[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 7

9ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُعَرَّفُ بِأَل يُفِيْدُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުން ޢާއްމުކަން ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތަކާއި ލަފްޒުތަކުގެ ތެރޭގައި އަލިފުލާމުން ފެށިފައިވާ ނަންތައް ނުވަތަ އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތައް ހިމެނެއެވެ. އަލިފުލާމު ވަދެފައިވަނީ ޖަމްޢު (ގިނަކަމުގެ މާނަ ދޭހަކޮށްދޭ) ލަފްޒަކަށް ކަމުގައިވިޔަސް، ނުވަތަ އަލިފުލާމު ވަދެފައިވަނީ މުފްރަދު (އެކަތީގެ މާނަ ދޭހަކޮށްދޭ) ލަފްޒަކަށް ކަމުގައިވިޔަސް މެއެވެ.

މި ތަނުގައި [މަޢުރިފާ] ކުރުމުގެ މުރާދަކީ، ވަކި ޚާއްޞަ މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްވާނޭހެން، ވަކި މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކުރުމެއްނެތި ޢާއްމުކޮށް ހުންނަ ނަންތަކަށް ބަދަލުގެނައުމެވެ. ޢާއްމު ނަންތައް ޚާއްޞަކުރުމުގެ ގޮތުން، ޢާއްމު ނަމެއްގެ ކުރިޔަށް އަލިފުލާމު ގެނެސްގެން ވެސް އެ ކަން ކޮށްއުޅެއެވެ. މި ޤަވާޢިދުގައި ވާހަކަ މި ދެކެވެނީ މި ޙާލަތުގައި އެ ނަމުން ޢާއްމުކަމުގެ މާނަ ލިބުމާ މެދުގައެވެ.

އަލިފުލާމު ވަދެފައިވާ ޖަމްޢު ލަފްޒުގެ މިސާލަކީ، (إِنَّ الْأَبْرَارَ لَفِي نَعِيمٍ) (މާނައީ: ހަމަކަށަވަރުން، ހެޔޮލަފާ މީހުން ވަނީ ނިޢުމަތުގައިކަން ކަށަވަރެވެ.) (ސޫރަތުލްއިންފިޠާރު: 13) މި އާޔަތުގައި އެވާ [الْأَبْرَارَ] (ހެޔޮލަފާމީހުން) އެވެ. އެބަހީ، ހެޔޮލަފާ ކޮންމެ މީހަކަށް ވެސް ސުވަރުގޭގެ ނިޢުމަތުގައި އުޅުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވާނެތެވެ.

އަލިފުލާމު ވަދެފައިވާ މުފްރަދު ލަފްޒުގެ މިސާލަކީ، (وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا) (މާނައީ: ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ!) (ސޫރަތުލްމާއިދާ: 38 ވަނަ އާޔަތުގެ އެއްބައި) މި އާޔަތުގައި އެވާ [السَّارِقُ وَالسَّارِقَةُ] (ވައްކަންކުރާ ފިރިހެނާއާއި ވައްކަންކުރާ އަންހެނާ) އެވެ. އެބަހީ، ޝަރުޠުތައް ފުރިހަމަވުމުން، ވައްކަންކުރާ ކޮންމެ ފިރިހެނަކަށް ވެސް ނުވަތަ އަންހެނަކަށް ވެސް އިސްލާމީ ޝަރީޢަތުގައި އޮތީ ޢުޤޫބާތުގެ ގޮތުން އޭނާގެ އަތްބުރިކުރުމެވެ.

އަލިފުލާމު ވަދެފައިވާ ނަންތަކުން ޢާއްމުކަމުގެ މާނަ ލިބުމަށްޓަކައި، އެ އަލިފުލާމު ބޭނުންކުރެވިފައިވަނީ ޒަމާނަށް ނިސްބަތްކޮށްކަމުގައި ނުވުމާއި، އެ ލަފްޒުން ޢާއްމުކަމުގެ މާނަ ލިބުން މުސްތަޙީލުނުވުން ޝަރުޠުކުރެވިގެންވެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ) (މާނައީ: އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުގަންނާށެވެ!) (ސޫރަތު އާލު ޢިމްރާން: 173 ވަނަ އާޔަތުގެ އެއްބައި) ގެ ދެވަނައަށް އެވާ [النَّاسُ] (މީސްތަކުން) ގައި އަލިފުލާމު ބޭނުންކުރެވިފައި އެވަނީ ޒަމާނަށް ނިސްބަތްކޮށެވެ. އެހެނީ، އެ އާޔަތް ބާވައިލެއްވުނީ ވަކި ޒަމާނެއްގެ ވަކި ބަޔަކާ ގުޅޭގޮތުން ކަމުގައިވާތީއެވެ. އެހެންކަމުން، އެ ލަފްޒުން ޢާއްމުކަމުގެ މާނަ ލިބުން މުސްތަޙީލުވެގެންވެއެވެ.

އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާ ނަމެއްގެ ގޮތުގައި ހެދިފައިވާ ޖަމްޢު ނަންތައް ވަކި ޒަމާނަކަށް ނިސްބަތްކުރެވިފައިނުވާނަމަ، އެއިން ޢާއްމުކަން ލިއްބައިދެޔޭ ގިނަ ޢިލްމުވެރިން ވިދާޅުވާކަމަށް އައްޒަރުކަޝީއާއި އައްޝައުކާނީ ވިދާޅުވެފައިވެއެވެ. އަދި އަބުލްޙުސައިން އަލްބަޞަރީއާއި އައްރާޒީއާއި އަލްއާމިދީއާއި އިބްނުޙާޖިބުއާއި އިބްނުއްސަމްޢާނީއާއި އަލްޣަޒާލީއާއި އިބްނު ޤުދާމާއާއި އައްނަސަފީ މި ރައުޔު އިޚްތިޔާރުކުރައްވަތެވެ.

އަދި އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާ ނަމެއްގެ ގޮތުގައި ހެދިފައިވާ މުފްރަދު ނަންތައް ވަކި ޒަމާނަކަށް އަދި ވަކި ޖިންސަކަށް ނިސްބަތްކުރެވިފައިނުވާނަމަ، އެއިން ޢާއްމުކަން ލިއްބައިދެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =