42ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ النَّقْلِ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަޤްލުކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު}
މި ޤަވާޢިދުގެ މުރާދު: ތަޚްޞީޞްކުރުމާއި ނަޤްލުކުރުމުގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރާ އެއްޗަކަށްވުމާމެދު ނުވަތަ ނަޤްލުކުރާ އެއްޗަކަށްވުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، އެހެން ތަކެތީގެ މައްޗަށް ތަޚްޞީޞް އިސްކުރެވޭނެތީއެވެ.
ބަހުގެގޮތުން ބަލާއިރު ނަޤްލުކުރުމަކީ، އެއްޗެއް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމެވެ. މި ތަނުގައި ނަޤްލުކުރުމުގެ މުރާދަކީ، ޢަރަބި ލަފްޒު އެއް މާނައިން އެހެން މާނައަކަށް ގެންދިޔުމެވެ. މިސާލަކަށް، [ޒަކާތް] އޭގެ ބަހުގެ މާނަކަމުގައިވާ [އުފެދިބޮޑުވުމާއި އިތުރުވުން] އިން އެހެން މާނައަކަށް، ވަކި ޚާއްޞަ މިންވަރެއް ވަކި ޚާއްޞަ މުދަލަކުން ވަކި ޚާއްޞަ ފަރާތަކަށްޓަކައި ނެރުމަށް ބަދަލުކޮށްލައި އެ މާނައަށް ގެންދިޔުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَحَلَّ اللَّهُ الْبَيْعَ) (ސޫރަތުލްބަޤަރާ: 275 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ ގަނެވިއްކުން ޙަލާލުކުރެއްވިއެވެ.] ބަހުގެގޮތުން ގަނެވިއްކުމަކީ، މުޠުލަޤުކޮށް އެއްޗެއް އެއްޗަކަށް ބަދަލުކުރުމެވެ. އައްޝާފިޢީ ވިދާޅުވެފައިވަނީ، އެ އާޔަތުގައިވާ البَيْعُ (ގަނެވިއްކުން) ގައި ބަހުގެ މާނައަކާއި ޝަރުޢީ މާނައެއް އޮންނައިރު އެ ވަނީ އޭގެ ބަހުގެ މާނައިގައި ކަމުގައެވެ. މިއާ ޚިލާފަށް، އަބޫޙަނީފާގެ ނަޒަރުގައި މި ތަނުގައި އެވާ البَيْعُ ގެ މާނަ އެ ވަނީ އޭގެ ޝަރުޢީ މާނަކަމުގައިވާ [ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާނޭހެން އެއްޗެއް އެއްޗަކަށް ބަދަލުކުރުން] ގެ މާނައިގައެވެ. ކޮންމެއަކަސް، މި ތަނުގައި އައްޝާފިޢީގެ ބަސްފުޅުން ލާޒިމު އެ ކުރަނީ ތަޚްޞީޞްކުރުމަށެވެ. މިއާ ޚިލާފަށް، އަބޫޙަނީފާގެ ބަސްފުޅުން ލާޒިމު އެ ކުރަނީ ނަޤްލުކުރުމަށެވެ. މި ޤަވާޢިދުގައި ބުނެފައި އެވާ ގޮތުންނަމަ، މި ހާލަތުގައި ނަޤްލުކުރުމަށްވުރެ ތަޚްޞީޞްކުރުން މާ ހެޔޮކަން ބޮޑެވެ. އެހެންކަމުން، ރާޖިޙުދެވޭނީ އައްޝާފިޢީގެ ވާހަކަފުޅަށެވެ. މި ތަނުން ޝާފިޢީގެ ރައުޔުގެ މައްޗަށް ބިނާކޮށް، އިންސާނާގެ ކިރު ވިއްކުން ހުއްދަކަމަށް އެ އާޔަތުން ދަލީލުނެގިދާނެއެވެ. އަދި އަބޫޙަނީފާގެ ރައުޔުގެ މައްޗަށް ބިނާކޮށް، އިންސާނާގެ ކިރު ވިއްކުން ހުއްދަނޫންކަމަށް އެ އާޔަތުން ދަލީލުނެގިދާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =