލުގައިވާ އިޤުރާރު ވެސް ޞައްޙަވާން ޖެހޭނެތީއެވެ. އެ ދެމެދުގައި ތަފާތެއް ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =