57ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُحْكَمُ مُقَدَّمٌ عَلَى مَا سِوَاهُ عِنْدَ التَّعَارُضِ
މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު މުޙްކަމު އެ ނޫން އެއްޗެހީގެ މައްޗަށް އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގައި ނުވަތަ ސުންނަތުގައި މުޙްކަމުކޮށް ދަލީލުކޮށްދޭ ނައްޞެއް އޮވެފައި، އެއާ ބޭރުފުށުން (ޡާހިރުކޮށް) ފުށުއަރާ އެހެން ނައްޞެއް އޮވެއްޖެނަމަ، މުޙްކަމު ނައްޞު އެ ނައްޞެއްގެ މައްޗަށް އިސްކުރެވޭނެއެވެ.
މި ޤަވާޢިދަކީ، ދަލީލުތަކުގެ މެދުގައި ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން [ދަލާލަތުގެ ދަރަޖަތައް ފާޅުވުމާއި ވަންހަނާވުމުގައިވާ ތަފާތު] އަށް ބިނާކޮށް ތަރުޖީޙުދެވޭ ގޮތެކެވެ. އަދި މިއީ، ލަފްޒުގެ މާނައިގެ ފާޅުކަމާއި ވަންހަނާކަމުގެ މައްޗަށް ބިނާކޮށް ލަފްޒު ބަހައިލުމުގައި ޙަނަފީން ގެންގުޅުއްވި މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިން އޮތް ޤަވާޢިދެކެވެ. އެ ނަޒަރުން ބައްލަވާފައި ލަފްޒު ދެ ބަޔަކަށް ޙަނަފީން ބައްސަވަތެވެ. ފުރަތަމަ ބަޔަކީ، ވާޟިޙުކޮށް (ސާފުކޮށް ފާޅުކަންބޮޑުކޮށް) ދަލާލަތުކޮށްދޭ ލަފްޒެވެ. މީގެ ދަށަށް ވަންނަނީ، ޡާހިރުއާއި ނައްޞުއާއި މުފައްސަރުއާއި މުޙްކަމުއެވެ. ދެވަނަ ބަޔަކީ، މުބްހަމުކޮށް (ވަންހަނާކޮށް) ދަލާލަތުކޮށްދޭ ލަފްޒެވެ. މީގެ ދަށަށް ވަންނަނީ، ޚަފިއްޔުއާއި މުޝްކިލުއާއި މުޖްމަލުއާއި މުތަޝާބިހުއެވެ.
ޙަނަފީންގެ އަރިހުގައި މުޙްކަމުއަކީ، އޭގެ ދަލާލަތު ފާޅުކަންބޮޑުކޮށް، އެއްވެސް ތައުވީލަކަށް އަދި ތަޚްޞީޞްއަކަށް އަދި ނަސްޚުއަކަށް އަދި ބަދަލުއައުމަކަށް ފުރުސަތެއް ނެތް ގޮތަށް އޮތް އެއްޗެވެ. މިއިން އެނގިގެންދަނީ، އެ ބޭފުޅުންގެ އަރިހުގައި މުޙްކަމުއަކީ ދަލާލަތު ފާޅުކަންބޮޑުވުމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގައިވާ އެތި ކަމެވެ.
މި ޤަވާޢިދުގައި މުޙްކަމުގެ މުރާދަކީ، ތައުވީލަކަށް އަދި ތަޚްޞީޞަކަށް ފުރުސަތެއް ނެތް ޞަރީޙަ ނައްޞުތަކެވެ. އެ ނައްޞުތަކާއެކުގައި އެ ނައްޞުތައް ނަސްޚުވެފައި ނުވާކަން ދޭހަކޮށްދޭ ކަންކަން ހިމެނިފައިވާނެތެވެ. އެއީ، އެ ނައްޞުތަކުން މުކައްލަފުންގެ ޢަމަލުތަކާ ގުޅޭގޮތުން އޮންނަ ފަރުޢީ ޙުކުމްތަކަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމުންނެވެ.
ދެން ފަހެ، މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، ތަޢާރުޟުވާހިނދު، ޡާހިރުގެ މައްޗަށާއި ނައްޞުގެ މައްޗަށާއި މުފައްސަރުގެ މައްޗަށް މުޙްކަމު އިސްކުރެވޭނެތެވެ. ޡާހިރުގެ މައްޗަށް އިސްކުރެވޭ ސަބަބަކީ، ޡާހިރުއާ ޚިލާފަށް، މުޙްކަމުގައި ތަފްސީރަކަށް އަދި ތައުވީލަކަށް އަދި ނަސްޚުވުމަކަށް ފުރުސަތު ނެތީތީއެވެ. އަދި ނައްޞުގެ މައްޗަށް އިސްކުރެވޭ ސަބަބަކީ، ނައްޞުއާ ޚިލާފަށް، މުޙްކަމުގައި ތައުވީލަކަށް އަދި ތަޚްޞީޞަކަށް އަދި ނަސްޚުވުމަކަށް ފުރުސަތު ނެތީތީއެވެ. އަދި މުފައްސަރުގެ މައްޗަށް އިސްކުރެވޭ ސަބަބަކީ، މުފައްސަރުއާ ޚިލާފަށް، މުޙްކަމުގައި ނަސްޚުވުމުގެ ފުރުސަތު ނެތީތީއެވެ. ހަމައެހެންމެ، ވާޟިޙުކޮށް ދަލާލަތުކޮށްދޭ މި ބައިތަކުގެ މައްޗަށް މުޙުކަމު އިސްކުރެވޭއިރު، ވަންހަނާކޮށް ދަލާލަތުކޮށްދޭ ދަލީލުކޮށްދިނުން ބެހޭ ބައިތައް ކަމަށްވާ ޚަފިއްޔުއާއި މުޝްކިލުއާއި މުޖުމަލުއާއި މުތަޝާބިހުގެ މައްޗަށް މުޙުކަމު އިސްކުރުން މާ އައުލާކަން ބޮޑެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ) (ސޫރަތުއްޠަލާޤު: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!] މި އާޔަތް އެ ވަނީ، ޢަދުލުވެރިންގެ ފަރާތުން ހެކިބަސް ޤަބޫލުކުރުމާ ގުޅޭގޮތުން މުފައްސަރުކޮށެވެ. އެ ޢަދުލުވެރިޔަކީ ފާސިޤެއް ކަމުގައި ވިޔަސް، ނުވަތަ ޤަޛުފުގެ ޙައްދު ޖަހާފައިވާ އަދި ފަހުން ތައުބާވެ އޭނާގެ އުޅުން ރަނގަޅުކޮށްފައިވާ މީހަކުކަމުގައި ވިޔަސް މެއެވެ. އެހެންނަމަވެސް، މި އާޔަތް، ޤަޛުފުކުރާ މީހުންނާ ގުޅޭގޮތުން އައިސްފައިވާ އަންނަނިވި އާޔަތާ ބޭރުފުށުން (ޡާހިރުކޮށް) ފުށުއަރައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا) (ސޫރަތުއްނޫރު: 4 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ!] އެހެނީ، މި އާޔަތުން ލާޒިމުކުރަނީ، ޤަޛުފުކުރާ މީހުން ތައުބާވިޔަސް އަދި އެބައިމީހުންގެ އުޅުން ރަނގަޅުކުރިޔަސް އެބައިމީހުންގެ ހެކިބަސް ދެން ޤަބޫލުނުކުރުމަށެވެ. ދެން ފަހެ، ފަހުން މި ބަޔާންކުރެވުނު އާޔަތަކީ މުޙްކަމުކޮށް އޮތް، ނަސްޚުވުމުގެ ފުރުސަތު ނެތް އާޔަތެއްކަމުން، އޭގެ ކުރިން ބަޔާންކުރެވުނު މުފައްސަރު އާޔަތުގެ މައްޗަށް މި އާޔަތް އިސްކުރެވޭނެއެވެ. އަދި ޤަޛުފުކުރާ މީހުން ތައުބާވިޔަސް އަދި އެބައިމީހުންގެ އުޅުން ރަނގަޅުކުރިޔަސް އެބައިމީހުންގެ ހެކިބަސް ދެން ޤަބޫލެއް ނުކުރެވޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =