[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 9

11ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ عُمُومُهُ شُمُولِـيٌّ وَعُمُومُ الـمُطْلَقِ بَدَلِـيٌّ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ޢާއްމުކަމަކީ ޝާމިލު ކަމެއް، އަދި މުޠުލަޤުގެ ޢާއްމުކަމަކީ ބަދަލީ ކަމެއް}

މި ޤަވާޢިދުގެ މުރާދު: [ޢާއްމުގެ ޢާއްމުކަމަކީ ޝާމިލު ކަމެއް] ގެ މުރާދަކީ، ޢާއްމު ލަފްޒުގައި އެކުލެވޭ ޢާއްމުކަމުގެ ސަބަބުން، އެ ލަފްޒުގެ މައްޗަށް ދަލާލަތުކޮށްދޭ ވަކިވަކި ހުރިހާ ފަރުދުންތަކެއް އެ ލަފްޒުގެ ތެރޭގައި ޝާމިލުވާނެއެވެ. އެއިން ދަލާލަތުކޮށްދޭ ފަރުދުންކުރެ އޭގައި ޝާމިލުނުވާ އެއްވެސް ފަރުދެއް ނުހުންނާނެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَسَجَدَ الْمَلائِكَةُ كُلُّهُمْ أَجْمَعُونَ) (ސޫރަތުލްޙިޖްރު: 30) މާނައީ: [ފަހެ، މަލާއިކަތުން އެ އެންމެން އެކުގައި ސަޖިދަކުރައްވައިފޫއެވެ.] މި އާޔަތުގައި އެ ވަނީ [ކުއްލީ] ނަޒަރުންނެވެ. އެބަހީ، މަލާއިކަތުންކުރެ ކޮންމެ މަލާއިކަތަކު ވެސް ސަޖިދަ ޖެއްސެވިއެވެ. އޭގެ ތެރޭގައި ސަޖިދަ ނުޖައްސަވާ އެއްވެސް ބޭފުޅެއް ނުހުންނަވައެވެ.

އަދި މި ޤަވާޢިދުގެ ދެވަނަ ބައިކަމުގައިވާ [މުޠުލަޤުގެ ޢާއްމުކަމަކީ ބަދަލީ ކަމެއް] ގެ މުރާދަކީ، މުޠުލަޤުގެ އަފުރާދުންނަށް މުޠުލަޤުގައި ޙުކުމް ހިނގަނީ ބަދަލީ ގޮތެއްގައެވެ. ޢާއްމުގައި އޮންނަ ގޮތަށް ވަކިވަކި ކޮންމެ ފަރުދަކަށް މުޠުލަޤުގައި ޙުކުމެއް ނުހިނގާނެއެވެ. އެހެނެއްކަމަކު، ޙުކުމް ހިނގާނީ މުޠުލަޤުގެ ދަށަށް ވަންނަ އަފުރާދުންކުރެ ވަކި ނިސްބަތެއްގެ ފަރުދުންތަކަކަށް (އެ ފަރުދުންގެ މެދުގައި) ބަދަލީ ގޮތެއްގައެވެ. (އެބަހީ، އެއް ފަރުދަކު ނެތިއްޖެނަމަ ނުވަތަ ނުލިބިއްޖެނަމަ އަނެއް ފަރުދަށް މުޠުލަޤުގައިވާ ޙުކުމް ހިނގާ ގޮތަށެވެ. އެހެންނަމަވެސް، ޢާއްމުގައި އޮންނަގޮތުންނަމަ، ވަކިވަކި ފަރުދުންނަށް އެ ޙުކުމް ހިނގާނެއެވެ. ޢާއްމުގައިނަމަ، އެއް ފަރުދަކަށް ޙުކުމް ހިނގުމުން އަނެއް ފަރުދަކަށް އެ ޙުކުމް ނުހިނގައެއް ނޯންނާނެއެވެ.) މިސާލަކަށް، ޡިހާރުކޮށް އަލުން އެ ބަސް އަނބުރައި ގެންނަން ޤަޞްދުކުރާ މީހާ ކަންތައްކުރަންވީ ގޮތާ ގުޅޭގޮތުން އައިސްފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَتَحْرِيرُ رَقَبَةٍ) (ސޫރަތުލްމުޖާދަލާ: 3 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަޅަކު މިނިވަންކުރާހުށިކަމެވެ!] މި ޢިބާރާތްކޮޅުގައިވާ [އަޅަކު] މި ވަނީ މުޠުލަޤުކޮށެވެ. އަދި އޭގެ މަޤްޞަދަކީ، ހުރިހާ އަޅުންގެ މެދުގައި ވެސް ހުންނަ އެއްގޮތް މިންވަރެވެ. (އެބަހީ، އަޅަކަށްވުމެވެ.) އަޅުންގެ ތެރޭގައި ދޮން އަޅުންނާއި ކަޅު އަޅުންނާއި ދިގު އަޅުންނާއި ކުރު އަޅުން އުޅުނުކަމުގައި ވިޔަސް [އަޅަކު] މިނިވަންކުރަން އޮތް މުޠުލަޤު އަމުރުފުޅުގެ ތެރޭގައި، މި ތަނުގައި މުޠުލަޤުގެ ދަށަށް ވަންނަ އަފުރާދުންކަމުގައިވާ އެ ހުރިހާ އަޅުން ވެސް ހިމެނޭނެއެވެ. އެހެންނަމަވެސް، ބަދަލީ ގޮތެއްގައެވެ. އެހެންކަމުން، މިނިވަންކުރަންޖެހޭނީ އެ އަފުރާދުންގެ ތެރެއިން (އެބަހީ، އެ އަޅުންގެ ތެރެއިން) ވަކި ފަރުދެކެވެ. މިނިވަންކުރަން ކަޅު އަޅަކު ނުލިބިއްޖެނަމަ، ދޮން އަޅެކެވެ. ނުވަތަ ދޮން އަޅަކު ނުލިބިއްޖެނަމަ، ކަޅު އަޅެކެވެ. އެކަކު ނުވެއްޖެއްޔާ އޭނާގެ ބަދަލުގައި އަނެކަކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =