[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10

12ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ العَامِّ عَلَى أَفْرَادِهِ ظَنِّيَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ދަލާލަތު އޭގެ އަފުރާދުންގެ މައްޗަށް އޮންނަނީ ޡައްނީކޮށް}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އެ ޢާއްމުގެ އަފުރާދުންގެ މައްޗަށް ތަޚްޞީޞްއެއް ވަދެފައިނުވާ ޢާއްމުގެ ދަލާލަތު އޮންނާނީ ޡައްނީކޮށެވެ. އެއީ، ތަޚްޞީޞްއަށްފަހު އޮންނަ ޢާއްމުގެ ދަލާލަތު ގޮތަށެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މީގެ ތެރޭގައި، މާލިކީންނާއި ޝާފިޢީންނާއި ގިނަ ޙަންބަލީންނާއި ބައެއް ޙަނަފީން ހިމެނެއެވެ.

މިއާ ޚިލާފަށް، ޙަނަފީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، އެ ޢާއްމުގެ އަފުރާދުންގެ މައްޗަށް ތަޚްޞީޞްއެއް ވަދެފައިނުވާ ޢާއްމުގެ ދަލާލަތު އޮންނާނީ ޤަޠުޢީކޮށެވެ. ޚާއްޞުގެ ދަލާލަތު ގޮތަށެވެ. އެހެންނަމަވެސް، ތަޚްޞީޞްކުރެވިފައިވާކަމަށް ދަލީލުލިބިއްޖެނަމަ، އެ ދަލާލަތު ޤަޠުޢީ ދަލާލަތުން ޡައްނީ ދަލާލަތަށް ބަދަލުވާނެތެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން أَدَوَاتُ الشَّرْطِ އާއި އެ ނޫން ތަކެތި ތަފާތުކުރައްވައި ވިދާޅުވަނީ، أَدَوَاتُ الشَّرْطِ ގެ ދަލާލަތު އޮންނާނީ ޤަޠުޢީކޮށް ކަމުގައެވެ. އަދި އެ ނޫން ތަކެތީގެ ދަލާލަތު އޮންނާނީ ޡައްނީކޮށް ކަމުގައެވެ. މިއީ، އިމާމުލްޙަރަމައިނި އަލްޖުވައިނީގެ ވެސް ރައުޔެވެ.

ދެން ފަހެ، މި ޤަވާޢިދުގައި ވާހަކަ މި ދެކެވެނީ، ޢާއްމުގެ ދަށަށް ވަންނަ އަދި އޭގެ ޞީޣާގައި ޝާމިލުވާ އަފުރާދުންގެ މައްޗަށް، ޢާއްމުން ދަލާލަތުކޮށްދޭ ދަލާލަތުކޮށްދިނުމުގެ ޠަބީޢަތާ ގުޅޭގޮތުންނެވެ. އެ ވާނީ ޡައްނީ ދަލާލަތަކަށްތޯ ނުވަތަ ޤަޠުޢީ ދަލާލަތަކަށްތޯ ބެލުމުގެ ނަޒަރުންނެވެ.

އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި، އެ ޢާއްމުއެއް ތަޚްޞީޞްކުރުމުގެ ފުރުސަތު ނަފީކޮށްދޭ ޤަރީނާއަކާ އެކުގައިވާ ޢާއްމު، އޭގެ ޢާއްމުކަން މަތީ ދެމިއޮންނާނެކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. އަދި އެފަދަ ޢާއްމުއެއްގެ ދަލާލަތު އެ ޢާއްމުގެ އަފުރާދުންނަށް އޮންނާނީ ޤަޠުޢީކޮށް ކަމާމެދުގައި ވެސް އެއްވެސް ޚިލާފެއް ނެތެވެ. އަދި ހަމަ އެފަދައިން، އެ ޢާއްމުއެއް ތަޚްޞީޞްކުރެވިފައިވާކަން ދަލީލުކޮށްދޭ ޤަރީނާއަކާ އެކުގައިވާ ޢާއްމު ތަޚްޞީޞްކުރެވުމަށްފަހު، ޢާއްމުކަންމަތީ ބާކީ އޮންނަ އަފުރާދުންގެ މައްޗަށް އެ ޢާއްމުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން އޮންނާނީ ޡައްނީކޮށް ކަމާމެދުގައި ވެސް އެއްވެސް ޚިލާފެއް ނެތެވެ.

އެހެންނަމަވެސް، ރައުޔުތަފާތުވުން އޮތީ ތަޚްޞީޞްކުރެވިފައިވާކަން ސާބިތުކޮށްދޭ ނުވަތަ ތަޚްޞީޞްކުރެވިފައިވުމުގެ ފުރުސަތު ނަފީކޮށްދޭ ޤަރީނާއެއް ނެތް ޢާއްމުއާ ގުޅޭގޮތުންނެވެ. މިފަދަ ޢާއްމުއެއްގެ ދަލާލަތު އޮންނާނީ ޚާއްޞުގެ ދަލާލަތުގޮތަށް ޤަޠުޢީކޮށްތޯ، ނުވަތަ ތަޚްޞީޞްކުރެވުމަށްފަހު ޢާއްމުގެ ދަލާލަތު އޮންނަ ގޮތަށް ޡައްނީކޮށްތޯ ކަނޑައެޅުމާ ގުޅޭގޮތުންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، އަޞްޙާބުބޭކަލުން، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (يُوصِيكُمُ اللَّهُ فِي أَوْلادِكُم) (ސޫރަތުއްނިސާ: 11 ވަނަ އާޔަތުގެ އެއްބައި) (މާނައީ: ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ.) ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު، ((إِنَّا مَعْشَرَ الْأَنْبِيَاءِ لَا نُورَثُ)) (މާނައީ: ހަމަކަށަވަރުން، އަޅުގަނޑުމެން ނަބީބޭކަލުންނީ މުދާ ވާރުތަކުރާ ބަޔަކީމެއް ނޫނެވެ.) އިން ތަޚްޞީޞްކުރެއްވުމެވެ. އެ ޙަދީޘްފުޅަކީ އާޙާދު ޚަބަރެކެވެ. އެ ގޮތަށް ތަޚްޞީޞްކުރެއްވި ސަބަބަކީ، އެ އާޔަތުން ޢާއްމުކަމަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުން ޡައްނީ ވާތީ، އޭގެ ސަބަބުން، އާޙާދު ޚަބަރުފަދަ ޡައްނީ ދަލީލަކުން އެ ތަޚްޞީޞްކުރުން ޖާއިޒު ވާނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =