[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުނިޔެއަކީ ވަށް އެއްޗަކަށްވީއިރު ސީދާ ޤިބުލައަށް ކުރިމަތިލާނީ ކިހިނެތް؟ 1

މާތްވެގެންވާ ކަޢުބާއަށް ކުރިމަތިލުމުގެ މުރާދަކީ ކަޢުބާ ހުރި ދިމާއަށް ކުރިމަތިލުމެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.

﴿… فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ …﴾ [سورة البقرة ١٤٤]

މާނައީ: “… ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުﷲ ގެފުޅާ) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ…”

شَطْرَ الْمَسْجِدِ الْحَرَامِ އަކީ ކޮބާކަމާމެދު އެކި ބޭކަލުންގެ ބަސްފުޅުތައް:

– އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވަނީ އެއީ އެތަނާވީ ފަރާތެވެ.

– އަލްބަރާއު ވިދާޅުވެފައިވަނީ އެއީ އެތަނުގެ ކުރިއެވެ.

– އިބްނު ޒައިދު ވިދާޅުވެފައިވަނީ އެއީ އެތަނާވީ ފަރާތް ނުވަތަ ދިމާލެވެ.

– އަބުލްޢާލިޔާ ވިދާޅުވެފައިވަނީ އެއީ އެތަނާ ކުރިމަތިވާ ގޮތަށެވެ.

[ބައްލަވާ: جامع البيان للطبري 3/176-177]

ފަހެ، މިތަނުގައި މަޤްޞަދަކީ އެއީ ފަރާތް ނުވަތަ ދިމާލެވެ. ދުނިޔެއާއި އެންމެހާ ފަލަކުތަކަށް ހަތަރު ފަރާތް ވާކަމީ ދެބަސްވުމެއް ނެތި ދުނިޔޭގެ އެންމެހާ އަހުލުވެރިންނަށް އެނގިގެންވާ ކަމެކެވެ. އެއީ މީސްތަކުންނާއި ޙަޟާރާތްތަކާއި އިހާއި މިހާރުގެ އެކިދަރިކޮޅުތަކުގައިވާ ޢިލްމުތަކުގައިވެސް ވާފަދައިންނެވެ. އަދި ސަލާމަތް ބުއްދިންވެސް އެނގޭފަދައިންނެވެ. އެފަރާތްތަކަކީ އުތުރާއި، ދެކުނާއި، އިރުމަތި އަދި ހުޅަނގު ފަރާތެވެ. އެއީ ދުނިޔެ އޭގެ ނާރެހުގައި ކަނާއަތުން ވައަތަށް ދައުރުކުރާ ދައުރުވުމަށް ނިސްބަތްކޮށެވެ. އަދި ދުނިޔޭގައި އޭގެ ޛާތުގައި ﷲ ލައްވާފައިވާ ދަމާބާރުގެ ސަބަބުން ކޮންމެ ދިމާލަކުންވެސް ސަމުގާތަކުން އުތުރާއި ދެކުނު ފާހަގަކުރާ ފަދައިންނެވެ…

ފަހެ، އޭގެ ދައުރުވުމުގެ ސަބަބުން ހުޅަނގު ފަރާތް އިރުމަތި ފަރާތަށް އަދި އުތުރު ފަރާތް ދެކުނު ފަރާތަށް ދާކަމަށް ކުރާ ދަޢުވާއިން ނުވަތަ ބިމަކީ ވަށް އެއްޗަކަށްވުމަކުން މިހަތަރު ފަރާތް ވާކަން ނަފީއެއް ނުވެއެވެ.

މިހިސާބުން ދެނެގަންނަންވީ ކަމަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުތުރު ފަރާތުގައި ހުރި މީހަކަށް ޤިބުލަވާނީ ދެކުނު ފަރާތަށެވެ. އަދި ދެކުނު ފަރާތުގައި ހުރި މީހަކަށް ޤިބުލަވާނީ އުތުރު ފަރާތުގައެވެ. އަދި އިރުމަތީ ފަރާތުގައި ހުރި މީހަކަށް ޤިބުލަވާނީ ހުޅަނގު ފަރާތުގައެވެ. އަދި ހުޅަނގު ފަރާތުގައި ހުރި މީހަކަށް ޤިބުލަވާނީ އިރުމަތީ ފަރާތުގައެވެ. މިއީ ޝަރުޢުގައި ޤިބުލައަށް ކުރިމަތި ލުމަށް އަންގަވާފައިވާ ގޮތެވެ.

މިއީ ހަމައެކަނި ޤިބުލައަށް އޮތް ކަމެއް ނޫނެވެ. މިދުނިޔޭގައިވާ ހުރިހާ ރަށްތަކާއި އެތަންތަން ނިސްބަތްކުރާ ފަރާތްތަކަށްވެސް އޮތް ކަމެކެވެ. އެގޮތުން ޔޫރަޕް ބައްރަކީ އެފްރިކާ ބައްރުގެ ދެކުނުގައި އޮންނަ ތަނެކޭ ނުބުނާނެއެވެ. އެއީ އެފްރިކާއިން ދެކުނަށް ގޮސް ދުނިޔެ ވަށާލާފައި ޔޫރަޕަށް ދެވުނަސް މެއެވެ.

އަދި މިޘާލަކަށް އިންޑިއާގައި ހުރި މީހެއް ކައިރި އެމެރިކާ ބައްރު ވަނީ ކޮން ދިމާލެއްގައިތޯ އެހުމުން އިރުމަތީ ފަރާތަށް އިޝާރާތެއް ނުކުރާނެއެވެ. އެހެނެއްކަމަކު އިޝާރާތް ކުރާނީ ހުޅަނގު ފަރާތަށެވެ. އިރުމަތީ ފަރާތުން ގޮސް ދުނިޔެ ވަށާ އެތަނަށް ދެވުނުކަމުގައި ވިޔަސްމެއެވެ. ތަނެއް އޮތް ފަރާތަކާއި އެތަނަކަށް ވާޞިލުވެވޭ ގޮތް އެއީ މުޅިން ތަފާތު ދެކަމެކެވެ.

ފަހެ، މީސްތަކުންގެ ތެރޭގައި އަދި ޝަރީޢަތުގައިވެސް ޢާންމުވެފައި އޮތް ޢުރުފަކީ މުޅި ދުނިޔެއަށް އޭގެ ޛާތުގައި ޘާބިތުވެފައިވާ ފަރާތްތަކަކީ އުތުރާއި، ދެކުނާއި، އިރުމަތި އަދި ހުޅަނގު ފަރާތެވެ. އަދި ދަގައްފާނު ސަމުގާތައް ކޮންމެ ތަނަކުންވެސް އިޝާރާތް ކުރާ، ދުނިޔެއަށް އޭގެ ޛާތުގައި ޘާބިތުވެފައިވާ ބަދަލެއް ނުވާ ފަރާތްތަކެކެވެ.

=ނުނިމޭ=

______________________________

މަޞްދަރު

ދުނިޔެއަކީ ވަށް އެއްޗަކަށްވީއިރު ސީދާ ޤިބުލައަށް ކުރިމަތިލާނީ ކިހިނެތް؟ 2