8ވަނަ ޤަވާޢިދު (ޖުމްލަ 189): الفِعْلُ الـمُتَعَدِّي فِي سِيَاقِ النَّفْيِ وَالشَّرْطِ عَامٌّ فِي مَفْعُولَاتِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ކަމެއް ނަފީކުރުމާ ގުޅޭ ގޮތުން ނުވަތަ ޝަރުޠުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައި އޮންނަ الفِعْلُ الـمُتَعَدِّي އަކީ އޭގެ مَفْعُولُ ތަކުގައި ޢާއްމު އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: مَفْعُولُ އުނިކުރެވިފައިވާ، މަޞްދަރު ޛިކުރުކުރެވިފައިނުވާ، ކަމެއް ނަފީކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައި ނުވަތަ ކަމެއް ޝަރުޠުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްފަދަ އޭގެ މާނައިގައިވާ ތަނެއްގައި އައިސްފައިވާ الفِعْلُ الـمُتَعَدِّي ގެ ފިޢުލުގެ مَفْعُولُ ތަކުން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. އަދި އެފަދަ ފިޢުލެއް ތަޚްޞީޞްކުރެވިދާނެއެވެ.
މިސާލަކަށް، މީހަކު [وَاللهِ لَا آ كُلُ] (ﷲ ގަންދީ ބުނަމެވެ. އަހުރެން ނުކަމެވެ.) އޭ ބުނުމެވެ. ނުވަތަ [إِنْ أَ كَلْتُ فَلِوَلَدِي جَائِزَةٌ] (އަހުރެން ކައިފިނަމަ، އަހުރެންގެ ދަރިފުޅަށް ހަދިޔާއެއް ލިބޭނެއެވެ.) އޭ ބުނުމެވެ. މި ތަނުގައި ބޭނުންކުރެވިފައި އެވާ ފިޢުލު (آ كُلُ) އާއި ފިޢުލު (أَ كَلْتُ) އަކީ، مُتَعَدِّي ފިޢުލުތަކެކެވެ. އެ ޖުމްލަތަކުގައި އެ ވަނީ އެ ފިޢުލުތަކުގެ مَفْعُولُ ތައް އުނިކުރެވިފައެވެ. އެގޮތުން، [لَا آ كُلُ خُبْـزًا] (އަހުރެން ރޮއްޓެއް ނުކަމެކޭ) ނުވަތަ [إِنْ أَ كَلْتُ خُبْـزًا] (އަހުރެން ރޮއްޓެއް ކައިފިނަމައެކޭ) ބުނެފައެއް ނުވެއެވެ. އަދި އެ ފިޢުލުތަކާ އެކު އެ ފިޢުލުތަކުގެ މަޞްދަރުތައް ގެނެސްފައެއް ވެސް ނުވެއެވެ. އެގޮތުން، [أَ كَلْتُ أَ كْلًا] (އަހުރެން ކެއުމެއް ކައިފީމެކޭ) ނުވަތަ [آكُلُ أَ كْلًا] (އަހުރެން ކެއުމެއް ކަނީއެކޭ) ބުނެފައެއް ނުވެއެވެ. އަދި މި ތަނުން ފުރަތަމަ ޖުމްލައިގައި އެވާ ފިޢުލު އެވަނީ، ކަމެއް ނަފީކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައެވެ. އަދި މި ތަނުން ދެވަނަ ޖުމްލައިގައި އެވާ ފިޢުލު އެވަނީ، ކަމެއް ޝަރުޠުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައެވެ. އަދި އެ ވަނީ ނަފީގެ މާނައިގައެވެ. އެހެންކަމުން، މި ދެ ޖުމްލައިގައިވާ ފިޢުލު [آ كُلُ] (އަހުރެން ކަނީ) އާއި ފިޢުލު [أَ كَلْتُ] (އަހުރެން ކައިފިން) ގެ ހުރިހާ مَفْعُولُ ތައް ވެސް ޢާއްމުވެގެންވެއެވެ. އެގޮތުން، އަހުރެން ނުކަމޭ ބުނި ބުނުމުގެ ތެރެއަށް އަދި އަހުރެން ކައިފިނަމައޭ ބުނި ބުނުމުގެ ތެރެއަށް ކެއުމުގެ އެންމެހައި ބާވަތްތަކެއް ވެސް ވަންނާނެއެވެ. އަދި އޭނާ އެ ބުނި ބުނުން ތަޚްޞީޞްކުރެވިދާނެއެވެ. އެގޮތުން، އަހުރެން އެހެން ބުނީ ވަކި ކާ އެއްޗަކަށް (މިސާލަކަށް، އާފަލަށް) ޚާއްޞަކޮށް އެ ނިޔަތުގައޭ ބުނެ ހުވާކޮށްފިނަމަ، އެ ނިޔަތް ޞައްޙަވާނެއެވެ. އަދި އޭނާ އެ ނިޔަތްގަތްގޮތް ޤަބޫލުކުރެވޭނެއެވެ. އަދި އޭނާގެ ނިޔަތުގައި އޮތް އެތި ނޫން އެހެން އެއްޗެއް ކައިފައިވުމަކުން ހުވައިގެ ކައްފާރާ އަދާކުރާކަށް ނުޖެހޭނެއެވެ.
މި ޤަވާޢިދުގައި އެ ވަނީ، ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، އިމާމު އައްޝާފިޢީ ދެކިލައްވާ ގޮތެވެ. އަދި މިއީ ތަޙްޤީޤުކުރައްވާ ބޭފުޅުންގެ ރައުޔުކަމަށް އިބްނުލްޙާޖިބު ވިދާޅުވެފައިވެއެވެ. އަދި މާލިކީންނަށާއި ޝާފިޢީންނަށް މި ރައުޔު ނިސްބަތްކުރެވިފައިވެއެވެ. އަދި ޙަންބަލީންނާއި ޙަނަފީންކުރެ އަބޫ ޔޫސުފް މި ރައުޔު އިޚްތިޔާރުކުރައްވަތެވެ. އަދި އަލްޣަޒާލީއާއި އަލްއާމިދީއާއި އިބްނުލްޙާޖިބުއާއި އަލްޤަރާފީއާއި އިބްނުއްސުބުކީ ވެސް މި ރައުޔު އިޚްތިޔާރުކުރައްވަތެވެ. މިއާޚިލާފަށް، ބައެއް ބޭފުޅުން މި ޤަވާޢިދުގައިވާ ގޮތާ ޚިލާފަށް ދެކިލައްވަތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =