51ވަނަ ޤަވާޢިދު (ޖުމްލަ 60): النَّصُّ مُقَدَّمٌ عَلَى الظَّاهِرِ
މި ޤަވާޢިދުގެ ތަރުޖަމާ: {ޡާހިރުގެ މައްޗަށް ނައްޞު އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ނައްޞުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމާއި ޡާހިރުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމާ ފުށުއަރައިފި ހާލަތުގައި އިސްކުރެވޭނީ، ނައްޞުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ.
މި ތަނުގައި ނައްޞުގެ މުރާދަކީ، އެ ލަފްޒަކުން ދަލީލު ލިއްބައިދޭ ކަންތަކަށް ޤަޠުޢީކޮށް ދަލީލުކޮށްދޭ، އަދި އެއްވެސް އިޙްތިމާލެއް ނެތި އަމިއްލަ ޒާތުގައި ދަލީލުކޮށްދޭ ކޮންމެ ލަފްޒެކެވެ. ކައިރި އިޙްތިމާލެއް ވިޔަސް ނުވަތަ ދުރު އިޙްތިމާލެއް ވިޔަސް ނެތް ހާލުގައެވެ. މިސާލަކަށް، [ފަހެއް] އެވެ. ފަހެކޭ ބުނުމުން ހަޔަކަށްވުމުގެ ނުވަތަ ހަތަރަކަށްވުމުގެ ނުވަތަ އެހެންވެސް އަދަދެއްކަމުގައިވުމުގެ އެއްވެސް އިޙްތިމާލެއް ނުއުފެދެއެވެ. އަދި [އަސް] އެވެ. އަހެކޭ ބުނުމުން ޙިމާރަކަށްވުމުގެ ނުވަތަ އެހެންވެސް ޖަނަވާރަކަށްވުމުގެ އިޙްތިމާލެއް ނުއުފެދެއެވެ. ޙަނަފީންގެ އަރިހުގައި ނައްޞުއަކީ، ޡާހިރުއަށްވުރެ ފާޅުކަމާއި ސާފުކަން އިތުރުވެފައިވާ ލަފްޒެވެ. އެއީ، ވާހަކަދެއްކިމީހާގެ ފުށުން ނުކުތް މާނައަކުންނެވެ. އޭނާ ބޭނުންކުރި ޞީޣާގެ ޒާތަކުންނެއް ނޫނެވެ.
އަދި މި ތަނުގައި ޡާހިރުގެ މުރާދަކީ، ވަކި މާނައަކަށް ހީވާ ހީވުމަށް ބުރަވެވޭ ލަފްޒެވެ. އެއީ، އެ ނޫން މާނައެއް އޮތުން އެކަށީގެންވާ ހާލުގައެވެ. ނުވަތަ ޡާހިރުއަކީ، ދެ މާނައަކަށް އިޙްތިމާލު އުފެދޭ ލަފްޒެވެ. އެއީ، އެ ތަނުން އެއް މާނަ އަނެއް މާނައަށްވުރެ ޡާހިރުކަން (ފާޅުކަން) ބޮޑު ހާލުގައެވެ. ޙަނަފީންގެ އަރިހުގައި ޡާހިރުއަކީ، އިވުނުއަޑުގެ ޒާތުން މުރާދު އެނގުނު ލަފްޒެވެ. އެ މުރާދު އެނގުނީ އިތުރަށް ވިސްނައި ފިކުރުހިންގުމަކާ ނުލައެވެ.
ދެން ފަހެ، ޡާހިރުއަށްވުރެ ނައްޞުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން މާ ވަރުގަދައެވެ. ސަބަބަކީ، ނައްޞުއިން ދަލީލުކޮށްދޭ މުރާދަށް އެއިން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން ޤަޠުޢީވެފައި، އެއްވެސް ތައުވީލަކަށް އިޙްތިމާލު ނުއުފެދޭތީއެވެ. މިއާ ޚިލާފަށް، ޡާހިރުއިން ދަލީލުކޮށްދޭ މުރާދަށް އެއިން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމީ ޡައްނީ ދަލީލުކޮށްދިނުމެކެވެ. ސަބަބަކީ، އެ ތައުވީލުކުރަންޖެހުމުގެ އިޙްތިމާލު އުފެދޭތީއެވެ. ވީއިރު، ބާރުގަދަ އެއްޗަށް ޢަމަލުކުރުން އައުލާކަން ބޮޑެވެ. އަދި ޡާހިރުގެ މައްޗަށް ނައްޞު އިސްކުރުމުގައި ދެ ދަލީލު (ނައްޞުކޮށް އޮތް ދަލީލާއި ޡާހިރުކޮށް އޮތް ދަލީލު) ޖަމްޢުކުރުން ވެއެވެ. އެއިން އެއް ދަލީލު ބާޠިލުކުރުމަށްވުރެ އެ ގޮތް އައުލާކަން ބޮޑެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا) (ސޫރަތުލްބަޤަރާ: 275 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ ގަނެވިއްކުން ޙަލާލުކުރެއްވިއެވެ. އަދި ރިބާ ޙަރާމްކުރެއްވިއެވެ.] މި އާޔަތަކީ، ގަނެވިއްކުމުގެ އެންމެހައި ވައްތަރެއް ހުއްދަކަމަށް ޡާހިރުކޮށް (އެބަހީ، ބޭރުފުށުން) އޮތް އާޔަތެކެވެ. އެހެންނަމަވެސް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަނޑައެޅިގެންވާ ބައެއް ބާވަތްތަކުގެ ގަނެވިއްކުން ނައްޞުކުރައްވައި ނަހީކުރައްވާފައިވެއެވެ. އޭގެ ތެރޭގައި، [لَا تَبِعْ مَا لَيْسَ عِنْدَكَ] (ތިބާގެ އަތުގައި ނުވާ އެއްޗެއް ނުވިއްކާށެވެ!) މިފަދައިން ޙަދީޘްކުރައްވާފައިވާ ބަސްފުޅާއި، އަދި [لاَ تَبِيعُوا الذَّهَبَ بِالذَّهَبِ إِلاَ سَوَاءً بِسَوَاءٍ، وَالْفِضَّةَ بِالْفِضَّةِ إِلاَ سَوَاءً بِسَوَاءٍ] (ތިޔަބައިމީހުން ރަނަށް ރަން ވިއްކާނަމަ އެއް ދެ ފަރާތުން ވެސް ހަމަހަމަކޮށް މެނުވީ ނުވިއްކާށެވެ! އަދި ރިއްސަށް ރިހި ވިއްކާނަމަ ދެ ފަރާތުން ވެސް ހަމަހަމަކޮށް މެނުވީ ނުވިއްކާށެވެ!) މިފަދައިން ޙަދީޘްކުރައްވާފައިވާ ބަސްފުޅު ހިމެނެއެވެ. އެހެންކަމުން، އާޔަތުގައި ޡާހިރުކޮށް އޮތް ޙަލާލުކަމުގެ މައްޗަށް، މި ނައްޞުތަކުގައިވާ ނަހީތައް އިސްކުރެވި، އެ ބާވަތްތަކުގެ ގަނެވިއްކުންތައް ހުއްދަނޫންކަމަށް ކަނޑައެޅޭނެއެވެ. ސަބަބަކީ، ތަޢާރުޟުވާހިނދު ޡާހިރުގެ މައްޗަށް ނައްޞު އިސްކުރެވޭނެތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =