އެކަލޭގެފާނުގެ ފޮތްތައް
އިމާމު ޛަހަބީ މި މަޢޫޟޫގައި ލިޔުއްވާފައިވާ ވާހަކަތައް ކުރުގޮތަކަށް މިތަނުގައި ހިމަނާލާނަމެވެ.
ابن الجوزي ވިދާޅުވިއެވެ.
“އަމިއްލަ ފޮތްތަކެއް ލިޔުއްވުން އެއީ ރަނގަޅުކަމެއްކަމަށް އިމާމު އަޙްމަދު ދެކެވަޑައިނުގަންނަވައެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކާއި މައްސަލަތަކާއިމެދު އެކަލޭގެފާނު ދައްކަވާފައިވާ ވާހަކަފުޅުތައް ލިޔުއްވުން އެކަލޭގެފާނު މަނާ ކުރައްވައެވެ. އެފަދައިން އެކަލޭގެފާނު ދެކިވަޑައިގެންނެވި ނަމަ ގިނަވެގެންވާ ލިޔުންތައް އެކަލޭގެފާނަށް ވީހެވެ. އެކަލޭގެފާނު (المسند) ލިޔުއްވިއެވެ. އެފޮތުގައި ތިރީށް ހާސް ޙަދީޘް ވެއެވެ. އަދި އެކަލޭގެފާނު ދަރިކަލުން ޢަބްދުﷲ އަށް ވިދާޅުވާކަމުގައިވެއެވެ: މި މުސްނަދާއިމެދު ރައްކާތެރިވާށެވެ. އެހެނީ ފަހެ ހަމަކަށަވަރުން އެފޮތް މީސްތަކުންނަށް އިމާމަކަށް ވާހުއްޓެވެ. އަދި އެކަލޭގެފާނު (التفسير) ލިޔުއްވިއެވެ. އެފޮތުގައި (120،000)އެއްލައްކަ ވިހި ހާސް ޙަދީޘް ވެއެވެ. އަދި الناسخ والمنسوخ އާއި التاريخ އާއި حديث شعبة އާއި المقدم والمؤخر في القرآن އާއި جواب القرآن އާއި المناسك އާއި الكبير والصغير އަދި މިނޫންވެސް އެތައް ފޮތްތަކެއް ލިޔުއްވިއެވެ.”
الذهبي ވިދާޅުވިއެވެ.
“އެކަލޭގެފާނުގެ الإيمان ކިޔާފޮތަކާއި الأشربة ކިޔާފޮތެއް ވެއެވެ. އަދި އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ الفرائض ގެ ގަނޑުތަކެއް ތިމަންކަލޭގެފާނު ދުށީމުއެވެ. އަދި އެކަލޭގެފާނުގެ ތަފްސީރެއްގެ ގޮތުގައި ޛިކުރުކުރެވޭ ތަފްސީރެއް ފެންނާކަށް ނެތެވެ. އަދި އެފޮތް ވާނަމަ އެންމެ ހެޔޮމީހުން އެ ފޮތް ހޯދަން ގަދައަޅައި މަސައްކަތް ކުރީހެވެ. އަދި އެކަލޭގެފާނު ތަފްސީރެއް ލިޔުއްވާފައި ވާނަމަ އެތަފްސީރެއްގައި 10،000 އަޘަރަށްވުރެއް އިތުރެއް ނުވީހެވެ. އަދި މުޖައްލަދު ތަކެއްގެ ގޮތުގައި ވާނަމަ ފަސް މުޖައްލަދުގައި ފޮތް ޖަމާކޮށްލެވޭނެއެވެ. އިބްނު ޖަރީރު، އެކަލޭގެފާނު ޖަމަޢަ ކުރައްވާފައިވާ ތަފްސީރު ގައިވެސް 20،000 ރިވާޔަތެއް ހަމަ ނުވެއެވެ. أبو الحسن بن المنادي ފިޔަވައި އިތުރު ބޭކަލަކު އިމާމު އަޙްމަދުގެ ތަފްސީރެއް ވާކަމަކަށް ވިދާޅުވެފައެއް ނުވެއެވެ. އެކަލޭފާނު تاريخ ގައި ވިދާޅުވެފައި ވެއެވެ. ދުނިޔޭގައި އެބޭކަލެއްގެ ބައްޕަގެ އަރިހުން، ޢަބްދުﷲ ބުން އަޙްމަދު ބުން ޙަންބަލްއަށްވުރެ ގިނައިން ރިވާކުރައްވާފައިވާ އެއްވެސް ބޭކަލަކު ނުވެއެވެ. އެހެނީ އެކަލޭގެފާނު، އެކަލޭގެފާނުގެ އަރިހުން مسند އަޑުއެއްސެވިއެވެ. އެއީ 30،000 ރިވާޔަތެވެ. އަދި التفسير ގައި 120،000 ރިވާޔަތެވެ. އެކަލޭގެފާނު (ޢަބްދުﷲ) އެކަލޭގެފާނުގެ އަރިހުން އެއިން ތިންބައިކުޅަ ދެބައި އަޑުއެއްސެވިއެވެ. އަދި އަނެއްބައި އަމިއްލަފުޅަށް ކިޔުއްވިއެވެ.”
ابن السماك ވިދާޅުވިއެވެ.
“ތިމަންބޭކަލުންނަށް ޙަންބަލް ކިޔާދިނެވެ. ވިދާޅުވިއެވެ. އަޙްމަދު ބުން ޙަންބަލް، ތިމަންކަލޭގެފާނާއި، ޞާލިޙާ އަދި ޢަބްދުﷲ، އެއްތާކަށް ޖަމާކުރިއެވެ. ދެން އެކަލޭގެފާނު ތިމަންބޭކަލުންނަށް المسند ކިޔާދެއްވިއެވެ. އެކަލޭގެފާނުގެ އަރިހުން ތިމަންބޭކަލުން ނޫންބަޔަކު އަޑު ނާއްސަވައެވެ. އަދި ވިދާޅުވިއެވެ. މިފޮތަކީ ތިމަންކަލޭގެފާނު 150000 އަށްވުރެ ގިނަރިވާޔަތުން ނެރެ ޖަމަޢަ ކުރައްވާފައިވާ ފޮތެކެވެ. މުސްލިމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘަކާއިމެދު ޚިލާފު އުފެދިއްޖެނަމަ އެފޮތަށް ރުޖޫޢަވާށެވެ. ފަހެ އެފޮތުން ފެނިއްޖެނަމަ އެއީ ޙުއްޖަތެކެވެ. ނުފެނިއްޖެނަމަ އެއީ ޙުއްޖަތެއް ނޫނެވެ.”
الذهبي ވިދާޅުވިއެވެ.
“އަހަރެން ބުނަމެވެ. ބުޚާރީއާއި މުސްލިމުގައި މުސްނަދުގައި ނެތް ޙަދީޘްތައް ވަރަށް މަދެވެ. އެހެންނަމަވެސް ބުނެވިދާނެއެވެ. އެކަލޭގެފާނުގެ ބަސްފުޅު ރައްދެއް ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން މުސްލިމުން އެކަމާއިމެދު ޚިލާފުވެފައެއް ނުވެއެވެ. އަދި އެއަށްފަހު މުސްނަދުން ފެންނަ ކޮންމެ ޙަދީޘެއް ޙުއްޖަތެއްކަމުގައިވުން މިބަސްފުޅުން ލާޒިމެއް ނުކުރެއެވެ. ފަހެ އެފޮތުގައި ގިނަ އަދަދެއްގެ ޟަޢީފު ޙަދީޘް ވެއެވެ. އެއިން ޙުއްޖަހް ޤާއިމްވުން ވާޖިބުވެގެން ނުވެއެވެ. އަދި މައުޟޫޢު ޙަދީޘާ ވައްތަރު ޙަދީޘަަކެއް އެފޮތުގައިވެއެވެ. އެހެންނަމަވެސް އެއީ ކަނޑުގައިވާ ލޮނު ތިއްކެއްގެ މިންވަރުހާ މަދު އަދަދެކެވެ. އަދި ޢަބްދުﷲ ބުން އަޙްމަދު ގެ މުސްނަދުގައި އެޙަދީޘްތަކުގެ ޒިޔާދާތައް އެބަހުއްޓެވެ.
ابن الجوزي ވިދާޅުވިއެވެ.
“އެކަލޭގެފާނުގެ (އަޙުމަދު ބުން ޙަންބަލްގެ) ފޮތްތަކުގެ ތެރޭގައި نفي التشبيه ހިމެނެއެވެ. އެއީ އެއްމުޖައްލަދުގެ ފޮތެކެވެ. އަދި اللإيمان ވެއެވެ. އެއީ ކުޑަ ފޮތެކެވެ. އަދި الرد علي الزناديق ވެއެވެ. އެއީ ތިން މުޖައްލަދުގެ ފޮތެކެވެ. އަދި كتاب الزهد ވެއެވެ. އެއީ ބޮޑު އެއްމުޖައްލަދުގެ ފޮތެކެވެ. އަދި الرسالة ވެއެވެ. އެއީ ނަމަދާ ބެހޭގޮތުން ލިޔެފައިވާ ފޮތެކެވެ.” الذهبي ވިދާޅިވިއެވެ. “އެއީ އިމާމު އަޙްމަދަށް ނިސްބަތްކޮށް ހަދާފައިވާ ފޮތެކެވެ.”
އެކަލޭގެފާނު (ابن الجوزي) ވިދާޅުވިއެވެ.
އަދި އެކަލޭގެފާނުގެ ފޮތް الصحابة ވެއެވެ. الذهبي ވިދާޅުވިއެވެ. އެފޮތުގައި ޢަބްދުﷲ ބުން އަޙްމަދު އާއި އެކަލޭގެފާނުގެ އެކުވެރިޔާ އަބޫ ބަކުރު އަލްޤަޠީޢީ އިތުރު ކުރައްވާފައިވާ ބައިތަކެއްވެއެވެ.
އަދި އެކަލޭގެފާނުުގެ އިސް ދަރިވަރުން، އިމާމު އަޙްމަދުގެ އަރިހުން ރިވާވެފައިވާފައިވާ ވަރަށް ގިނަ މައްސަލަތައް އެތަކެއް މުޖައްލަދު ތަކެއްގައި ޖަމާކުރިއެވެ. އެގޮތުން ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި المروزي އާއި الأثرم އާއި حرب އާއި ابن هانئ އާއި الكوسج އާއި أبو طالب ވެއެވެ. އަދި ابو بكر الخلال އަތުގައި އެހުރިހާ ބޭކަލުންގެ އަރިހުގައިވާ ރިވާޔަތްތަކުގެ ތެރެއިން އަޙްމަދުގެ ބަސްފުޅުތަކާއި، ފަތުވާ ތަކާއި، ޢިލަލް އާއި ބެހޭ ބަސްފުޅުތަކާއި، ރިޖާލުންނާއި، ސުންނަތާއި، ފަރުޢުއާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުން ރިވާވެފައިވާ ރިވާޔަތްތައް ޖަމަޢަކުރެއްވިއެވެ. އެތަކެތި ހޯދުމަށްޓަކައި އެކަލޭގެފާނު އެކިކަންކޮޅުތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު، އިމާމު އަޙްމަދުގެ ޞާޙިބުންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައެއްހާ ބޭކަލުންގެ އަރިހުން ލިޔުއްވިއެވެ. ދެން އެއަށްފަހު އިމާމު އަޙްމަދުގެ އަޞްޙާބުންގެ އަޞްޙާބުންގެ އަރިހުން ގިނަ އަދަދެއްގެ މައްސަލަތައް ލިޔުއްވިއެވެ. އަދި އޭގެތެރެއިން އެއްބަޔަކީ އިމާމު އަޙްމަދުގެ އަރިހުން ރިވާކުރި ބޭކަލުންގެ އަރިހުން، އަދި އެބޭކަލުންގެ އަރިހުން ރިވާކުރެއްވި ބޭކަލުންގެ އަރިހުން ލިޔުއްވާފައިވާ ރިވާޔަތް ތަކެކެވެ. ދެން އެހުރިހާ ބަސްފުޅުތައް ޖަމާކުރުމަށް ފަހުގައި، ތަރުތީބު ކުރައްވާ، ތަހުޛީބުކުރައްވާ ބާބުތަކަށް ބެއްސެވިއެވެ. ދެން އެއަށްފަހުގައި العلم އާއި العلل އާއި السنة ލިޔުއްވިއެވެ. ކޮންމެ ފޮތެއްގައި ތިން މުޖައްލަދު ވެއެވެ.[1]
(ނުނިމޭ)
[1] سير أعلام النبلاء 11/327-331