37ވަނަ ޤަވާޢިދު (ޖުމްލަ 60): القِيَاسُ مُقَدَّمٌ عَلَى الـمَفْهُومِ
މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ނައްޞުގެ އިދިކޮޅު މަފްހޫމް (މަފްހޫމުލްމުޚާލަފާ) އިން ޙުކުމަކަށް ދަލީލުކޮށްދީފިނަމަ، އަދި އެ ޙުކުމަކީ ޤިޔާސް ކުރުމުން ލިއްބައިދޭ ޙުކުމާ ފުށުއަރާ ޙުކުމަކަށްވާނަމަ، އެ މަފްހޫމުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި އައްޝާފިޢީ ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ގޮތަށް ޤިޔާސް އިސްކުރެވޭނީ ޤައިދަކާ އެކުގައެވެ. އެ ޤައިދަކީ، އެ ޤިޔާސަކީ އޭގެ ޢިއްލަތު ނައްޞުކުރެވިފައިވާ ޤިޔާސަކަށްވުމެވެ.
މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ޤިޔާސެއް މަފްހޫމަކާ ތަޢާރުޟުވެ، އެ ދޭތި ޖަމްޢުކުރަން ނުކުޅެދިއްޖެނަމަ، އަދި އެ ދޭތިންކުރެ ކޮންމެ އެއްޗަކީ ވެސް ޢަމަލުކުރެވިދާނޭ އެއްޗެއްނަމަ އަދި އެ ދޭތީގެ ޝަރުޠުތައް ފުރިހަމަވާނަމަ، ހާލަތު ނިޔާކުރާ ގޮތަކަށް ބިނާކޮށް އަދި ކޮންމެ ފަރާތެއްގައި ވެސް ހުރި ޤަރީނާތަކަށް ބިނާކޮށް މުޖުތަހިދު ޢިލްމުވެރިޔާ ބޭނުން ގޮތެއް ނިންމިދާނެއެވެ.
ދެން ފަހެ، މަފްހޫމަކީ، ލަފްޒުން ދަލީލުކޮށްދޭ ގޮތެވެ. މަންޠޫޤުގެ ޒާތުގައިވާ ގޮތެއް ނޫނެވެ. މަފްހޫމު ދެ ބަޔަކަށް ބެހެއެވެ. އެއީ، މަފްހޫމުލްމުވާފަޤާ އާއި މަފްހޫމުލްމުޚާލަފާއެވެ. މަފްހޫމުލްމުޚާލަފާއަކީ، އެ ޙުކުމަކާ މެދު ހަނުހުރެފައިވާ ޙުކުމް، މަންޠޫޤުގެ ޙުކުމާ ޚިލާފުވުމެވެ. އެއްވެސް ޤައިދެއްނެތި [މަފްހޫމޭ] ބުނެވިއްޖެނަމަ، އެއިން ދޭހަކޮށްދެނީ މަފްހޫމުލްމުޚާލަފާއެވެ. މި ޤަވާޢިދުގައި ވެސް މަފްހޫމު ބޭނުންކުރެވިފައިވަނީ އެ ގޮތަށެވެ. މަފްހޫމުލްމުޚާލަފާގެ މަފްހޫމުއްޝަރްޠާއި މަފްހޫމުލްޙަޞްރްފަދަ ތަފާތު އެކި ވައްތަރުތައް ހުރެއެވެ. އެ ހުރިހާ ވައްތަރުތަކެއް ވެސް މި ޤަވާޢިދުގެ ތެރެއަށް ވަދެގެންދެއެވެ.
މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ) (ސޫރަތުލްޖުމްޢަ: 9 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ، ޚުޠުބާ އަޑުއެހުމާއި ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ!] މި އާޔަތުގެ މަފްހޫމަކީ، ޖަމާޢަތަށް ދިޔުން ވާޖިބުވާނީ ހަމައެކަނި ހުކުރުނަމާދުގައެވެ. އެހެންނަމަވެސް، ޙަންބަލީންކުރެ ބައެއް ބޭފުޅުން ހުކުރުނަމާދުގެ މައްޗަށް ޤިޔާސްކުރައްވައި ފަރުޟު ފަސްނަމާދަށް ވެސް ހުކުރުނަމާދުގެ ޙުކުމް ހިނގާނެކަމުގައި ވިދާޅުވެއެވެ. އެގޮތުން، އެހެނިހެން ފަރުޟުނަމާދުތަކަށް ވެސް ޖަމާޢަތަށް ޙާޟިރުވުން ވާޖިބުކަމުގައި އެ ބޭފުޅުން ވިދާޅުވެއެވެ. އެއީ، އެ ބޭފުޅުން މަފްހޫމުގެ މައްޗަށް ޤިޔާސް އިސްކުރައްވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =