58ވަނަ ޤަވާޢިދު (ޖުމްލަ 60): الحَقِيْقَةُ العُرْفِيَّةُ مُقَدَّمَةٌ عَلَى اللُّغَوِيَّةِ
މި ޤަވާޢިދުގެ ތަރުޖަމާ: {ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޢުރުފީ ޙަޤީޤަތު އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ވާހަކައިގައި ލުޣަވީ ޙަޤީޤަތަކާއި ޢުރުފީ ޙަޤީޤަތެއް ފުށުއަރައި، އެ ތަނުން އިސްކުރާނީ ކޮން އެއްޗެއްކަމާމެދު ދެކޮޅަށްކިރޭގޮތް ވެއްޖެނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި އެ ތަނުން ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޢުރުފީ ޙަޤީޤަތު އިސްކުރެވޭނެއެވެ.
މިއާ ޚިލާފަށް، ޙަނަފީންނާއި ޝާފިޢީންކުރެ އަލްޤާޟީ ޙުސައިންގެ ނަޒަރުގައި، ޢުރުފީ ޙަޤީޤަތުގެ މައްޗަށް ލުޣަވީ ޙަޤީޤަތް އިސްކުރެވޭނެއެވެ. ސަބަބަކީ، އަޞްލަކީ ލުޣަވީ ޙަޤީޤަތްކަމުގައި ވާތީއެވެ. ވީއިރު، އަޞްލު އެ ނޫން އެހެން އެއްޗެހީގެ މައްޗަށް އިސްކުރެވޭނެއެވެ.
ދެން ފަހެ، މި ތަނުގައި ލުޣަވީ ޙަޤީޤަތުގެ މުރާދަކީ، ލަފްޒު އުފަންކުރެވިފައިވާ އަޞްލު މާނައިގައި ލަފްޒު ބޭނުންކުރުމެވެ. މިސާލަކަށް، މިނިކާ ޖަނަވާރަށް [الأَسَدُ] (ސިންގާ) ގެ ލަފްޒު ބޭނުންކުރުމެވެ.
އަދި ޢުރުފީ ޙަޤީޤަތުގެ މުރާދަކީ، ލުޣަވީ މާނައިން، ޢުރުފުގައި ބޭނުންކުރެވޭ މާނައަކަށް ބަދަލުވެފައިވާ ލަފްޒެވެ. އަދި ބުނެވޭގޮތުން އެއީ، ލަފްޒުގެ ބައެއް މާނަތައް ޢުރުފީގޮތުން ޚާއްޞަކުރެވިފައިވާ ލަފްޒެވެ. މާނައަކީ، ޢުރުފުގެ އަހުލުވެރިން އެތަކެއް އެއްޗެއް އޭގެ މާނަތަކުގެ ތެރެއިން ބައެއް މާނައަށް ޚާއްޞަކޮށްފައިވެއެވެ. އެ އެއްޗެހި ޙަޤީޤަތުގައި އުފަންކުރެވިފައިވަނީ އެ ހުރިހާ މާނައެއްގައިކަމަށް ވިޔަސް މެއެވެ. އަދި އެފަދަ ލަފްޒުތައް ޢާއްމަށާއި ޚާއްޞައަށް ބެހެއެވެ. ޢާއްމަކީ، ޢާއްމުކޮށް އެންމެން ވެސް އެ ލަފްޒެއްގެ ލުޣަވީ މާނަ ދޫކޮށް ޢުރުފީ މާނައެއްގައި ބޭނުންކުރާ ލަފްޒުތަކެވެ. ޚާއްޞަކީ، ޢިލްމުވެރިންނާއި ފަންނުވެރިންގެ ޖަމާޢަތްތަކުން ގެންގުޅޭ އެބައިމީހުންނަށް ޚާއްޞަ އިޞްތިލާޙުތަކެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((وَجُعِلَتْ لِيَ الْأَرْضُ مَسْجِدًا)) މާނައީ: [އަދި ތިމަން ކަލޭގެފާނަށްޓަކައި ބިމަކީ މަސްޖިދެއް ކަމުގައި ލެއްވުނެވެ.] އިބްނު ދަޤީޤުލްޢީދު ވިދާޅުވެފައިވަނީ، މަސްޖިދުއަކީ އަޞްލުގައި ސަޖިދަ ޖަހާ ތަން ކަމުގައެވެ. އަދި ދެން، ނަމާދުކުރަން ބިނާކުރެވޭ ތަނަށް ޢުރުފުގައި [މަސްޖިދު] ބޭނުންކުރެވުނީ ކަމުގައެވެ. އެހެންކަމުން، މި ޙަދީޘުގައިވާ [މަސްޖިދު] އޭގެ ލުޣަވީ (ބަހަވީ ނުވަތަ ބަހުގެ) މާނައިގައި ވެސް ބަލައިގަނެވިދާނެއެވެ. އަދި އޭގެ ޢުރުފީ މާނައިގައި ވެސް ބަލައިގަނެވިދާނެއެވެ. އަދި ހަމަމިއާއެކު، ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޢުރުފީ ޙަޤީޤަތް އިސްކުރެވޭނެތީ، ލުޣަވީ މާނައިގެ މައްޗަށް ޢުރުފީ މާނަ އިބްނު ދަޤީޤުލްޢީދު އިސްކުރެއްވިއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =