[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 49

49ވަނަ ޤަވާޢިދު (ޖުމްލަ 60): الإِضْمَارُ مُسَاوٍ لِلـمَجَازِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޟްމާރުކުރުން މަޖާޒްކަމަށް ކަނޑައެޅުމާ ހަމަހަމަވެގެންވޭ}

މި ޤަވާޢިދުގެ މުރާދު: މާނަ ވިސްނައިގަތުމުގައި ތަޢާރުޟުވުމެއް އުފެދި، ވަކި ގޮތަކަށް ލަފްޒުން ކަނޑައެޅިފައި ނެތި، އޭގެ މާނައަކީ މަޖާޒީ މާނަތޯ ނުވަތަ އިޟްމާރުކުރެވޭ މާނަތޯ ކަނޑައެޅުމުގައި ދެކޮޅަށްކިރޭނަމަ، އެއާމެދު ވަކި ގޮތަކަށް ކަނޑައެޅުމެއްނެތި ހުއްޓިހުންނާނީއެވެ. އެހެނީ، އެހިނދު އެއީ މުޖުމަލުކޮށް އޮތް ވާހަކައެއްކަމުން، ލަފްޒުގެ މުރާދު ބަޔާންކޮށްދޭ ދަލީލެއް ނުވަތަ ޤަރީނާއެއް ނެތި އެއާމެދު ވަކި ގޮތަކަށް ޙުކުމްކޮށް ވަކި މާނައަކަށް ތަރުޖީޙުދީ ނުހެދޭނެތީއެވެ. ސަބަބަކީ، މަޖާޒާއި އިޟްމާރުއަކީ ތަޢާރުޟުވާހިނދު އެއް ދަރަޖައެއްގެ ދޭތިކަމުގައި ވާތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އައްރާޒީގެ ނަޒަރުގައި އިޟްމާރުކުރުމަށްވުރެ މަޖާޒްކަމަށް ކަނޑައެޅުން އައުލާކަން ބޮޑެވެ. އެހެންކަމުން، އެ ބޭފުޅާގެ ނަޒަރުގައި، އެ ދޭތި ތަޢާރުޟުވާހިނދު އެ ތަނުން މަޖާޒު އިސްކުރެވޭނެއެވެ. އެއީ، ޢަރަބިބަހުގައި މަޖާޒު އޮންނަލެއް ގިނަކަމުންނެވެ. އަދި އެ ބޭފުޅާގެ ނަޒަރުގައި އެ ގޮތަށް ގިނައިން މަޖާޒު އޮތުމީ، ދަލީލާ ޚިލާފުވުން މަދުކަމުގެ ދަލީލެކެވެ. އަދި ޝައްކުއުފެދިފައިވާ ތަނެއްގައި ޡައްނު ލިއްބައިދޭނޭ ކަމެކެވެ. އަދި މިއީ، އަލްހިންދީގެ ވެސް އިޚްތިޔާރުކުރެއްވި ރައުޔެވެ.

އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ދޭތި ތަޢާރުޟުވާ ހާލަތުގައި އިޟްމާރު އައުލާކަން ބޮޑެވެ. އެހެންކަމުން، އިސްކުރެވޭނީ އިޟްމާރުކުރުމެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، ޢަރަބީންގެ ތެރޭގައި ވާހަކަދައްކާއިރު އިޟްމާރު އޮންނަހެން ވާހަކައިގެ ތަންތަންކޮޅު އުނިކޮށް ވާހަކަދެއްކުމީ މަޖާޒުކޮށް ވާހަކަދެއްކުމަށްވުރެ މާ ގިނައިން އޮންނަ ކަމެއް ކަމުގައި ވާތީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَإِنْ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلاَّ أَنْ يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ) (ސޫރަތުލްބަޤަރާ: 237 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން އެ ކަނބަލުންނަށް ރަނެއް ކަނޑައަޅާފައިވާ ހާލު، އެ ކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެ ކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެ ކަނބަލުންނަށް) ދިނުން ހުށްޓެވެ. (އެއީ) އެ ކަނބަލުން ޢަފޫކުރުމުން މެނުވީއެވެ. ނުވަތަ ކާވެނީގެ ގޮށް އެ މީހެއްގެ އަތުގައިވާ މީހާ ޢަފޫކުރުމުން މެނުވީއެވެ.] މި އާޔަތުގައިވާ [الَّذِي بِيَدِهِ عُقْدَةُ النِّكَاحِ] ގެ މުރާދާ ގުޅޭގޮތުން ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. ބުނެވޭގޮތުން އޭގެ މުރާދަކީ، ވަލީވެރިޔާއެވެ. ސަބަބަކީ، ވަލީވެރިޔާއަކީ ވަރިކުރުމުގެކުރިން ކައިވެނީގެ ޢަޤްދުކުރުމުގެ ބާރު އެ މީހެއްގެ އަތުގައި އޮންނަ މީހާ ކަމުގައި ވާތީއެވެ. އެއީ ކުރިން އެ ކަން އޮތްގޮތަށް ބިނާކޮށެވެ. އެހެންވެއްޖެނަމަ، އެ ލަފްޒު އެ ވަނީ މަޖާޒީކޮށެވެ. އަދި އާޔަތުގައިވާ އެންގެވުން އަމާޒުކުރެވޭނީ އޭނާއަށެވެ. މިއާ ޚިލާފަށް، ބުނެވޭގޮތުން އޭގެ މުރާދަކީ، ފިރިމީހާއެވެ. އެހެނީ، އެ އާޔަތުގައި އިޟްމާރުއެއް ވެއެވެ. އެ އިޟްމާރުގެ ސަބަބުން އެ އާޔަތުގެ މާނަ ހަމަޖައްސަނީ [الَّذِي بِيَدِهِ الاِسْتِمْتَاع بِعُقْدَةِ النِّكَاحِ] (ކައިވެނީގެ ގޮށުގެ ޒަރީއާއިން އަރާމާއި އުފާލިބުމަށްއެދުން އެ މީހެއްގެ އަތްމަތީގައިވާ މީހާ) މިފަދައިންނެވެ. ކޮންމެއަކަސް، އެ އާޔަތުގައިވާ މަޖާޒާއި އިޟްމާރު ތަޢާރުޟުވާތީ، އިތުރު ޤަރީނާއެއް ލިބިއްޖައުމަށްދާންދެން އެއިން އެއްވެސް ކޮޅަކަށް އިސްކަންދިނުމެއް ނުވެއެވެ. އެހެނީ، އެ ހާލަތުގައި އެ ދޭތި ހަމަހަމަވެގެންވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =