[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 60

60ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَجَازُ الأَقْرَبُ إِلَى الحَقِيْقَةِ أَوْلَى مِن غَيْرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޙަޤީޤަތުއާ އެންމެ ގާތް މަޖާޒު އެހެން އެއްޗެއްސަށްވުރެ އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ލަފްޒަކުން އޭގެ ޙަޤީޤީ މާނަ ނެގުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ލަފްޒުގެ މަޖާޒީ މާނަ ނެގުމަށް ބޭނުންވިއިރު، އެ ލަފްޒާ އެކަށީގެންވާ އެތަކެއް މަޖާޒީ މާނަތަކެއް އެ ލަފްޒަށް ލިބިގެންވާތީ ފެނިއްޖެނަމަ، އެ މަޖާޒީ މާނަތަކުގެ ތެރެއިން ޙަޤީޤަތުއާ (ޙަޤީޤީ މާނައާ) އެންމެ ގާތް މަޖާޒީ މާނައިގައި އެ ލަފްޒު ބޭނުންކުރުން ލާޒިމުވާނެއެވެ. އަދި އެ މާނައަށްވުރެ ދުރު މަޖާޒީ މާނަތަކުގެ މައްޗަށް އެ މަޖާޒީ މާނަ އިސްކުރުން ލާޒިމުވާނެއެވެ.

ދެން ފަހެ، މަޖާޒަކީ ޙަޤީޤަތުގެ ފަސްފަހަތުން އަންނަ، އޭގެ ފަރުޢުއެއްކަމީ އެނގިގެންވާ މަޝްހޫރު ކަމެކެވެ. އެހެންކަމުން، ލަފްޒުގެ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް އޭގެ ޙަޤީޤީ މާނައިގައި އެ ލަފްޒު ނެގުމުގެ ފުރުސަތު އޮތްނަމަ، އެ ޙަޤީޤީ މާނައިގައި އެ ލަފްޒު މާނަކުރަންވާނެއެވެ. އެ ހާލަތުގައި، އެ ލަފްޒުގެ މަޖާޒުގެ މައްޗަށް ބިނާކުރެވިފައިވާ މަޖާޒީ މާނައިގައި އެ ލަފްޒު ބޭނުންކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ވީއިރު، މަޖާޒީ މާނައިގައި ލަފްޒު މާނަކުރެވޭނީ ޙަޤީޤީ މާނައިގައި އެ ލަފްޒު މާނަކުރުމަށް ނުކުޅެދިއްޖެނަމައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِذَا أُقِـيـمَتِ الصَّلَاةُ فَلَا صَلَاةَ إِلَّا الْمَكْتُوبَةَ)) މާނައީ: [ނަމާދަށް ޤަމަތްދެވިއްޖެނަމަ (ދަންނާށެވެ!) ފަހެ، ފަރުޟު ނަމާދު މެނުވީ އެހެން ނަމާދެއް އެހިނދު ނުވެއެވެ.] މި ޙަދީޘްފުޅުގައި މިވާ ނަމާދު ނަފީކުރެއްވުމީ ނަމާދުގެ ޙަޤީޤަތް ނަފީކުރެއްވުމެއް ނޫނެވެ. ސަބަބަކީ، ޢަމަލީގޮތުން ނަމާދުކޮށްފައި އޮވެދާނެތީ، އެ ވަގުތު ނަމާދެއް ކޮށްފިނަމަ އެ ނަމާދެއް (ބޭރުފުށުން) ނުކުރެޔެކޭ ނުބުނެވޭނެތީއެވެ. އެހެންކަމުން، މި ޙަދީޘްފުޅުގެ މާނަ ނަގަންޖެހޭނީ މަޖާޒީ މާނައިގައެވެ. އެގޮތުން، އޭގައި ދެ މާނައެއް ނެގިދާނެއެވެ. އެއް މާނައަކީ، އެ ނަފީކުރެއްވުމީ ޞައްޙަވުން ނަފީކުރެއްވުނު ކުރެއްވުމެއް ކަމުގައި ބަލައިގަތުމެވެ. އަނެއް މާނައަކީ، އެއީ ފުރިހަމަވުން ނަފީކުރެއްވުނު ކުރެއްވުމެއް ކަމުގައި ބަލައިގަތުމެވެ. މި ދެ މަޖާޒީ މާނައިން ޙަޤީޤީ މާނައާ އެންމެ ގާތްކުރަނީ ޞައްޙަވުން ނަފީކުރާ މާނައެވެ. އެހެންކަމުން، މި ޙަދީޘްފުޅު ނެގޭނީ އެ މާނައިގައެވެ. އެހެންކަމުން، މިއަށް ބިނާކޮށް، ސުންނަތް ނަމާދެއް ކުރަންހުއްޓައި ފަރުޟު ނަމާދަކަށް ޤަމަތްދީފިނަމަ، އެ ސުންނަތް ނަމާދު ދޫކޮށްލައި އެ ފަރުޟު ނަމާދުގައި ބައިވެރިވުން ވާޖިބުވާނެއެވެ. ސަބަބަކީ، އެ ހާލަތުގައި އެ ސުންނަތް ނަމާދު ޞައްޙަ ނުވާނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނިމުނީ =