[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 59

59ވަނަ ޤަވާޢިދު (ޖުމްލަ 60): الحَقِيْقَةُ الشَّرْعِيَّةُ مُقَدَّمَةٌ عَلَى الحَقِيْقَةِ اللُّغَوِيَّةِ

މި ޤަވާޢިދުގެ ތަރުޖަމާ: {ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޝަރުޢީ ޙަޤީޤަތު އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ލުޣަވީ ޙަޤީޤަތަކާއި ޝަރުޢީ ޙަޤީޤަތެއް ލިބިގެންވާ ލަފްޒެއް ބޭނުންކުރައްވައިގެން ވާހަކަފުޅުދައްކަވާފައިވާނަމަ، އަޞްލަކީ ޝަރުޢީ ޙަޤީޤަތާ އެއްގޮތްވާ ގޮތުގެ މަތިން އެ ލަފްޒު ބަލައިގަތުމެވެ. އެ ލަފްޒު ބޭނުންކުރެވިފައިވަނީ ލުޣަވީ ޙަޤީޤަތާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ދަލީލެއް ވާރިދުވެއްޖައުމަށް ދާންދެނެވެ. ދަލީލެއް އޮވެއްޖެނަމަ އެ ލުޣަވީ ޙަޤީޤަތަށް ބަދަލުވާނީއެވެ. ނޫނީ އަޞްލުގެ މަތީގައި ދެމިތިބޭނީއެވެ. ވާހަކައިގައި އަޞްލަކީ ޙަޤީޤަތްކަމުގައި ވާތީ، ޢުޛުރުވެރިވެއްޖެ ހާލަތެއްގައި މެނުވީ ޙަޤީޤަތް ނޫން އެހެން އެއްޗަކަށް ބަދަލުވުމެއް ނުވެއެވެ. ޝަރުޢުކުރައްވާ ފަރާތުގެ ވާހަކަފުޅުގެ ޙަޤީޤަތަކީ، އެ ފަރާތުގެ އަރިހުގައި ހަމަޖެހި ކަނޑައެޅިގެންވާ ޝަރުޢީ ޙަޤީޤަތެވެ. ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޝަރުޢީ ޙަޤީޤަތް އިސްކުރެވެނީ މި ނަޒަރުން ބަލައިފައެވެ.

ލުޣަވީ ޙަޤީޤަތް (ނުވަތަ ބަހަވީ ޙަޤީޤަތް) އަކީ، ލަފްޒު ބޭނުންކުރެވޭ އެ އުފަންކުރެވިފައިވާ އަޞްލު މާނައެވެ. މިސާލަކަށް، މުޠުލަޤުކޮށް (އެބަހީ، އާންމު މާނައިގައި) ދޮވުމަށާއި ސާފުތާހިރުވުމަށް [الوُضُوءُ] ބޭނުންކުރުމެވެ. އެހެނީ، [الوُضُوءُ] ނެގިފައިވަނީ الوَضَاءَةُ އިންނެވެ. އޭގެ މާނައަކީ، ސާފުތާހިރުކަމެވެ. ހަމައެގޮތަށް، ދުޢާގެ މާނައިގައި [الصَّلَاةُ] ބޭނުންކުރުމެވެ.

ޝަރުޢީ ޙަޤީޤަތަކީ، ޝަރުޢުގެ ނަޒަރުން ލަފްޒަށް ދެވިފައިވާ މާނައެވެ. އެގޮތުން މިސާލަކަށް، ވަކި ޚާއްޞަ ގޮތަކަށް ނިޔަތާއެކު ވަކި ގުނަވަންތަކެއްގައި ދޮވުމަށް [الوُضُوءُ] ގެ ލަފްޒު ބޭނުންކުރުމެވެ. ހަމައެފަދައިން، ޚާއްޞަ ބަސްތަކަކާއި ޢަމަލުތަކެއް އެކުލެވޭ، ތަކުބީރަކުން ފެށޭ، ސަލާމްދިނުމަކުން ނިމޭ އަޅުކަމެއްގެ މާނައިގައި [الصَّلَاةُ] ބޭނުންކުރުމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آَمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ) (ސޫރަތުލްބަޤަރާ: 172 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުކުރެއްވި طَيِّبَاتُ ތަކުން ތިޔަބައިމީހުން ކައިއުޅޭށެވެ!] ތަފްސީރު ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވަނީ، މި ތަނުގައިވާ [ތިޔަބައިމީހުންނަށް ރިޒުޤުކުރެއްވި طَيِّبَاتُ ތަކުން] ގެ މުރާދަކީ، ތިޔަބައިމީހުން ހޯދައިގަތް ރަނގަޅު ތަކެތި ކަމުގައެވެ. (މުތަރުޖިމު: އަދި އަލްޤުރްއާނުލްކަރީމްގެ ދިވެހި ތަރުޖަމާގައި ވެސް ވަނީ މިފަދައިންނެވެ.) މިއާ ޚިލާފަށް، ތަފްސީރު ޢިލްމުވެރިންކުރެ ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވަނީ، އެ އާޔަތުގައިވާ [طَيِّبَاتُ] ގެ މުރާދަކީ، ޙަލާލުކަމުގައެވެ. (އެބަހީ، ރިޒުޤުކުރެއްވި ޙަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެވެ.) އައްޝައުކާނީ ވިދާޅުވެފައިވަނީ، އެ ދެ ކަންތަކަށް ބަރޯސާވުން (އެބަހީ، އެ ދެ ގޮތަށް މާނަކުރުން) މަނާކުރާނޭ އެއްވެސް ހުރަހެއް ނެތެވެ. ސަބަބަކީ، ޢިލްމުވެރިންގެ އަރިހުގައި ހޯދާ ރަނގަޅު ތަކެއްޗަށް ޙަލާލު ތަކެއްޗޭ ކިޔޭތީއެވެ. ބަހުގެ އަހުލުވެރިން ޙަލާލު އެއްޗެއް ކަމުގައި ވިޔަސް ނުވަތަ ޙަރާމް އެއްޗެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި ރަނގަޅު އެއްޗެއްނަމަ، އެ ނަން ދިންކަމުގައި ވިޔަސް މެއެވެ. އެހެންނަމަވެސް، ދެވަނަ މާނަ (އެބަހީ، ޙަލާލު އެއްޗެހީގެ މާނަ) ބަލައިގަތުން އައުލާކަން ބޮޑެވެ. ސަބަބަކީ، ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޝަރުޢީ ޙަޤީޤަތް އިސްކުރެވޭނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =