[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12

14ވަނަ ޤަވާޢިދު (ޖުމްލަ 189): كُلُّ حُكْمٍ خُوطِبَ بِهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَمَّ الأُمَّةَ إِلَّا مَا خَصَّهُ الدَّلِيْل

މި ޤަވާޢިދުގެ ތަރުޖަމާ: {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރެވިފައިވާ ކޮންމެ ޙުކުމެއް އުއްމަތަށް ޢާއްމުވާނެ، ދަލީލުން އެ ކަލޭގެފާނަށް ޚާއްޞަކޮށްފައިވާ ޙުކުމެއް މެނުވީ}

މި ޤަވާޢިދުގެ މުރާދު: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ޚާއްޞަކޮށް މުޚާޠަބުކުރެވިފައިވާ އެންގެވުންތަކުގެ އަޞްލަކީ، އުއްމަތަށް އެ ޢާއްމުވެ، އެ އެންގެވުން އަމާޒުކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި މުޅި އުއްމަތް ވެސް ޝާމިލުވުމެވެ. މިއީ، އުއްމަތުގެ ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އޭގެ ތެރޭގައި، ޙަނަފީންނާއި، މާލިކީންނާއި، އަޙްމަދު ބްނު ޙަންބަލްއާއި އެ ބޭފުޅާގެ އަޞްޙާބުންކުރެ ގިނަ ބޭފުޅުންނާއި، އަދި ޡާހިރީން ހިމެނެއެވެ.

މިއާ ޚިލާފަށް، ގިނަ ޝާފިޢީންނާއި، ޙަންބަލީންކުރެ އަބުލްޚައްޠާބްއާއި، ޒައިދީންނާއި އިމާމީންގެ ނަޒަރުގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ޚާއްޞަކޮށް މުޚާޠަބުކުރެވިފައިވާ އެންގެވުންތައް މުޅި އުއްމަތަށް ޢާއްމުއެއް ނުވާނެއެވެ.

ދެން ފަހެ، މި ޤަވާޢިދުގައި އެވާ [ޢާއްމުކަން] ގެ މަޤްޞަދަކީ، ޢުރުފީ ޢާޢްމުކަމެވެ. ލަފްޒީ ޢާޢްމުކަމެއް ނޫނެވެ. އެބަހީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ސާބިތުވެއްޖެ ކޮންމެ ކަމެއް، އުއްމަތުގެ އެހެން ހުރިހާ މީހުންނަށް ވެސް ސާބިތުވުމެވެ.

ކޮންމެއަކަސް، ޝަރުޢީ އެންގެވުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އަމާޒުކުރެވިގެން ވާރިދުވެއްޖެނަމަ، މިސާލަކަށް، يَـا أَيُّـهَا النَّبِيُّ (އޭ ނަބިއްޔާ) ފަދަ ގޮތަކަށް ނުވަތަ يَـا أَيُّـهَا الرَّسُولُ (އޭ ރަސޫލާ) ފަދަ ގޮތަކަށް އޮވެއްޖެނަމަ، އަންނަނިވި ތިން ހާލަތުންކުރެ ހާލަތަކަށް އެ ވަދެގެންދެއެވެ.

ފުރަތަމަ ހާލަތަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޚާއްޞަ އެންގެވުމެއްކަން ދަލީލުކޮށްދޭ ޤަރީނާއެއް އެ އެންގެވުމާއެކު އައިސްފައި އޮތުމެވެ. މި ހާލަތުގައި، އުއްމަތުގެ އެއްވެސް ފަރުދެއް އެ އެންގެވުމުގެ ތެރެއަށް ނުވަންނާނެކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި އެންގެވުމެވެ. (يَـأَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ) (ސޫރަތުލްމާއިދާ: 67 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު އިއްވަވާށެވެ!]

ދެވަނަ ހާލަތަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޚާއްޞަ ނޫން އެންގެވުމެއްކަން ދަލީލުކޮށްދޭ ޤަރީނާއެއް އެ އެންގެވުމާއެކު އައިސްފައި އޮތުމެވެ. މި ހާލަތުގައި، އެކަލޭގެފާނުގެ އިތުރުން އުއްމަތުގެ އެންމެހައި އަފުރާދުން ވެސް އެ އެންގެވުމުގެ ތެރެއަށް ވަންނާނެކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި އެންގެވުމެވެ. (يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ) (ސޫރަތުއްޠަލާޤް: 1 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ.]

މި ބަޔާންކުރެވުނު ދެ ހާލަތުގައި އޮންނަ ޤަރީނާއަކީ، ނައްޞެއް ކަމުގައި ވެސް، ނުވަތަ އިޖުމާޢުއެއް ކަމުގައި ވެސް، ނުވަތަ ޤިޔާސެއް ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ތަޚްޞީޞްކުރުން ނުވަތަ މުޝާރަކާކުރުން ލާޒިމުކުރާ އެހެން އެއްޗަކަށް ވެސް ވެދާނެއެވެ. އެފަދަ ޤަރީނާއަށް އުޞޫލީ ޢިލްމުވެރިން [الـدَّلِـيْلُ الـخَـارِجِـيُّ] (ޚާރިޖީ ދަލީލު) ގެ ނަން ވެސް ބޭނުންކުރައްވަތެވެ.

ތިންވަނަ ހާލަތަކީ، ޚާއްޞަކަމަށް ނުވަތަ ޢާއްމުކަމަށް ދަލީލުކޮށްދޭ އެއްވެސް ޤަރީނާއެއް ނެތި އެ އެންގެވުން އައިސްފައި އޮތުމެވެ. މި ހާލަތުގައި، އެ އެންގެވުމުގެ ތެރެއަށް އުއްމަތުގެ އަފުރާދުން ވަންނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާމެދު ރައުޔު ތަފާތުވުން އުފެދިފައިވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި އެންގެވުމެވެ. (أُولَئِكَ الَّذِينَ هَدَى اللَّهُ فَبِهُدَاهُمُ اقْتَدِهْ) (ސޫރަތުލްއަންޢާމް: 90 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެ ބޭކަލުންނީ، ﷲ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބަޢަވެވަޑައިގަންނަވާށެވެ!] މި އާޔަތުގައި އެ ވަނީ، ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ކުރިން ފޮނުއްވުނު ރަސޫލުންގެ ހިދާޔަތަށް ތަބާވުމަށް އެކަލޭގެފާނަށް އެންގެވިފައެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް މުޚާޠަބުކުރެވިފައިވާ އެންގެވުން އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ޢާއްމުވެގެންވާ ކަމުގައި ބެލެވޭނެއެވެ. އެހެންކަމުން، ކުރީގެ ރަސޫލުން ގެނެސްދެއްވި ހިދާޔަތަށް ތަބާވުމަށް ކުރެވިފައިވާ އަމުރަކީ މުޅި އިސްލާމީ އުއްމަތަށް އަމާޒުކުރެވިފައިވާ އަމުރެއްކަމުގައި ބެލެވޭނެތެވެ. މި އާޔަތުން އިސްތިންބާޠުކުރައްވައި ބައެއް އުޞޫލީ ޢިލްމުވެރިން ވިދާޅުވަނީ، ކުރީގެ ޝަރީޢަތްތަކުގައިވާ ނަސްޚުކުރެވިފައިނުވާ ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޝަރީޢަތުގައި ވެސް ހިމެނޭ ކަމެއް ކަމުގައެވެ. ސަބަބަކީ، ކުރީގެ ރަސޫލުންނަށް ތަބާވުމުގެ ތެރޭގައި އެ ބޭކަލުންގެ ޝަރީޢަތްތަކަށް ޢަމަލުކުރުން ހިމެނޭތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =