[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުނިޔެއަކީ ވަށް އެއްޗަކަށްވީއިރު ސީދާ ޤިބުލައަށް ކުރިމަތިލާނީ ކިހިނެތް؟ 2

މިތަނުގައި ދެނެގަންނަންވީ ކަމަކީ ޝަރީޢަތުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ޢުރުފުގައި ޘާބިތުވެފައިވާ ފަދައިން ޤިބުލައާވީ ފަރާތަށް ކުރިމަތިލުން ކަމެވެ. އެތަނަށް ވާޞިލުވެވެން އޮތް ކޮންމެ މަގަގުން ދިއުމެއް ނޫނެވެ. ފަހެ، މިދެކަމުގެ ފަރަގު އެނގިފާޅުވެގެން ވެއެވެ.

އެގޮތުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގައި ޤިބުލައަށް ކުރިމަތިލުން ނަހީ ކުރެއްވިހިނދު، ޤިބުލައަށް ފުރަގަސްދިނުންވެސް ވަނީ ނަހީކުރައްވާފައެވެ. ދުނިޔެއަކީ ވަށް އެއްޗަކަށްވާއިރު “ފުރަގަސްދިނުން”ވެސް ވާނީ ހަމަ ޤިބުލައަށް ކުރިމަތިލުމަށެވެ. ނަމަވެސް ޤިބުލައަށް ކުރިމަތިލުމަކީ ކުރިން ބަޔާންވެ ދިޔަ ފަދައިން ދުނިޔޭގެ ނިސްބަތުން ބަލާއިރު ޤިބުލައާވީ ފަރާތަށް ހުރުމެވެ. ނަބިއްޔާ صلى الله عليه وسلم އެވަނީ ޤިބުލައަށް ފުރަގަސްދިނުންވެސް ބަޔާންކުރައްވާ އެކަންވެސް ނަހީކުރައްވާފައެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

((إِذَا أَتَى أَحَدُكُمُ الْغَائِطَ فَلاَ يَسْتَقْبِلِ الْقِبْلَةَ وَلاَ يُوَلِّهَا ظَهْرَهُ ، شَرِّقُوا أَوْ غَرِّبُوا)) [رواه البخاري]

މާނައީ: “ތިޔަބައިމީހުން ކުޑަކަމުދާނަމަ ޤިބުލައަށް ކުރިމަތި ނުލާށެވެ. އަދި ޤިބުލައަށް ފުރަގަސްވެސް ނުދޭށެވެ. އެހެނެއްކަމަކު އިރުމަތީ ފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ޖެހޭށެވެ.”

އެހެންކަމުން ކަޢުބާއަށް ކުރިމަތިލުމަށް އަމުރުކުރެއްވުމުގެ ކުރިން މުސްލިމުން ނަމާދު ކުރަމުން ދިޔައީ ބައިތުލްމަޤްދިސްއަށް ކުރިމަތިލައިގެންނެވެ. އެހެންކަމުން މަދީނާގެ އަހުލުވެރިން ނަމާދުގައި ތިބެނީ ދެކުނު ފަރާތަށް (ޝާމްކަރައާވީ ފަރާތަށް) ކުރިމަތިލައިގެންނެވެ. ދުނިޔެއަކީ ވަށްއެއްޗަކަށްވާއިރު ޝާމްކަރައާވީ ފަރާތަށް ކުރިމަތިލިއެއްކަމަކު މައްކާގައިވާ ޤިބުލައަށްވެސް ކުރިމަތިލެވުނީއެވެ. ނަމަވެސް މިފަދައިން ކުރިމަތިލުން ޝަރީޢަތުގައިވާ ގޮތާ ޚިލާފެވެ. އެއީ ކުރިންވެސް ބަޔާންވެ ދިޔަ ފަދައިން ދުނިޔޭގެ ނިސްބަތުން ބަލާއިރު ދެފަރާތް ތަފާތުވާތީއެވެ.

އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

“بَيْنَمَا النَّاسُ فِى صَلاَةِ الصُّبْحِ بِقُبَاءٍ إِذْ جَاءَهُمْ آتٍ فَقَالَ إِنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ. وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْكَعْبَةَ فَاسْتَقْبِلُوهَا. وَكَانَتْ وُجُوهُهُمْ إِلَى الشَّامِ فَاسْتَدَارُوا إِلَى الْكَعْبَةِ.” [رواه مسلم]

މާނައީ: “ޤުބާގެ އަހުލުވެރިން ފަތިސް ނަމާދަށް ތިއްބާ އެބައިމީހުންގެ ތެރެއަށް އައި މީހަކު ބުންޏެވެ. ހަމަކަށަވަރުން ރޭގައި ރަސޫލުﷲ صلى الله عليه وسلم އަށް ވަޙީ ބާވައިލެއްވުނެވެ. ފަހެ، އަމުރުކުރެއްވީ ކަޢުބާއަށް ކުރިމަތިލުމަށެވެ. ފަހެ، ތިޔަބައިމީހުން ކަޢުބާއަށް ކުރިމަތިލާށެވެ. އެހިނދު އެބައިމީހުން މޫނުތައްވަނީ ޝާމްކަރައަށް ކުރިމަތިކުރެވިފައެވެ. ފަހެ، އެވަގުތު އެބައިމީހުން ކަޢުބާއާ ދިމާއަށް އެނބުރުނެވެ.”

މުސްލިމަކު ކަޢުބާގެ އެއްކަން އޭނާގެ ފުރަގަހަށްވާ ގޮތަށް ހުއްޓިހުރެ ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެކަމަށް އިސްލާމްދީނުގެ ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. އެހެނީ އޭނާއެވަނީ ކަޢުބާގެ ބަޔަކަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ކަޢުބާއަށް ކުރިމަތިލީކަމަކަށް ނުވާނެއެވެ. އެހެނީ ކުރިމަތިލުމާއި ފުރަގަސްދިނުމުގެ އަސާސަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުރިމައްޗާއި ފަހަތެވެ.

ދުނިޔެއަކީ ވަށް އެއްޗަކަށްވުމުން ކަޢުބާއަށް ފުރަގަސްދީގެން ނަމާދު ކުރާ މީހާވެސް އެހުރެވެނީ ކަޢުބާއަށް ކުރިމަތިލައިގެން ކަމުގައި ނުބުނެވޭނެއެވެ. އެމަގުން ކަޢުބާއަށް ވާޞިލުވެވުނަސް ދުނިޔޭގެ ނިސްބަތުން ބަލާއިރު އެހުރެވެނީ ފުރަގަސްދީގެންނެވެ. އެހެންކަމުން އޭނާގެ ނަމާދު ޞައްޙަވާނެ ކަމަށް އިސްލާމްދީނުގެ އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައެއް ނުވެއެވެ. އެއީ ކުރިއާއި ފަހުގެ ޢިލްމުވެރިން، ޞައްޙަ ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔެއަކީ ވަށް އެއްޗެއްކަމުގައި އިއްތިފާޤުވެފައިވާއިރުވެސްމެއެވެ.

=ނިމުނީ=

______________________________

މަޞްދަރު

ދުނިޔެއަކީ ވަށް އެއްޗަކަށްވީއިރު ސީދާ ޤިބުލައަށް ކުރިމަތިލާނީ ކިހިނެތް؟ 1