[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 54

54ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَنْطُوقُ مُقَدَّمٌ عَلَى الـمَفْهُومِ

މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމުގެ މައްޗަށް މަންޠޫޤު އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: މަންޠޫޤުގެ ޒަރީއާއިން ލަފްޒުގެ މައްޗަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމީ، މަފްހޫމުލްމުޚާލަފާގެ ޒަރީއާއިން ލަފްޒުގެ މައްޗަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށްވުރެ މާ މަތީ ދަރަޖައެއްގެ ދަލީލުކޮށްދިނުމެކެވެ. ދަރަޖައިގެ ގޮތުން މިވާ ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން، ތަޢާރުޟުވާހިނދު މަފްހޫމުލްމުޚާލަފާގެ މައްޗަށް މަންޠޫޤު އިސްކުރުން ލާޒިމުކުރެތެވެ. އެގޮތުން، މަފްހޫމުލްމުޚާލަފާއިން ސާބިތުކުރަން އުޅޭ ޙުކުމް، މަންޠޫޤުން ސާބިތުވާ ޙުކުމަކާ ފުށުއަރާނަމަ، މަންޠޫޤުން ސާބިތުވާ ޙުކުމް އިސްކުރެވޭނެއެވެ. މިއީ، މަފްހޫމަކީ ޙުއްޖަތެއްކަމުގައި ވިދާޅުވާ ގިނަ އުޞޫލީ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ޤަވާޢިދެކެވެ.

މިއާ ޚިލާފަށް، މަފްހޫމަކީ އޭގެ އަޞްލު ޙުއްޖަތެއް ނޫންކަމަށް ދެކިވަޑައިގަންނަވާ ޙަނަފީންނާއި ޡާހިރީންގެ އަރިހުގައި، މަންޠޫޤުއާއި މަފްހޫމުގެ މެދުގައި ތަޢާރުޟުވުމެއް އުފެދުމީ ތަޞައްވުރު ނުކުރެވޭނޭ ކަމެކެވެ. އެހެންކަމުން، މަފްހޫމުގެ މައްޗަށް މަންޠޫޤު އިސްކުރުމީ އެ ބޭފުޅުންގެ އަރިހުގައި އޮންނަކަމެއް ނޫނެވެ. މިއީ، ޝަރުޢީ ނައްޞުތަކުގެ ނިސްބަތުން ކަން އޮންނަ ގޮތެވެ. އެހެންނަމަވެސް، ވަޤްފުތަކާއި ހުވާތައްފަދަ މީސްތަކުންގެ ވާހަކަތަކުގައިނަމަ، ނުވަތަ މަތުނުތަކާއި ޝަރަޙަތަކުގައިވާ ޢިބާރާތްތައްފަދަ ފޮތްތަކުގައިވާ ތަކެތިނަމަ، ޙަނަފީ މަޒުހަބުގެ ރައުޔަކީ އެ އެއްޗެހީގައި މަފްހޫމުލްމުޚާލަފާއަކީ ޙުއްޖަތެއްކަމުގައި ބެލުމެވެ. އެހެންކަމުން، އަޅުގަނޑުމެން ވާހަކަ މި ދައްކާ ޤަވާޢިދު އެ ބޭފުޅުންގެ އަރިހުގައި ހިނގާނީ އެ ނަޒަރުންނެވެ. އެގޮތުން، މީސްތަކުންގެ ވާހަކަތަކުގައި ނުވަތަ ފޮތްތަކުގައިވާ ޢިބާރާތްތަކުގައި މަންޠޫޤުއާއި މަފްހޫމު ތަޢާރުޟުވެއްޖެނަމަ، މަފްހޫމުގެ މައްޗަށް މަންޠޫޤު އެ ބޭފުޅުން އިސްކުރައްވަތެވެ.

މަފްހޫމް އޭ ބުނެވިއްޖެނަމަ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި އޭގެ މުރާދަކީ މަފްހޫމުލްމުޚާލަފާއެވެ. އަދި މި ޤަވާޢިދުގައި ވެސް މަފްހޫމް ބޭނުންކުރެވިފައިވަނީ އެ މާނައިގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން ރިވާވެފައިވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلَا يَجْلِسْ حَتَّى يَـرْكَـعَ رَكْعَتَيْنِ)) މާނައީ: [ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ (ދަންނާށެވެ!) ފަހެ، އޭނާ ދެ ރަކުޢަތް ކޮށްފުމަށްދާންދެން (މިސްކިތުގައި) ނުއިށީންނަހުށިކަމެވެ.] މި ޙަދީޘްފުޅުގައިވާ [فَلَا يَجْلِسْ حَتَّى يَـرْكَـعَ رَكْعَتَيْنِ] މި ޢިބާރާތްކޮޅުގެ މަންޠޫޤުން ދަލީލުކޮށްދެނީ، ތަޙިއްޔަތުލްމަސްޖިދް ކުރުން އޮތީ މިސްކިތުގައި އިށީނުމުގެ ކުރިންކަމެވެ. އަދި އެ ޢިބާރާތްކޮޅުގެ މަފްހޫމުން ދަލީލުކޮށްދެނީ، ތަޙިއްޔަތުލްމަސްޖިދްގެ ދެ ރަކުޢަތް ކުރުމުގެ ކުރިން މިސްކިތުގައި އިށީނދެއްޖެނަމަ، އެ ދެ ރަކްޢަތް ކުރުމުގެ ގަދަވެގެންވާ ސުންނަތްކަން ދެން ނޯންނާނެކަމެވެ. އެހެންނަމަވެސް، މި މަފްހޫމު، އެހެން ޙަދީޘެއްގެ މަންޠޫޤުއާ ފުށުއަރައެވެ. އޭގެ ސަބަބުން އެ މަފްހޫމު ބާޠިލުވެގެންދެއެވެ. އެ ޙަދީޘަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން ރިވާވެފައިވާ އަންނަނިވި ޙަދީޘްފުޅެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ، وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَاعِدٌ عَلَى الْمِنْبَرِ، فَقَعَدَ سُلَيْكٌ قَبْلَ أَنْ يُصَلِّيَ، فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أَرَكَعْتَ رَكْعَتَيْنِ؟)) قَالَ: لَا، قَالَ: ((قُمْ فَارْكَعْهُمَا))] މާނައީ: [ހުކުރު ދުވަހު ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މިންބަރުމަތީގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، ސުލައިކު އަލްޣަޠަފާނީ (ހުކުރު ނަމާދަށް މިސްކިތަށް) ވަޑައިގެންނެވިއެވެ. އަދި ނަމާދުކުރެއްވުމުގެ ކުރިން ސުލައިކު އިށީނދެވަޑައިގެންނެވިއެވެ. އެހިނދު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ބޭފުޅާއަށް ދެންނެވިއެވެ: [ތިބާ (ތަޙިއްޔަތުލްމަސްޖިދްގެ) ދެ ރަކުޢަތް ކުރެއްވިންތޯއެވެ؟] ޖަވާބުގައި (ސުލައިކު) ވިދާޅުވިއެވެ: ނޫނެކެވެ. (އެހިނދު ނަބިއްޔާ) ޙަދީޘްކުރެއްވިއެވެ: [ތެދުވެ، އެ ދެ ރަކުޢަތްކުރައްވާށެވެ!]] މި ޙަދީޘްފުޅުގެ މަންޠޫޤުން ދަލީލުކޮށްދެނީ، އިށީންކަމުގައިވިޔަސް ތެދުވެ ތަޙިއްޔަތުލްމަސްޖިދް ނަމާދު ކުރުން ޝަރުޢުވެގެންވާކަމެވެ. އެހެންކަމުން، މި ތަނުގައި މިވާ މަންޠޫޤު، އިސްވެދިޔަ ޙަދީޘުން ލިއްބައިދޭ މަފްހޫމުގެ މައްޗަށް އިސްކުރެވޭނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =