[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 56

56ވަނަ ޤަވާޢިދު (ޖުމްލަ 60): دَلَالَةُ الاِقْتِضَاءِ مُقَدَّمَةٌ عَلَى دَلَالَةِ الـمَفْهُومِ عِنْدَ التَّعَارُضِ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު މަފްހޫމުގެ ދަލާލަތުގެ މައްޗަށް އިޤްތިޟާގެ ދަލާލަތު އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ދެ ދަލާލަތެއް އޮވެފައި، އެ ތަނުން އެއް ދަލާލަތަކީ އިޤްތިޟާގެ ދަލާލަތަށްވެފައި، އަދި އަނެއް ދަލާލަތަކީ މަފްހޫމުގެ ދަލާލަތަށްވެފައި، އެ ދެ ދަލާލަތު އެކަތި އަނެކައްޗާ ފުށުއަރާނަމަ، އެ ތަނުން އިޤްތިޟާގެ ދަލާލަތު އިސްކުރެވޭނެއެވެ.

ދެން ފަހެ، ވާހަކަދައްކާމީހާގެ މަޤްޞަދު އޭނާ ދައްކާ ވާހަކައިން ވިސްނޭނީ އަންނަނިވި ތިން ގޮތުންކުރެ ގޮތަކުންނެވެ.

  1. ފުރަތަމަ ގޮތަކީ: ލަފްޒެވެ. މިއަށް دَلَالَـةُ الـمُطَابَقَةِ (މުޠާބަޤަތުގެ ދަލާލަތު) އޭ ކިޔެއެވެ.
  2. ދެވަނަ ގޮތަކީ، އިޤްތިޟާއެވެ. މިއަށް دَلَالَـةُ الاِقْتِضَاءِ (އިޤްތިޟާގެ ދަލާލަތު) އޭ ކިޔެއެވެ.
  3. ތިންވަނަ ގޮތަކީ، މަފްހޫމެވެ. މިއަށް دَلَالَـةُ الـمَفْهُومِ (މަފްހޫމުގެ ދަލާލަތު) އޭ ކިޔެއެވެ.

މި ތަނުން دَلَالَـةُ الاِقْتِضَاءِ (އިޤްތިޟާގެ ދަލާލަތު) އަކީ، ލަފްޒުން ވިސްނޭ (ނުވަތަ ނިޔާކުރާ) ގޮތެވެ. އެ ލަފްޒުން މަންޠޫޤުކޮށެއް ނޫނެވެ. މިއަށް لَحْنُ الـخِطَابِ (ދައްކާ ވާހަކައިގެ އަޑު) އޭ ކިޔެއެވެ. އިޤްތިޟާގެ ދަލާލަތުގެ މިސާލަކީ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي الْخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ)) މާނައީ: [ހަމަކަށަވަރުން، ﷲ ވަނީ ތިމަންކަލޭގެފާނުގެ އުއްމަތުގެ އަހުލުވެރިން ކުށުންނާއި ހަނދާންނެތިގެންނާއި މަޖުބޫރުކުރެވިގެން ކުރެވޭ ކަންކަން ދޫކޮށްލައްވާފައެވެ.] މި ޙަދީޘްފުޅުގައިވާ ވާހަކަ ޞައްޙަކޮށް ހަމަޖެއްސުމަށްޓަކައި (ފާފަވެރިވުން ނުވަތަ އަދަބުދެއްވުން) އިތުރުކުރަންޖެހެއެވެ. (އެބަހީ، ކުށުންނާއި ހަނދާންނެތިގެންނާއި މަޖުބޫރުކުރެވިގެން ކުރެވޭ ކަންކަމަށް ފާފަވެރިކުރެއްވުން ނުވަތަ އަދަބުދެއްވުން ދޫކޮށްލައްވާފައެވެ.)

އަދި دَلَالَـةُ الـمَفْهُومِ (މަފްހޫމުގެ ދަލާލަތު) އަކީ، ލަފްޒުގެ މަފްހޫމުން ދަލީލުކޮށްދޭ ގޮތެވެ. ލަފްޒުގެ މަންޠޫޤުއަކުން ނޫނެވެ. މި ވައްތަރުގެ ދަލާލަތު ދެ ބަޔަކަށް ބެހެއެވެ. އެއީ، مَفْهُومُ الـمُوَافَقَةِ އަށާއި مَفْهُومُ الـمُخَالَفَةِ އަށެވެ. މި ތަނުން مَفْهُومُ الـمُوَافَقَةِ އަށް فَحْوَى الـخِطَابِ އޭ ވެސް ކިޔެއެވެ. އަދި مَفْهُومُ الـمُخَالَفَةِ އަށް دَلِيْلُ الـخِطَابِ އޭ ވެސް ކިޔެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِذَا بَلَغَ الْمَاءُ قُلَّتَيْنِ لَمْ يَحْمِلِ الْخَبَثَ)) މާނައީ: [ފެނުގެ މިންވަރު ދެ ޤުއްލައަށް ފޯރައިފިނަމަ، ހަޑިއެއްޗެހި ދުރުކުރެތެވެ.] މި ޙަދީޘުގައި ދެ ދަލާލަތެއް ފުށުއަރައެވެ. ފުރަތަމައީ: دَلَالَـةُ الـمَفْهُومِ އެވެ. އެހެނީ، މި ޙަދީޘުގެ މަފްހޫމުން ދަލީލުކޮށްދެނީ، ދެ ޤުއްލައަށްވުރެ މަދު ފެނަށް ނަޖިހެއް ވެއްޓިއްޖެނަމަ، ވަގުތުން އެ ފެން ނަޖިސްވާނޭ ކަމެވެ. އެ ނަޖިހުގެ ސަބަބުން އެ ފެން ތަޣައްޔަރުވިޔަސް ނުވަތަ ނުވިޔަސް މެއެވެ. ދެވަނައީ: دَلَالَـةُ الاِقْتِضَاءِ އެވެ. އެހެނީ، މި ޙަދީޘް ހަމަޖެއްސުމަށް [ތަޣައްޔަރު ނުވާނަމަ] މި ޢިބާރާތް ބޭނުންކުރެވޭނެއެވެ. އެއަށް ބިނާކޮށް، ދެ ޤުއްލައަށްވުރެ މަދު ފެނަށް ނަޖިހެއް ވެއްޓި އެ ފެން ތަޣައްޔަރުވެއްޖެނަމަ، އެއީ ނަޖިސް ފެނަކަށް ބަދަލުވާނެތެވެ. އެ ފެން ތަޣައްޔަރު ނުވިނަމަ، އެއީ ޠާހިރު ފެނުގެ ގޮތުގައި ދެމިއޮންނާނެއެވެ. މާލިކީންނާއި ޡާހިރީން މި ތަނުން دَلَالَـةُ الاِقْتِضَاءِ އަށް ތަރުޖީޙުދެއްވާފައިވެއެވެ. އަދި ޝާފިޢީންނާއި ޙަންބަލީން މި ތަނުން دَلَالَـةُ الـمَفْهُومِ އަށް ތަރުޖީޙުދެއްވާފައިވެއެވެ. މި ޤަވާޢިދު ނިޔާކުރާ ގޮތުން މި ހާލަތުގައި އިސްކަންދެވޭނީ دَلَالَـةُ الاِقْتِضَاءِ އަށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =