[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 44

44ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ الإِضْمَارِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޟްމާރުކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ވާހަކައިގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރުޢީ މަޞްދަރަކުން ނައްޞެއް ފެނި، އެ ތަނުގައި އޮންނަ ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރެވިފައިވާ އެއްޗަކަށްވުމާމެދު ނުވަތަ އެ ތަނުގައި އިޟްމާރުއެއް އޮތުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، މަޖާޒަށްވުރެ ތަޚްޞީޞްކުރުމުގެ ހެޔޮކަން ބޮޑުވެފައި، އިޟްމާރުއަށްވުރެ މަޖާޒުގެ ހެޔޮކަން ބޮޑުވުމުން، އިޟްމާރުއަށްވުރެ ތަޚްޞީޞްކުރުމުގެ ހެޔޮކަން ބޮޑުވާނެތީއެވެ.

(މުތަރުޖިމު: އިޟްމާރުއަކީ، ވާހަކައެއްގެ އެއްބައި ލަފްޒުތައް އެ ވާހަކަ ހަމަޖެހޭނޭހެން ވައްޓައިލުމެވެ. އެ ގޮތަށް ވާހަކައިގެ ބަޔެއް ވައްޓައިލެވިފައިވާކަން ބާކީބައިން ދަލީލުކޮށްދޭނެއެވެ. އެ ގޮތަށް ދަލީލު ލިބެނީ ބުއްދީގެ ޒަރީއާއިންނެވެ. ލަފްޒުގެ ޞައްޙަކަމަކުން ނޫނެވެ. މިސާލަކަށް، ހާލު ކިހިނެއްހޭ އެހުމުން [އަހަރެންގެ ހާލު ރަނގަޅު] އޭ ބުނުމުގެ ބަދަލުގައި [ރަނގަޅު] އޭ ބުނުމެވެ. މި ތަނުގައި [އަހަރެންގެ ހާލު] އޭ ނުބުންޏަސް އެ ވާހަކައިގެ އަނެއްބައިން އެ ކަމަށް ދަލީލުކޮށްދެއެވެ.) ބަލާޣާގެ ޢިލްމާއި އުޞޫލުލްފިޤްހް ޢިލްމުގައި ވެސް އިޟްމާރުއަކީ މަޖާޒުގެ ވައްތަރެކެވެ. ތަޚްޞީޞްފަދައިންނެވެ. އެހެންނަމަވެސް، މި ތަނުގައި އިޟްމާރު ބޭނުންކުރެވިފައިވަނީ މަޖާޒުގެ ވައްތަރުތަކުގެ ތެރެއިން ޚާއްޞަ ވައްތަރެއްގެ ގޮތުގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ) (ސޫރަތުލްބަޤަރާ: 185 ވަނަ އާޔަތުގެ އެއްބައި) ގައިވާ [شَهِدَ] އެވެ. އެ ލަފްޒު ދެ މާނައެއްގައި ތަފްސީރުކުރެވެއެވެ. ފުރަތަމަ މާނައަކީ، ޙާޟިރުވެހުރުމުގެ މާނައެވެ. އެބަހީ، ދަތުރުވެރިޔަކު ކަމުގައިނުވެ ރަށުގައި ޤާއިމުވެ ހުރުމެވެ. ދެވަނަ މާނައަކީ: ރޯދަމަސް އެ މީހަކާ ބައްދަލުކޮށްފިމީހާގެ މާނައެވެ. މި ތަނުން ފުރަތަމަ މާނައިގެ މައްޗަށް ބިނާކުރާނަމަ، އިތުރު ކަމެއް އިޟްމާރުކުރަން (މާނަ ހަމަޖައްސަން އިތުރު ލަފްޒުތަކެއް ލާން) ޖެހެއެވެ. އެގޮތުން، އާޔަތުގެ މުރާދަކަށްވާނީ [ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރާ (ޞިއްޙަތު ސަލާމަތުންވާ ހާލު ރަށުގައި ޤާއިމުވެ) ހުރެ ބައްދަލުކޮށްފިމީހާ، އެ މަހުގެ ރޯދަ ހިފާހުށި] މިއެވެ. އަދި ދެވަނަ މާނައިގެ މައްޗަށް ބިނާކުރާނަމަ، ތަޚްޞީޞްކުރުން ވާޖިބެވެ. އެހެނީ، ކުޑަކުދިންނާއި މޮޔައިންނާއި ބަލިމީހުންނާއި ދަތުރުވެރިން ވެސް ރޯދަމަހާ ބައްދަލުކުރާނެތެވެ. އެހެންނަމަވެސް، އެއިން އެއްވެސް ބަޔަކަށް ރޯދަ ވާޖިބެއް ނުވާނެތެވެ. އެހެންކަމުން، ތަޚްޞީޞްކުރުމުން ނުކުންނަ ނަތީޖާއާއި އިޟްމާރުކުރުމުން ނުކުންނަ ނަތީޖާއާ ދެމެދު ފުށުއެރުމެއް އުފެދެއެވެ. ވީއިރު، މި ހާލަތުގައި ރާޖިޙުކުރެވޭނީ ދެވަނަ މާނައެވެ. ސަބަބަކީ، އިޟްމާރުކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑުވީމައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =