[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 11

13ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ يَجْرِي عَلَى عُمُومِهِ حَتَّى يَرِدَ الـمُخَصِّصُ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޚައްޞިޞެއް ވާރިދުވެއްޖައުމަށްދާންދެން، ޢާއްމު އޭގެ ޢާއްމުކަންމަތީ ހިނގަމުންދާނެ}

މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައިވާނަމަ، އަޞްލަކީ އެ ޢާއްމު ލަފްޒު އޭގެ ޢާއްމުކަމުން ލާޒިމުކުރާ ގޮތުގެ މަތިން އޮތުމެވެ. އެ ޢާއްމު ލަފްޒު ޚާއްޞަކުރާނޭ އެއްޗެއް ވުޖޫދުވެއްޖައުމަށްދާންދެނެވެ. ސަބަބަކީ، އަޞްލަކީ ޢާއްމު ލަފްޒުގެ މައްޗަށް ދަލާލަތުކޮށްދިނުމަށް އެކަށީގެންވާ އެންމެހާ އަފުރާދުން ވެސް އެ ލަފްޒުގައި ޝާމިލުވުން ކަމުގައި ވާތީ، އެއިން ފަރުދެއް އިސްތިޘްނާކޮށް އެ ޢާއްމުން ބޭރުކުރާނޭ ދަލީލެއް ނެތި އެއިން އެއްވެސް ފަރުދެއް އެ ޢާއްމު ލަފްޒުން ބޭރު ނުކުރެވޭނެތީއެވެ. ޢާއްމު ލަފްޒެއް ޚާއްޞަކުރެވިފައިވާކަމަށް އެއްވެސް ދަލީލެއް ނެތި ދަޢުވާކުރުމީ، ބާޠިލު ތައުވީލުގެ ބާވަތެކެވެ. އެހެނީ، އެއީ ދަލީލެއް ނެތި ކުރެވޭ ތައުވީލެކެވެ.

ތަޚްޞީޞްއަކީ ދަލީލާއި ޤަރީނާ ލިބިގެން ސާބިތުވާ ކަމެއް ކަމުގައި ވާއިރު، ޢާއްމުކަން ޚާއްޞަކުރާ މުޚައްޞިޞް ދަލީލުތައް މައިގަނޑު ދެ ބަޔަކަށް އުޞޫލީ ޢިލްމުވެރިން ބައްސަވަތެވެ. އެއީ، الأَدِلَّـةُ الـمَقَالِـيَّـةُ އާއި الأَدِلَّـةُ الـحَـالِـيَّـةُ އެވެ.

ދެން ފަހެ، މި ވާހަކައިގެ ތެރޭގައި އުޞޫލީ ޢިލްމުވެރިން އެހެން މައްސަލައަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައިވެއެވެ. އެއީ، ޢާއްމު ވާރިދުވެފައިވާތީ ހަމަ ފެންނައިރަށް އެއަށް ޢަމަލުކުރާނީތޯ، ނުވަތަ އެ ޢާއްމުގެ ޢާއްމުކަން ޚާއްޞަކުރާނޭ މުޚައްޞިޞްއެއް ވޭތޯ ބެލުމަށްޓަކައި އެހަށް އެ ޢާއްމުއަށް ޢަމަލުކުރުން މަޑުޖައްސައިލައި މުޚައްޞިޞްއެއް ފެނިއްޖެނަމަ އެއާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރާނީތޯ ނުވަތަ މުޚައްޞިޞްއެއް ނުފެނިއްޖެނަމަ ޢާއްމުއަށް ޢަމަލުކުރާނީތޯ ކަނޑައެޅުމުގެ މައްސަލައެވެ. މި މައްސަލައިގައި އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ.

ފުރަތަމަ ރައުޔަކީ، ޢާއްމު ދަލީލެއް ވާރިދުވެއްޖެނަމަ، މުޚައްޞިޞްއެއް އޮތްތޯ ބަލާފައި ނޫނީ އޭގެ ޢާއްމުކަމުގައި ހިފައި އެއަށް ޢަމަލުކުރުމެއް ނުވެއެވެ. މުޚައްޞިޞްއެއް ފެނިއްޖެނަމަ، އެ މުޚައްޞިޞްއާ އެއްގޮތަށް ޢަމަލުކުރާނީއެވެ. މުޚައްޞިޞްއެއް ނުފެނިއްޖެނަމަ، އެ ޢާއްމުއަށް ޢަމަލުކުރާނީއެވެ. އެހެންނަމަވެސް، ޢާއްމުގެ މުޚައްޞިޞްއެއް ފެނޭތޯ ރަނގަޅަށް ހޯދައިބެލުމުގެ ކުރިން، އެ ޢާއްމުއަށް ކަށަވަރުކަމާއެކު ޢަމަލެއް ނުކުރެވޭނެއެވެ. އަދި އޭގެ ޢާއްމުކަމަކަށް ވެސް އިޢުތިޤާދެއް ނުކުރެވޭނެއެވެ. އެހެންކަމުން، އެ ޢާއްމުގެ މުޚައްޞިޞެއް ނެތްކަން ކަށަވަރުކަމާއެކު އިޢުތިޤާދުކުރެވެން ޖެހޭނެއެވެ. މިއީ، ޙަންބަލީންކުރެ އަބުލްޚައްޠާބުއާއި އަލްޙުލްވާނީ، އަދި މާލިކީންކުރެ އިބްނުލްޙާޖިބު، އަދި އިބްނު ސުރައިޖުއާއި އަލްއިޞްޠަޚްރީއާއި އިބްނު ޚައިރާންއާއި އަލްޤައްފާލުލްކަބީރުއާއި އަލްޣަޒާލީއާއި އަލްއާމިދީފަދަ ގިނަ އަދަދެއްގެ ޝާފިޢީންގެ ވެސް ރައުޔެވެ.

ދެވަނަ ރައުޔަކީ، މުޚައްޞިޞްއެއް އޮތްތޯ ބެލުމެއް ނެތި، ވަގުތުން އެ ޢާއްމުގެ ޢާއްމުކަމަށް އިޢުތިޤާދުކުރުމާއި އެއަށް ޢަމަލުކުރުން ޖާއިޒުވެގެންވެއެވެ. މިއީ، އަޙްމަދު ބްނު ޙަންބަލުއާއި އެ ބޭފުޅާގެ ގިނަ ދަރިވަރުންނާއި، މާލިކީންނާއި، ޝާފިޢީންކުރެ އައްޞައިރަފީއާއި، އައްސަރަޚްސީ އަދި އެހެން ބައެއް ބޭފުޅުންގެ ރައުޔެވެ.

ތިންވަނަ ރައުޔަކީ، މުޚައްޞިޞްއެއް އޮތްތޯ ބެލުމުގެ ކުރިން، އެ ޢާއްމުގެ ޢާއްމުކަމަށް އިޢުތިޤާދުކުރުމާއި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ. އެއީ، އެ އަޑުއަހާފައިވަނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ޙުކުމް އުނގަންނަވައިދެއްވުމުގެ ތެރޭގައިކަމަށް ވާނަމައެވެ. އެހެން ނުވާނަމަ، ވާޖިބެއް ނުވާނެއެވެ.

ހަތަރުވަނަ ރައުޔަކީ، ވަގުތު ދަތިވެފައިވާނަމަ (ވަގުތު ތަނަވަސްވެގެން ނުވާނަމަ)، އެއަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. އަދި އެ ހާލަތުގައި މުޚައްޞިޞްއެއް އޮތްތޯ ބެލުމެއް ނެތެވެ. އެހެން ނުވާނަމަ، ވާޖިބެއް ނުވާނެއެވެ. އަދި މުޚައްޞިޞެއް އޮތްތޯ ވެސް ބަލަންޖެހޭނެއެވެ.

ކޮންމެއަކަސް، މި މައްސަލައިގައި މިވާ ރައުޔުތަފާތުވުން މި ގޮތަށް ހުށަހަޅުއްވައިދެއްވާފައިވަނީ، އައްރާޒީއާއި އެ ބޭފުޅާއަށް ތަބަޢަވީ ބޭފުޅުންނެވެ. މިއާ ޚިލާފަށް، އަލްޣަޒާލީއާއި އަލްއާމިދީއާއި އިބްނުލްޙާޖިބްފަދަ ބައެއް ބޭފުޅުން، މުޚައްޞިޞްއެއް އޮތްތޯ ބެލުމުގެ ކުރިން ޢާއްމުގައި ހިފުން ހުއްދަ ނޫން ކަމަށް އިޖުމާޢުވެވިފައިވާކަމަށް ދަޢުވާކުރައްވާފައިވެއެވެ. އަދި އެ އިއްތިފާޤަށްފަހު، މުޚައްޞިޞްއެއް ނެތްކަން ޡައްނީގޮތުން ބޮޑަށް ބުރަވެވުމަށްދާންދެން ހޯދަންޖެހޭނެކަމަށް އެއްބައި އުޞޫލީ ޢިލްމުވެރިން ވިދާޅުވާކަމަށާއި، އަދި އަނެއްބައި އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި މުޚައްޞިޞްއެއް ނެތްކަން ޤަޠުޢީކޮށް އެނގެންވާނެކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި އަލްޣަޒާލީ ވިދާޅުވަނީ، އަނެއްބައި އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި މުޚައްޞިޞްއެއް ނެތްކަން ޡައްނީކޮށް އެނގުން ނުފުދޭ ކަމަށާއި، އަދި އެ ކަން ޤަޠުޢީކޮށް އެނގުމީ ވެސް ޝަރުޠެއް ނޫންކަމަށާއި، އެހެންނަމަވެސް މުޚައްޞިޞްއެއް ނެތްކަން ނަފްސު ހިތްހަމަޖެހިގެންވާ ހާލު ކަށަވަރުކަމާއެކު އިޢުތިޤާދުކުރަންޖެހޭ ކަމަށެވެ.

ދެން ފަހެ، އުޞޫލީ ޢިލްމުވެރިން މި ތަނުގައި އިސްވެދިޔަ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަން މެދުވެރިވީ، [أَكْـثَـرُ العُمُومَاتِ مَخْصُوصَةٌ] (ޢާއްމުކުރުންތަކުގެ ގިނަ މިންވަރު ވަނީ ޚާއްޞަކުރެވިފައި) އޭ ބުނެވޭތީއެވެ. (އެބަހީ، ހުރިހާ ޢާއްމުތަކެއް ޚާއްޞަކުރެވިފައެއް ނުވެއޭ ބުނެވޭތީއެވެ.) އެހެނީ، ޢާއްމު ޝަރުޢީ ނައްޞުތަކުގެ ގިނަ މިންވަރަކަށް ނަޒަރުހިންގައިފި މީހަކަށް، އޭގެ ގިނަ ނައްޞުތަކަށް ތަޚްޞީޞް ވަދެފައިވާތީ ފެންނާނެއެވެ. އެއިން އެނގެނީ އެ ޢާއްމުތަކަކީ، އެކީއެކައްޗަކަށް އެއްވެސް ހުރަހެއް ނެތި އެއްވެސް ހަނިކުރުމެއް ނެތި އޮތް ޢާއްމުތަކެއް ނޫންކަމެވެ. އަދި އެ ޢާއްމުތަކުގެ ޙުކުމްތައް އަމާޒުކުރެވިފައިވަނީ އެ ޢާއްމުގެ ދަށަށް ވަންނަ ބައެއް އަފުރާދުންނަށް ކަމެވެ. އެ އޭގެ ދަށަށް ވަންނަ ހުރިހާ އަފުރާދުންނަށް ނޫންކަމެވެ. މި ސަބަބަށްޓަކައި، ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، ޤުރުއާނުގައިވާ ޢާއްމުތަކުގެ ތެރޭގައި ތަޚްޞީޞްކުރެވިފައި ނުވަނީ އެންމެ ހަތަރު ތަނެއްގައި ކަމުގައެވެ.

ފުރަތަމަ ތަނަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ) (ސޫރަތުއްނިސާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ މައިންނާ ކާވެނިކުރުން ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވިއެވެ.] އެހެންކަމުން، ނަސަބުގެގޮތުން ނުވަތަ ކިރުގެގޮތުން [މަންމަ] ގެ ނަންދެވޭ، ނުވަތަ [މަންމަގެ މަންމަ] (ކިތަންމެ މައްޗަށް ދިޔަޔަސް) ގެ ނަންދެވޭ އެއްވެސް އަންހެނަކާ ކައިވެނިކުރުން ޙަރާމްވެގެންވެއެވެ.

ދެވަނަ ތަނަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (كُلُّ مَنْ عَلَيْهَا فَانٍ) (ސޫރަތުއްރަޙްމާން: 26) މާނައީ: [އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.] އަދި އަންނަނިވި ވަޙީބަސްފުޅެވެ. (كُلُّ نَفْسٍ ذَائِقَةُ الْمَوْتِ) (ސޫރަތުލްއަންބިޔާއު: 35 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.] އެހެންކަމުން، މަރަކީ ކޮންމެ މަޚްލޫޤަކަށް ވެސް ކުރިމަތިވާނޭ ކަމެކެވެ. އެއިން އެއްވެސް މަޚްލޫޤެއް އިސްތިޘްނާވެގެން ނުވެއެވެ.

ތިންވަނަ ތަނަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ) (ސޫރަތުލްބަޤަރާ: 282 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] އެހެންކަމުން، ބިމާއި އުޑުގައިވާ ޛައްރެއްގެ މިންވަރު ވިޔަސް އެ ކަލާނގެ މޮޅަށް ދެނެވޮޑިގަންނަވަތެވެ.

ހަތަރުވަނަ ތަނަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ) (ސޫރަތުލްޙައްޖި: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.] އެހެންކަމުން، ﷲ ތަޢާލާގެ މިންވަރުފުޅު ވަނީ ކޮންމެ އެއްޗެއް ވަށައިލެވިގެންނެވެ. އެ އިލާހު އިރާދަކުރައްވައިފިނަމަ، ކިތަންމެ ކުޑަކަމަކަށް ވެސް ނުވަތަ ބޮޑުކަމަކަށް ވެސް އެ އިލާހު ނުކުޅެދިގެން ނުވެއެވެ.

އަދި ބައެއް ބޭފުޅުން ފަސްވަނަ ތަނެއް ވެސް ބަޔާންކުރައްވާފައިވެއެވެ. އެއީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا) (ސޫރަތު ހޫދު: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ.] އެހެންކަމުން، ﷲ ތަޢާލާ ވަނީ އެންމެހައި މަޚްލޫޤުތަކުންގެ ރިޒުޤުތަކަށް ޖާމިނުވެވޮޑިގެންނެވެ.

ދެން ފަހެ، ޚާއްޞަކުރެވިފައިނުވާ ޢާއްމުގެ މިންވަރު މަދުކަމާހުރެ، ޢާއްމު ޝަރުޢީ ނައްޞުތަކުގެ ތެރެއިން ޚާއްޞަކުރެވިފައިވާ ނައްޞުތަކުގެ މިންވަރު ގިނަވާނެތީ، ޢާއްމު ޚާއްޞަކުރާނޭ މުޚައްޞިޞް އޮތްތޯ ބެލުމީ ވާޖިބެކެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((إِذَا دُبِغَ الإِهَابُ فَقَدْ طَهُرَ)) (މާނައީ: ހަންގަނޑު ދިބާޣުކުރެވިއްޖެނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޠާހިރުވެއްޖެއެވެ.) އާއި އެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((أَيُّـمَا إِهَابٍ دُبِغَ فَقَدْ طَهُرَ)) (މާނައީ: އެ ހަންގަނޑެއް ދިބާޣުކުރެވިއްޖެ ހަންގަނޑު (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޠާހިރުވެއްޖެއެވެ.) އެވެ. މިއީ، ހުރިހާ ހަންގަނޑަކަށް ވެސް ޢާއްމުވެގެންވާ ނައްޞެކެވެ. ކެއުން ހުއްދަ ޖަނަވާރުންނާއި ހުއްދަ ނޫން ޖަނަވާރުން ތަފާތުކުރުމެއް ނެތިއެވެ. ވީއިރު، އެއްވެސް ފަރާތަކުން ޖަނަވާރެއްގެ ހަންގަނޑެއް މި ޢާއްމުއިން ބޭރުކޮށްފިނަމަ، އޭނާ އެ ކަމަށް ދަލީލުކޮށްދޭ ދަލީލެއް ގެންނަންޖެހޭނެއެވެ. އެހެނީ، އަޞްލަކީ، މުޚައްޞިޞްއެއް ވާރިދުވެއްޖައުމަށްދާންދެން ޢާއްމު އޭގެ ޢާއްމުކަން މަތީ ދެމިއޮތުން ކަމުގައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =