50ވަނަ ޤަވާޢިދު (ޖުމްލަ 60): الصَّرِيْحُ مُقَدَّمٌ عَلَى الدَّلَالَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {ދަލާލަތުގެ މައްޗަށް ޞަރީޙު އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޞަރީޙުއާއި ދަލާލަތު އެއްވެއްޖެނަމަ، ބަރޯސާވެވޭނީ ޞަރީޙުއަށެވެ. އެ ހާލަތުގައި ދަލާލަތުއަށް ބަރޯސާވުމެއް ނުވެއެވެ. އެގޮތުން، ކަމެއް ކުރުމަށް دَلَالَـةُ الـحَـالِ އިން ހުއްދަދެވިފައި، އެ ކަންތައް ކުރުން ޞަރީޙަކޮށް މަނާކުރެވިއްޖެނަމަ، ދަލާލަތުން ދެވިފައި އެވާ ހުއްދައަށް ބަރޯސާވުމެއް ނުވެއެވެ. އެގޮތުން، އެއް ޒަމާނެއްގެ ކަމަކާ ގުޅޭގޮތުން ދަލާލަތުއާއި ޞަރީޙު އޮތްނަމަ، ޞަރީޙުގެ ސަބަބުން ދަލާލަތު ބާޠިލުވެގެންދާނެއެވެ. އަދި ދަލާލަތުގެ މައްޗަށް ޞަރީޙު އިސްކުރެވޭނެއެވެ. އެހެންނަމަވެސް، ދަލާލަތާ އެއްގޮތަށް ޢަމަލުކުރުމަށްފަހު (އެބަހީ، ދަލާލަތަށް ބިނާކޮށް ޙުކުމް ތަރުތީބުވުމަށްފަހު) ޞަރީޙުއަށް ބަރޯސާވުމެއް ނުވެއެވެ.
ދެން ފަހެ، މި ޤަވާޢިދަކީ ފިޤުހާއި އުޞޫލުލްފިޤްހްގައި ވެސް ބޭނުންކުރެވޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. މި ޤަވާޢިދުގައިވާ [ޞަރީޙު] ގެ މުރާދަކީ، މުރާދު ޡާހިރީކޮށް (ބޭރުފުށުން ފެންނަން) ހުންނަ ލަފްޒެވެ. މިސާލަކަށް، ގަނެވިއްކާއިރު، بِعْتُ (އަހުރެން ވިއްކައިފިން) އާއި اِشْتَرَيْتُ (އަހުރެން ގަނެފިން) ފަދަ ލަފްޒުތައް ބޭނުންކުރުމެވެ. ޞަރީޙުގެ ޙުކުމްތަކުގެ ތެރޭގައި، ޞަރީޙުކަން އެނގެންއޮތީ ކޮންމެފަދަ ގޮތަކުން ކަމުގައި ވިޔަސް އޭގެ މާނަ ސާބިތުވުމާއި، ނިޔަތަށް ބޭނުން ނުޖެހުން ހިމެނެއެވެ. އަކްމަލުއްދީން އަލްބާބަރްތީ ވިދާޅުވެފައިވަނީ، ޞަރީޙުގެ ތެރޭގައި ނައްޞުއާއި މުފައްސަރު ވެސް ޝާމިލުވާ ކަމުގައެވެ. އަދި އައްޠޫފީ ވިދާޅުވެފައިވަނީ، ފިޤުހުވެރިންނާއި އުޞޫލީންގެ އިޞްޠިލާޙުގައި ނައްޞުއަކީ މާނައިގެގޮތުން ޞަރީޙުކަމުގައެވެ. ނައްޞުއަކީ މާނައިގެގޮތުން ޞަރީޙުއޭ ބުނެވޭ ބަހުގެ މުރާދަކީ، އެއީ އޭގައި ބަޔާންވެފައިވާ ކަންތަކަށް ޚާލިޞްކޮށް ދަލީލުކޮށްދޭ، އެހެން ކަމަކަށް ދަލީލުކޮށްދިނުމާމެދު އެއްވެސް އިޙްތިމާލެއް ނުއުފެދޭ ކަމަކަށްވުމެވެ.
މިއާ ޚިލާފަށް، ދަލާލަތުއަކީ، އެއްޗެއް ހާލަތެއްގައި އޮތް އޮތުމުން އެނގުނު އެނގުމުން އެހެން އެއްޗެއް އެނގުން ލާޒިމުކުރުމެވެ. އޭގެ ތެރޭގައި ލަފްޒީއާއި ލަފްޒީނޫން ދަލާލަތު ވެއެވެ. އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން ދަލާލަތު ދެ ބަޔަކަށް ބައިކުރައްވަތެވެ. އެއީ، މަންޠޫޤުއަށާއި މަފްހޫމުއަށެވެ. މި ތަނުން މަންޠޫޤު، ޞަރީޙުގެ ތެރެއަށް ވަދެއެވެ. އަދި މަފްހޫމުގެ ތެރޭގައި ޞަރީޙުއާއި ޞަރީޙުނޫން މަފްހޫމު ވެއެވެ. މި ތަނުން ޞަރީޙުނޫން މަފްހޫމުއަކީ މި ޤަވާޢިދުގައި މުރާދުވެވިގެންވާ ދަލާލަތުއެވެ.
އަދި ޞަރީޙުގެ އިދިކޮޅުގައި އޮންނަނީ ކިނާޔަތުއެވެ. ކިނާޔަތު ވަންނަނީ ދަލާލަތުގެ ވައްތަރުތަކުގެ ތެރެއަށެވެ. ކިނާޔަތުއަކީ، އަމިއްލަ ޒާތުން ފިޔަވައި އެހެން ކަމަކުން މުރާދަށް ދަލީލުކޮށްދޭ އެއްޗެވެ. ކިނާޔަތުގެ ޙުކުމްތަކުގެ ތެރޭގައި، ނިޔަތް އޮވެގެން ނޫނީ އެއިން ޙުކުމް ސާބިތުނުވުން ހިމެނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ مِنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާހިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ.]
މި އާޔަތުން ޙަނަފީން ދެ ކަމަކަށް ދަލީލުނަންގަވަތެވެ. ފުރަތަމަ ކަމަކީ، ފަރުޟުނަމާދުގެ ވަގުތު ވަނުމުގެ ކުރިން އެ ނަމާދަށްޓަކައި ތަޔައްމުމުކުރުން ހުއްދަކަމެވެ. ދެވަނަ ކަމަކީ، އެއް ތަޔައްމުމުން އެއް ފަރުޟުނަމާދަށްވުރެ ގިނަ ފަރުޟުނަމާދު ކުރުން ހުއްދަކަމެވެ. އެ ބޭފުޅުން ސަބަބެއް ކަމުގައި ވިދާޅުވަނީ، ﷲ ތަޢާލާގެ ވަޙީބަސްފުޅު [لِـيُـطَـهِّـرَكُـمْ] (ތިޔަބައިމީހުން ޠާހިރުކުރެއްވުމަށް) އިން ޞަރީޙުކޮށް ތަޔައްމުމުން ޠަހާރަތު ޙާޞިލުވާކަން އެނގޭތީއެވެ. ޠަހާރަތު (ޠާހިރުކަން) ހާސިލުވެއްޖެނަމަ، އެ ޠާހިރުކަންމަތީ ފަރުޟުނަމާދުތައް އަދާކުރުން ހުއްދަވާނެއެވެ. އަދި ވަގުތު ވަނުމުގެ ކުރިން އެ ޠާހިރުކަން ގެނެސްގަތުން ވެސް ހުއްދަވާނެއެވެ. ޙަނަފީންގެ ފިޤުހު ފޮތެއް ކަމުގައިވާ [އަލްބަޙްރުއްރާއިޤް] ގައިވަނީ، ތަޔައްމުމުއަކީ ފެން ނެތް ހާލަތުގައި އޮތް މުޠުލަޤު ބަދަލެއްކަމުގައެވެ. އަދި އެއީ ޟަރޫރީކަމެއް ނޫންކަމުގައެވެ. އަދި ފެން ލިބިއްޖައުމަށްދާންދެން އެއިން ޙަދަޘްވެރިކަން ފިލުވައިދޭނޭކަމުގައެވެ. އަދި އެއީ ޙަދަޘްވެރިވެފައިވާ ހާލު ނަމާދުކުރުން ހުއްދަކޮށްދޭ ކަމެއް ނޫން ކަމުގައެވެ.
އެހެންނަމަވެސް، ޙަނަފީންނާ ޚިލާފަށް، އައްޝާފިޢީ ވިދާޅުވެފައިވަނީ، ތަޔައްމުމުކުރުމީ ޙަދަޘްވެރިކަން ޙަޤީޤަތުގައި އޮތް ހާލު ނަމާދުކުރުން ހުއްދަކޮށްދޭ ޟަރޫރީ ބަދަލެއް ކަމުގައެވެ. އެހެންކަމުން، ނަމާދުގެ ވަގުތުވަނުމުގެކުރިން ތަޔައްމުމުކުރުން ހުއްދައެއް ނުވާނެއެވެ. އެހެންކަމުން، ޝާފިޢީންގެ އަރިހުގައި ތަޔައްމުމުން އެއް ފަރުޟު ނަމާދަށްވުރެ ގިނަ ފަރުޟު ނަމާދު އަދާކުރުން ހުއްދައެއް ނޫނެވެ.
ދެން ފަހެ، މި ތަނުން ޙަނަފީންގެ ބަހަށް ތާއީދުލިބެނީ ޞަރީޙު ނައްޞުންނެވެ. އަދި ޝާފިޢީންގެ ބަހަކީ އިސްތިދުލާލެކެވެ. ދަލާލަތުއަށްވުރެ ޞަރީޙުގެ ވަރުގަދަކަން ބޮޑެވެ. އެހެންކަމުން، މި ޤަވާޢިދަށް ބިނާކޮށް މި ތަނުގައި އިސްކުރެވޭނީ ޙަނަފީންގެ ބަސްފުޅު ނުވަތަ ރައުޔެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =