[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 53

53ވަނަ ޤަވާޢިދު (ޖުމްލަ 60): الخَاصُّ مُقَدَّمٌ عَلَى العَامِّ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ދެ ލަފްޒެއް ނުވަތަ ދަލީލެއް ފުށުއެރިއިރު، އެ ތަނުން އެކަތި ޚާއްޞަކޮށް އޮވެފައި، އަނެއް އެތި ޢާއްމުކޮށް އޮތްނަމަ، މުޠުލަޤުކޮށް ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެއެވެ. އެ ޚާއްޞުއަކީ އެ ޢާއްމުއަށްވުރެ އިސްވެފައިވާ (އެބަހީ، ކުރިން އައިސްފައިވާ) އެއްޗެއް ކަމުގައި ވިޔަސް ނުވަތަ ފަސްވެފައިވާ (އެބަހީ، ފަހުން އައިސްފައިވާ) އެއްޗެއް ކަމުގައި ވިޔަސް މެއެވެ. އެއީ، ދަލީލުތަކުގެ މެދުގައި ޖަމްޢުކުރުމުގެ ގޮތުންނެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އަބޫޙަނީފާއާއި ބައެއް މުޢުތަޒިލާއިންގެ ނަޒަރުގައި އަދި އަޙްމަދު ބްނު ޙަންބަލްގެ އެއް ރިވާޔަތުގައިވާ ގޮތުން، އެ ޢާއްމުއަކީ ޚާއްޞުއަށްވުރެ ފަހުން އައިސްފައިވާ އެއްޗެއް ކަމުގައިވާނަމަ، އެ ޢާއްމުގެ ސަބަބުން އެ ޚާއްޞު ނަސްޚުވެގެންދާނެއެވެ. ސަބަބަކީ، އެ ބޭފުޅުންގެ އަރިހުގައި މިފަދަ ހާލަތްތަކުގައި ފަހުގެ އެތިން ކުރީގެ އެތި ނަސްޚުކުރާތީއެވެ. އެހެންނަމަވެސް، އެ ޚާއްޞު އައިސްފައިވަނީ އެ ޢާއްމުއަށްވުރެ ފަހުން ކަމުގައިވާނަމަ، އަދި އެ ދޭތި އައިސްފައިވަނީ ގުޅިގެންކަމުގައިވާނަމަ، އެ ޢާއްމުގެ މައްޗަށް އެ ޚާއްޞު އިސްކުރެވޭނެއެވެ. މި ހާލަތުގައި އެ ދޭތި އެކަތި އަނެކައްޗާ މެދުކެނޑިގެން އައިސްފައިނުވާތީ، އެ ޚާއްޞުގެ ސަބަބުން އެ ޢާއްމު ނަސްޚުވެގެނެއް ނުދާނެއެވެ. އަދި އެ ދޭތި އައިސްފައިވަނީ މެދުކެނޑިގެންކަމުގައިވާނަމަ، އެ ޚާއްޞުގެ ސަބަބުން އެ ޢާއްމުގެ މިންވަރެއް ނަސްޚުވެގެންދާނެއެވެ.

އަދި މިއާ ޚިލާފަށް، މުތަކައްލިމުންކުރެ ބައެއް ބޭފުޅުންނާއި ޡާހިރީންގެ ނަޒަރުގައި، ޢާއްމުގެ މައްޗަށް ޚާއްޞު އިސްނުކުރެވޭނެއެވެ. އެ ދޭއްޗާމެދު ވަކި ގޮތަކަށް ކަނޑައެޅުމެއްނެތި ހުއްޓިހުންނާނީއެވެ. އަދި އެ ދޭތި ދޫކޮށް އެހެން އެއްޗަކަށް ރުޖޫޢަވާނީއެވެ. އެ ދޭތިންކުރެ އެކައްޗަށް ތަރުޖީޙުދިނުމެއް ނުވެއެވެ. ސަބަބަކީ، ޚާއްޞުގައިވާ ތަކެއްޗާއި އޭގެ އިތުރަށް ވެސް ޢާއްމުގައިވާތީއެވެ. އެހެންކަމުން، ޢާއްމުގައި ޚާއްޞުގައިނުވާ އިތުރު ވާހަކަތައް ހުރުމަކުން، ޢާއްމުގައި ޚާއްޞުގައިވާ ކަންކަމާ ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް، އެ ދޭތީގައި ވެސް އެކަތި އަނެކަތީގައިވާ ވާހަކަތައް ދެކެވިފައިވާނަމަ، އެ ދޭތި ފުށުއެރުން ލާޒިމެވެ. ޚާއްޞުއާއި ޚާއްޞު ގޮތަށް އަދި ޢާއްމުއާއި ޢާއްމު ގޮތަށެވެ. އެއީ، ޢާއްމުގައި އިތުރު ވާހަކަތައް ހުރުމުން، އެ އިތުރު ވާހަކަތައް ދެކެވިފައިވާ އިތުރު ޚަބަރެއްގެ ޙުކުމް އެއަށް ހިނގާނެތީއެވެ. އެގޮތުގެ މަތިން، ދެ ޚާއްޞަ ޚަބަރުފަދައިން، އެ ދޭއްޗަކީ ވެސް ތަޢާރުޟުވާ ދޭތީގެ ގޮތުގައި ސާބިތުވެއެވެ. މިއީ، އަބޫބަކުރު އަލްއަޝްޢަރީއާއި އަބޫބަކުރު އައްދައްޤާޤު ވެސް އިޚްތިޔާރުކުރެއްވި ރައުޔެވެ.

މި ޤަވާޢިދުގެ މިސާލެއްގެ ގޮތުން، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ) (ސޫރަތުލްމުމްތަޙިނާ: 8) (މާނައީ: ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.) އަންނަނިވި ވަޙީބަސްފުޅު، (لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُم) (ސޫރަތުލްމުޖާދަލާ: 22 ވަނަ އާޔަތުގެ އެއްބައި) (މާނައީ: ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ.) ގެ މައްޗަށް އިސްކުރެވެއެވެ. ސަބަބަކީ، ފުރަތަމަ އާޔަތުގައި އެ ވަނީ، އަޅުގަނޑުމެން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި އަޅުގަނޑުމެން މުސްލިމުންނަށް އަނިޔާވެރިނުވާ ކާފިރުންނާ ގުޅޭގޮތުން ޚާއްޞަކޮށެވެ. މިއާ ޚިލާފަށް، ދެވަނަ އާޔަތުގައި އެ ވަނީ، ކޮންމެ ކާފިރަކަށް ވެސް ޢާއްމުކޮށެވެ. ވީއިރު، ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =