[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 8

10ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُعَرَّفُ بِالإِضَافَةِ يُفِيْدُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުން ޢާއްމުކަން ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތަކާއި ލަފްޒުތަކުގެ ތެރޭގައި އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތައް ހިމެނެއެވެ. މަޢުރިފާކުރެވިފައިވާ އެ ނަމަކީ ޖަމްޢު ނަމަކަސް ނުވަތަ މުފްރަދު ނަމަކަސް މެއެވެ.

ބަހުގެ ގޮތުން އިޟާފާ (الإِضَافَة) އަކީ، އެއްޗެއް އެއްޗަކާ ގުޅުވައިލުމެވެ. ނުވަތަ އެއީ، މަޢުރިފާކުރުމުގެ ގޮތުން ނުވަތަ ޚާއްޞަކުރުމުގެ ގޮތުން ވާހަކަދައްކާމީހާ ލަފްޒަކާ ގުޅުވައިލާ ލަފްޒެވެ. އިޞްޠިލާޙީ ގޮތުން އިޟާފާ (الإِضَافَة) އަކީ، ދެ ލަފްޒެއް ގުޅުވައިލައިގެން ނިސްބަތްކުރެވޭ ނިސްބަތްކުރުމެކެވެ. އޭގެ ސަބަބުން، އެ ތަނުން ދެވަނަ ލަފްޒުގައި ދާއިމީކޮށް އިބިފިލި ޖެހިގެންދެއެވެ. ދެން ފަހެ، އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުގެ މިސާލަކީ، بَابُ الغُرْفَةِ (ކޮޓަރީގެ ދޮރު) އެވެ. ދޮރޭ ބުނުމުން އެ އޮންނާނީ ވަރަށް ޢާއްމުކޮށެވެ. އެޔަކުން އެއީ ކޮން ދޮރެއްކަން އެނގޭވަރެއް ނުވާނެއެވެ. އެހެންނަމަވެސް، ކޮޓަރީގެ ދޮރޭ ބުނެ، ދޮރާއި “ކޮޓަރި” ގުޅުވައިލައި، ދޮރުގެ ތެރެއަށް ކޮޓަރި އިތުރުކޮށްލުމުން އެއީ ކޮން ދޮރެއްކަން އެނގިގެންދެއެވެ.

އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ޖަމްޢު ނަމުގެ މިސާލަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅު (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ) (ސޫރަތުއްނިސާ: 11 ވަނަ އާޔަތުގެ އެއްބައި) ގައި އެވާ أَوْلَادِكُمْ (ތިޔަބައިމީހުންގެ ދަރިން) އެވެ. أَوْلَادٌ (ދަރިން) އަކީ وَلَـدٌ (ދަރިއެއް) ގެ ޖަމްޢު އެވެ.

އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ މުފްރަދު ނަމުގެ މިސާލަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅު (فَعَصَوْا رَسُولَ رَبِّهِمْ) (ސޫރަތުލްޙާއްޤަ: 10 ވަނަ އާޔަތުގެ އެއްބައި) ގައި އެވާ رَسُولَ رَبِّـهِمْ (އެބައިމީހުންގެ ވެރި ރައްބުގެ ރަސޫލާ) އެވެ. رَسُولٌ (ރަސޫލެއް) އަކީ މުފްރަދު ލަފްޒެކެވެ. އޭގެ ޖަމްޢުއަކީ رُسُلٌ (ރަސޫލުންތަކެއް) އެވެ.

އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ޖަމްޢު ނަންތަކުން ޢާއްމުކަމުގެ މާނަ ލިއްބައިދޭކަމާ މެދު އެއްވެސް ޚިލާފެއް ނެތެވެ. އެހެންނަމަވެސް، އެފަދަ މުފްރަދު ނަންތަކުން ޢާއްމުކަމުގެ މާނަ ލިއްބައިދޭކަމާ މެދު ކޮންމެވެސް ވަރެއްގެ ޚިލާފެއް އެބައޮތެވެ.

އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ މުފްރަދު ނަންތަކުން ވެސް ޢާއްމުކަމުގެ މާނަ ލިއްބައިދޭކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އަލްފަޚްރުއްރާޒީއާއި އެ ބޭފުޅާއަށް ތަބާވި ބޭފުޅުންނާއި، އިބްނުލްޙާޖިބާއި، ޙަންބަލީންނާއި އަދި އެހެނިހެން ވެސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއާ ޚިލާފަށް، ޝާފިޢީންކުރެ ބައެއް ބޭފުޅުންނާއި ޙަނަފީންގެ ފަރާތްޕުޅުން އެއިން ޢާއްމުކަމުގެ މާނަ ލިއްބައިނުދޭކަމަށް ވިދާޅުވާކަމަށް ރިވާވެފައިވެއެވެ. އަދި އަލްޤަރާފީގެ ނަޒަރުގައި، މަދުމިންވަރާއި ގިނަމިންވަރަށް ވެސް އެ ލަފްޒު ފެތޭނަމަ، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. މިސާލަކަށް، އަހުރެންގެ މުދާ ޞަދަޤާތްކޮށްފީމޭ ބުނުމެވެ. އަހުރެންގެ މުދަލޭ ބުނުމުން އޭގައި މަދުމިންވަރު ވެސް އަދި ގިނަމިންވަރު ވެސް ޝާމިލުވެއެވެ. އެންމެ ޤައިދެއްއޮވެ ވަކި ޖިންސަކަށް އެ ލަފްޒު ފެތޭނަމަ، އެއިން ޢާއްމުކަމުގެ މާނަ ލިއްބައެއް ނުދެއެވެ. މިސާލަކަށް، އަހުރެންގެ އަންހެނުން ވަރިކޮށްފީމޭ ބުނުމެވެ. އަންހެނުން ވަކި ޖިންސަކަށް ފެތޭތީ، އަދި އިތުރު ޤައިދުތަކެއް ނެތީތީ، އެއިން ޢާއްމުކަމުގެ މާނަ ލިއްބައެއް ނުދެއެވެ. އެގޮތުން، އޭނާގެ ހުރިހާ އަނބިންނަށް ވަރި ޢާއްމުވެގެނެއް ނުދާނެތެވެ.

އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުން ޢާއްމުކަމުގެ މާނަ ލިއްބައިދޭނީ ޝަރުޠެއްގެ މަތިންނެވެ. އެއީ، ވަކި ޒަމާނަކަށް ފައްތާފައި ނުވުމާއި، އެ ސިފައަކީ ވަކި ފަރާތަކަށް ޢައްޔަނުކުރެވިފައިވާ ނަމެއްކަމަށް ދަލީލުކޮށްދޭ އަލިފުލާމުފަދަ ޤަރީނާއެއް ނެތުމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =