43ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ الـمَجَازِ
މި ޤަވާޢިދުގެ ތަރުޖަމާ: {މަޖާޒްކަމަށް ކަނޑައެޅުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު}
މި ޤަވާޢިދުގެ މުރާދު: ތަޚްޞީޞްކުރުމާއި މަޖާޒްކަމަށް ކަނޑައެޅުމުގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރާ އެއްޗަކަށްވުމާމެދު ނުވަތަ މަޖާޒީ މާނައިގައި ބޭނުންކުރެވިފައިވާ އެއްޗަކަށްވުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، މަޖާޒްކަމަށް ކަނޑައެޅުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑުވީތީއެވެ.
މަޖާޒްއަކީ، ލަފްޒެއް އޭގެ އެންމެ އަސާސީ ގޮތް ނޫން އެހެން ގޮތަކަށް ބޭނުންކުރުމެވެ. މި ޤަވާޢިދުގައި މަޖާޒު ބޭނުންކުރެވިފައި އެ ވަނީ މަޖާޒުގެ މުޠުލަޤު މާނައިގައެއް ނޫނެވެ. އެހެނެއްކަމަކު، މަޖާޒުގެ ޚާއްޞަ މާނައެއްގައެވެ. އެ މާނައަކީ، އިޟްމާރުއަކަށް އަދި ތަޚްޞީޞްއަކަށް އަދި ނަޤްލުއަކަށް ނުވާ މަޖާޒުގެ މާނައެވެ. އިޟްމާރުއާއި ތަޚްޞީޞްއާއި ނަޤްލުއަކީ ވެސް މަޖާޒްކަމުގައި ވިޔަސް މެއެވެ.
ދެން ފަހެ، ތަޚްޞީޞްކުރުމަށްފަހު ބާކީ އޮންނަ މިންވަރަކީ (ޢާއްމުގެ ޙުކުމް) ޢައްޔަނުކުރެވިފައިވާ ބަޔެކެވެ. ސަބަބަކީ، ޢާއްމުން އޭގެ އެންމެހާ އަފްރާދުންތަކަށް ދަލީލުކޮށްދޭތީއެވެ. ދަލީލަކާ ގުޅިގެން އެއިން ބަޔެއް ޢާއްމުގެ ތެރެއިން ބޭރުވެއްޖެނަމަ، ޢާއްމުގެ ތެރޭގައި ބާކީހުރި ބަޔަށް އެއިން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން ދެމިއޮންނާނެއެވެ. މިކަމާމެދު އިތުރަށް ވިސްނައި ފިކުރުހިންގާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، މިއާ ޚިލާފަށް، މަޖާޒުގައިނަމަ، ފަހަރުގައި ޢައްޔަނުކުރެވިފައި ނޯވެދާނެއެވެ. ސަބަބަކީ، ލަފްޒު ކަނޑައެޅިފައިވަނީ ޙަޤީޤީ މާނައަށް ދަލީލުކޮށްދިނުމުގެ ގޮތުން ކަމުގައި ވާތީއެވެ. ލަފްޒުގެ މާނަ މަޖާޒީ މާނައަކަށް ބަދަލުކޮށްލަންޖެހޭފަދަ ޤަރީނާއެއް ފެންނަންނެތްނަމަވެސް އިތުރަށް ވިސްނައި ފިކުރުހިންގަން ޖެހޭނެއެވެ. މަޖާޒްތައް ގިނަވެފައި އޮތުމުގެ އިޙްތިމާލު އޮތީތީއެވެ. ކޮންމެއަކަސް، އިޙްތިމާލު ނޯންނާނީ ތަޚްޞީޞްއަށް އިސްކަންދީފިނަމައެވެ. އަދި ހަމައެހެންމެ، މަޖާޒުގެ މައްޗަށް ތަޚްޞީޞް އިސްކުރާ ކުރުމީ، މަޖާޒުގެ މައްޗަށް ޙަޤީޤަތު އިސްކުރުމެކެވެ. އެހެންކަމުން، މަޖާޒަށްވުރެ ތަޚްޞީޞް އިސްކުރުން އައުލާވެގެންވަނީއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ) (ސޫރަތުލްބަޤަރާ: 196 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ އަށްޓަކައި ތިޔަބައިމީހުން ޙައްޖާއި ޢުމްރާ ފުރިހަމަކުރާހުށިކަމެވެ!] މި އާޔަތުގައިވާ އަމުރު އެ ވަނީ ވާޖިބުގެ މާނައިގައިކަމަށްވާތީ، ޝާފިޢީން ވިދާޅުވަނީ ޢުމްރާއަކީ ވާޖިބެއް ކަމުގައެވެ. އެހެންނަމަވެސް، މާލިކީން ވިދާޅުވަނީ، އެ އާޔަތް ޚާއްޞަވެފައިވަނީ ކުރަން ފަށައިގަނެފައިވާ ޢުމްރާއާ ގުޅޭގޮތުން ކަމުގައެވެ. އެފަދަ ޢުމްރާއެއްނަމަ ވާޖިބުވާނެކަމުގައެވެ. ޢާއްމުކޮށް ޢުމްރާގެ ޙުކުމާ ގުޅޭގޮތުންވާ އާޔަތެއް ކަމުގައި އެ އާޔަތް ނުވާކަމުގައެވެ. އެހެނީ، އާޔަތް ފެށޭތަނުގައި [ފުރިހަމަކުރުން] ގެ ވާހަކަ ގެންނަވާފައިވަނީ މަޖާޒީގޮތުން ކަމުގައި ވާތީއެވެ. އެހެންކަމުން، ޢުމްރާއަކީ ވާޖިބުކަމެއް ނޫނެވެ. ސަބަބަކީ، މަޖާޒަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑުވީމައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =