[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 47

47ވަނަ ޤަވާޢިދު (ޖުމްލަ 60): الـنَّقْلُ أَوْلَى مِنَ الاِشْتِرَاكِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކްކުރުމަށްވުރެ ނަޤްލުކުރުން އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ލަފްޒެއް އެއީ މުޝްތަރަކުކޮށް ވާރިދުވެފައިވާ ލަފްޒެއްތޯ ނުވަތަ ޝަރުޢީ މާނައަށް ނަޤްލުކުރެވިފައިވާ ލަފްޒެއްތޯ ކަނޑައެޅުމުގައި އިޙްތިމާލު އުފެދިއްޖެނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި އެ ލަފްޒަކީ ނަޤްލުކުރެވިފައިވާ ލަފްޒެއްކަމުގައި ކަނޑައެޅުން އައުލާކަން ބޮޑެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި ތަޢާރުޟުވާހިނދު ނަޤްލުގެ މައްޗަށް އިސްކުރެވޭހުށީ އިޝްތިރާކްއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަމާދުގައި ސޫރަތުލްފާތިޙާ ކިޔެވުމުގެ ޙުކުމާ ގުޅޭގޮތުން އުފެދިފައިވާ ރައުޔުތަފާތުވުމެވެ. ގިނަ ޢިލްމުވެރިން (މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން) ގެ އަރިހުގައި ފާތިޙާ ސޫރަތް ކިޔެވުމީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެ ބޭފުޅުން ދަލީލު ނަންގަވަނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު [ كُلُّ صَلَاةٍ لَمْ يُقْرَأْ فِيـهَا بِـأُمِّ الْقُرْآنِ فَهِـيَ خِدَاجٌ] (ފާތިޙާ ސޫރަތް ނުކިޔަވާ ކޮންމެ صَلَاة އަކީ ބޭކާރު އެއްޗެއް) އިންނެވެ. އެ ބޭފުޅުންގެ ނަޒަރުގައި މި ޙަދީޘުގައިވާ [صَلَاة] އެ ވަނީ އޭގެ ބަހުގެ މާނަކަމުގައިވާ [ދުޢާ] އިން، އޭގެ ޝަރުޢީ މާނަކަމުގައިވާ [ޚާއްޞަ އަޅުކަން] އަށް ނަޤްލުކުރެވިފައެވެ. އެހެންކަމުން، އެ ލަފްޒު މާނަކުރަންޖެހޭނީ އޭގެ ޝަރުޢީ މާނައިގައެވެ. މިއާ ޚިލާފަށް، ޙަނަފީންގެ އަރިހުގައި ފާތިޙާ ސޫރަތް ކިޔެވުމީ ނަމާދުގެ ރުކުނެއް ނޫނެވެ. އެއީ ނަމާދުގެ ވާޖިބެކެވެ. އެ ބޭފުޅުން ވިދާޅުވަނީ، އެ ޙަދީޘުގައިވާ [صَلَاة] އަކީ އޭގެ ބަހުގެ މާނައާއި ޝަރުޢީ މާނަ މުޝްތަރަކުކޮށް ބޭނުންކުރެވޭ ލަފްޒެއް ކަމުގައެވެ. އެ ލަފްޒަކީ މުޝްތަރަކުކޮށް އޮތް ލަފްޒަކަށްވުމުން، އެ ވާނީ މުޖުމަލް ލަފްޒަކަށެވެ. އެހެންކަމުން، އެ ތަނުން ރާޖިޙު މާނަ ނޭނގޭނަމަ އެއިން އެއްވެސް މާނައަކަށް އެއިން ދަލީލުނެގުން ޞައްޙައެއް ނުވާނެއެވެ. ވީއިރު، އެ ޙަދީޘުން ފާތިޙާ ސޫރަތް ކިޔެވުމުގެ މައްސަލައިގައި ދަލީލެއް ނުނެގޭނެއެވެ. ޖަވާބުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، [صَلَاة] ލަފްޒު އިޝްތިރާކްކޮށް އޮތް ލަފްޒެއްގެ ގޮތުގައި ބެލުމާއި ނަޤްލުކުރެވިފައިވާ ލަފްޒެއްގެ ގޮތުގައި ބެލުމުގައި ތަޢާރުޟުވުމެއް އުފެދިއްޖެނަމަ، އެ ބޭފުޅުން ބައްލަވާނީ އެއީ ނަޤްލުކުރެވިފައިވާ ލަފްޒެއް ކަމުގައެވެ. ސަބަބަކީ، އިޝްތިރާކްކުރުމަށްވުރެ ނަޤްލުކުރެވިފައިވާ ލަފްޒެއް ކަމުގައި ކަނޑައެޅުން އައުލާކަން ބޮޑުވީތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =