55ވަނަ ޤަވާޢިދު (ޖުމްލަ 60): عِبَارَةُ النَّصِّ مُقَدَّمَةٌ عَلَى إِشَارَتِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުގެ ޢިބާރަތް އޭގެ އިޝާރަތުގެ މައްޗަށް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ނައްޞުގެ ޢިބާރަތާއި އޭގެ އިޝާރަތް ފުށުއަރައިފިނަމަ، އިޝާރަތުގެ މައްޗަށް ޢިބާރަތް އިސްކުރެވޭނެއެވެ. ސަބަބަކީ، އިޝާރަތަށްވުރެ ޢިބާރަތުގެ ބާރު ގަދަވީތީއެވެ.
ނައްޞުގެ ޢިބާރަތަކީ، ފިކުރުހިންގުމަކާ ނުލައި، އަޞްލީކޮށް ނުވަތަ ތަބަޢީކޮށް، ވާހަކައިގައިވާ ޙުކުމަށް ލަފްޒުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ. އަދި އެއީ، އިތުރަށް ބަލައި ހޯދަން ނުޖެހި ޞަރީޙަކޮށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެކެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައިވާ ޢިބާރަތެވެ. (وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا) (ސޫރަތުއްނިސާ: 3) މާނައީ: [ޔަތީމުންނާމެދު، ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.] ޤުރުއާނުގެ މި ނައްޞުގެ ޢިބާރަތުން ކައިވެނިކުރުން ޝަރުޢުވެގެންވާކަމަށް ދަލީލުކޮށްދެއެވެ. އަދި އެއް އަތްނބަށްވުރެ ގިނަ އަނބިންނާ ކައިވެނިކުރުން ޝަރުޢުވެގެންވާކަމަށާއި، ޝަރުޠަކީ ނައްޞުކުރެވިފައިވާ އަދަދަށްވުރެ ގިނަ އަންހެނުންނާ ކައިވެނި ނުކުރުމާއި އަދި ޢަދުލުވެރިވުންމަތީ ދެމިހުރުންކަމަށް ވެސް ދަލީލުކޮށްދެއެވެ. ނައްޞުގެ ޢިބާރަތަށް [ޢިބާރަތުގެ ދަލާލަތު] ގެ ނަން ދެވެއެވެ. އެއީ، ލަފްޒުތަކުގެ ދަލާލަތުތައް ބައިކުރުމުގައި ޙަނަފީން ކަނޑައަޅުއްވާފައިވާ މުޞްޠަލަޙުއެކެވެ. އަދި މުތަކައްލިމުންގެ އަރިހުގައި އެއީ [ޞަރީޙު މަންޠޫޤު] އެވެ.
ނައްޞުގެ އިޝާރަތަކީ، ޤަޞްދުކުރެވިފައި ނުވާ އަދި ނައްޞު އެ ބަޔާންކޮށްދިނުމަށްޓަކައި ނުވާ، ޙުކުމެއްގެ މައްޗަށް ލަފްޒުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ. އެހެންނަމަވެސް، އެ އައިސްފައިވާނީ އެ ޙުކުމެއް ބަޔާންކޮށްދިނުމަށްޓަކައި ނައްޞު ޢިބާރާތްކުރެވިފައިވާ ޙުކުމުން ލާޒިމުވާފަދަ ގޮތެއްގައެވެ. އެއީ، ކޮންމެ ވަޖުހެއްގެ ބޭރުފުށަކުން ނޫނެވެ. އެހެންކަމުން، އެއީ ލާޒިމުކުރާ ކުރުމުން ލިއްބައިދޭ ދަލާލަތެކެވެ. މިސާލަކަށް، ރޯދަހިފުމާ ގުޅޭގޮތުން ބާވައިލައްވާފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَالآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ) (ސޫރަތުލްބަޤަރާ: 187 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!] މި އާޔަތުގައިވާ [ثُمَّ أَتِمُّواْ الصِّيَامَ إِلَى الَّليْلِ] އިން، ޖުނުބުވެރިވެހުރި ހާލު ހެނދުންކޮށްފިމީހާގެ އެ ދުވަހުގެ ރޯދަ ފުރިހަމަކަމަށް އިޝާރާތްކުރެއެވެ. އެހެނީ، ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ވެސް ޖިމާޢުވުމީ ރޯދަވެރިޔާއަށް ހުއްދަކަމަކަށްވާއިރު، ފަޖުރުގެ އަލިކަން ފާޅުވީ އޭނާ ޖުނުބުވެރިޔެއްގެ ގޮތުގައި ހުރި ހާލުގައެވެ. ސަބަބަކީ، ހިނައިގަންނާނީ ފަޖުރުގެ އަލިކަން ފާޅުވުމަށްފަހު ކަމަށްވުމީ ވުން މުސްތަޙީލުކަމެއް ކަމުގައި ނުވާތީއެވެ. މިއީ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއަށް ވިސްނިވަޑައިގެންނެވި ޙުކުމްފުޅެވެ.
[ނައްޞުގެ އިޝާރަތް] އާ ގުޅޭގޮތުން މުތަކައްލިމުންނާއި ޙަނަފީންގެ މެދުގައި އެ ނަމާ ގުޅިގެންވިޔަސް ނުވަތަ އޭގައި ހިމެނޭ ކަންކަމާ ގުޅިގެންވިޔަސް އެއްވެސް ޚިލާފެއް ނެތެވެ. އެހެންނަމަވެސް، މުތަކައްލިމުން އެ ހިމަނުއްވާފައިވަނީ، ދަލާލަތުގެ ބައިތަކުގެ ތެރެއިން [ޞަރީޙު ނޫން މަންޠޫޤު] ގެ ތެރޭގައެވެ. އަދި ޙަނަފީންގެ އަރިހުގައި އެ ހިމެނެނީ ޢާއްމުކޮށް ދަލާލަތުތަކުގެ ބައިތަކުގެ ތެރޭގައެވެ.
[ޢިބާރަތް] ފަދައިން ދައްކާ ވާހަކަ އިންތިޒާމުކުރެވިފައިވާ ގޮތުން [އިޝާރަތް] ސާބިތުވާނަމަ، ޢިބާރަތަކީ ޙުއްޖަތަކަށްވާފަދައިން، އިޝާރަތަކީ ވެސް ޙުއްޖަތަކަށް ވާނެއެވެ. އެހެންނަމަވެސް، މި ޤަވާޢިދުގައި ވާހަކަދެކެވިފައި މި ވަނީ އެ ދޭތި އެކަތި އަނެކައްޗާ ތަޢާރުޟުވެއްޖެނަމަ އިސްކުރެވޭނެ އެއްޗަކާ ގުޅޭގޮތުންނެވެ.
މި ޤަވާޢިދުގެ މިސާލެއްގެ ގޮތުން، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى) (ސޫރަތުލްބަޤަރާ: 178 ވަނަ އާޔަތުގެ އެއްބައި) (މާނައީ: ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރްޟުކުރައްވައިފިއެވެ.) ގައިވާ ޢިބާރަތުން ޤަޞްދު މަރުގައި ޤިޞާޞްހިފުން ވާޖިބުކަމަށް ދަލީލުކޮށްދެއެވެ. އަދި އެ ކަލާނގެ ވަޙީބަސްފުޅު، (وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا) (ސޫރަތުއްނިސާ: 93) (މާނައީ: އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެ މީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެ މީހާއަށް ތައްޔާރު ކުރެއްވިއެވެ.) އިން އިޝާރަތްކޮށްދޭ ގޮތުން ޤަޞްދުގައި މީހަކު މަރާ މީހާގެ ކިބައިން ޤިޞާޞްހިފުމެއް ނުވެއެވެ. ސަބަބަކީ، ފަހުން މި ޛިކުރުކުރެވުނު އާޔަތުގައި ﷲ ތަޢާލާ ވަނީ އޭނާއަށް ޢުޤޫބާތެއްގެގޮތުން ނަރަކައިގައި ދާއިމަށް ދެމިއޮތުން ކަނޑައަޅުއްވައި، އޭނާއަށް ކޯފާވެވޮޑިގަންނަވައި، ވޭންދެނިވި ޢަޛާބު ކަނޑައަޅުއްވާފައެވެ. އެހެންނަމަވެސް، ނައްޞެއްގެ ޢިބާރަތާއި ނައްޞެއްގެ އިޝާރަތް ފުށުއަރައިފިނަމަ އިސްކުރެވޭނީ ޢިބާރަތްކަމުގައިވާތީ، ޤަޞްދުގައި މީހަކު މަރާ މީހާގެ ކިބައިން ޤިޞާޞްހިފުން ވާޖިބުވާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =