15ވަނަ ޤަވާޢިދު (ޖުމްލަ 189): الخِطَابُ الخَاصُّ بِوَاحِدٍ مِنَ الأُمَّةِ يَعُمُّ غَيرَهُ
މި ޤަވާޢިދުގެ ތަރުޖަމާ: {އުއްމަތުގެ ވަކި މީހަކަށް ޚާއްޞަ އެންގެވުން، އޭނާ ނޫން އެހެން މީހުންނަށް ވެސް ޢާއްމުވެގެންވޭ}
މި ޤަވާޢިދުގެ މުރާދު: އުއްމަތުގެ ވަކި މީހަކަށް އަމާޒުކުރެވިފައިވާ ޚިޠާބު (އެންގެވުން)، އެންމެހައި މުކައްލަފުންނަށް ވެސް ޢާއްމުވެ، އަމާޒުކުރެވިގެންވެއެވެ. އެއީ، އެ އެންގެވުމުގެ ޒާތުންނެވެ. އެ އެންގެވުމުގެ ތެރެއަށް އެހެން މީހުން ވަންނަކަން އިތުރު ދަލީލަކުން ދަލީލުކޮށްދިނުމަށް ބޭނުންޖެހިގެން ނުވާ ހާލުގައެވެ. މިއީ، ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި ޙަންބަލީންގެ ރައުޔެވެ. އަދި މި ރައުޔު ޙަންބަލީންކުރެ އަބޫ ޔަޢުލާއާއި އިބްނުއްނައްޖާރު އިޚްތިޔާރުކުރައްވާފައިވާއިރު، މި ރައުޔު އަބުލްޚައްޠާބުއަށް ނިސްބަތްކުރެވިފައިވެއެވެ. އަދި މިއީ، ޝާފިޢީންގެ އަރިހުގައި އޮންނަ ވަޖުހުއެކެވެ. އަދި މި ރައުޔު ބައެއް ޡާހިރީންނަށް އައްޞަފިއްޔުލްހިންދީ ނިސްބަތްކުރައްވާފައިވެއެވެ.
މިއާ ޚިލާފަށް، އައްޒަރުކަޝީއާއި އައްޝައުކާނީ ވިދާޅުވާ ގޮތުން ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، މި ހާލަތުގައި ޢަރަބިބަސް ނިޔާކުރާގޮތުން (ނުވަތަ ލާޒިމުކުރާގޮތުން) އެ އެންގެވުމުގައި އުއްމަތުގެ އެހެނިހެން އަފުރާދުން ޝާމިލެއް ނުވާނެއެވެ. އަދި އެ އެންގެވުމަކީ ޢާއްމުކޮށް އޮތް އެންގެވުމަކަށް ނުވާނެއެވެ. އެހެންނަމަވެސް، އެހެން ދަލީލަކުން އެހެން މީހުން ވެސް އެ އެންގެވުމުގެ ތެރެއަށް ވަންނަކަމަށް ދަލީލު ލިބިއްޖެނަމަ، އެ އެންގެވުމުގައި އެހެން މީހުން ވެސް ހިމެނޭކަމަށް ބެލެވޭނެއެވެ.
ދެން ފަހެ، މި ޤަވާޢިދުގެ ދަށުން ދެބަސްވުން އުފެދިފައިވަނީ، ޝަރުޢުކުރައްވާ ފަރާތުން އެ އެންގެވުމަކީ އެ އެންގެވުން މުޚާޠަބުކުރެވޭ މީހާއަށް ޚާއްޞަ އެންގެވުމެއްކަން ޞަރީޙަކޮށް ބަޔާންކޮށްފައި ނުވާނަމައެވެ. ނުވަތަ އެ އެންގެވުމަކީ ވަކި މީހަކަށް ޚާއްޞަ އެންގެވުމެއްކަން ދަލީލުކޮށްދޭ ޤަރީނާއެއް އެ އެންގެވުމާއެކު ނުވާނަމައެވެ. މިއާ ޚިލާފަށް، ވަކި މީހަކަށް އަމާޒުކޮށް ޝަރުޢުކުރައްވާ ފަރާތުން އެންގެވުމެއް އަންގަވައިފައި، އޭގައި އެއީ އޭނާއަށް ޚާއްޞަ އެންގެވުމެއްކަން ޞަރީޙަކޮށް ބަޔާންކުރައްވާފައިވާނަމަ، ނުވަތަ އޭގައި އެއީ އެ މީހާއަށް ޚާއްޞަވެގެންވާ އެނގެވުމެއްކަމަށް ދަލީލުކޮށްދޭ ޤަރީނާއެއް ހިމެނިފައިވާނަމަ، އެ އެންގެވުމަކީ އެ މީހާއަށް ޚާއްޞަ އަދި އެހެން މީހަކު އޭގައި ނުހިމެނޭ އެންގެވުމެކެވެ. މި ކަމާމެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. މިސާލަކަށް، ޚުޒައިމާ ބްނު ޘާބިތު ރަޟިޔަ ﷲ ޢަންހުއަށް ދެ ހެކިވެރިންގެ ހެކިބަހުގެ ބުރަދަން ދެއްވައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((من شهد له خزيمة فقد كفاه)) މާނައީ: [ޚުޒައިމާ ހެކިބަސްދީފި މީހަކަށް އޭނާ ފުދިގެންވެއެވެ.] މި އެންގެވުމުގައިވާ ޚާއްޞަކަން ހަމައެކަނި ލިބިގެންވާނީ އެ އަމާޒުކުރެވިފައިވާ ޚުޒައިމާ ރަޟިޔަ ﷲ ޢަންހުއެވެ. އެހެން މީހަކަށް އެ ފުރުސަތު ލިބިގެނެއް ނުވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، އަސްމާ ބިންތި އަބީ ބަކުރު ރަޟިޔަ ﷲ ޢަންހުމާގެ އަންނަނިވި ރިވާޔަތެވެ. އެ ކަމަނާ ވިދާޅުވިއެވެ. [أتتني أمي راغبة في عهد قريش وهي مشركة، فسألت رسول الله صلى الله عليه وسلم: أصِلُها ؟ قال: نعم] މާނައީ: [އަހުރެންގެ މަންމަ މުޝްރިކަކު ކަމުގައިވާ ހާލު، ޤުރައިޝުންގެ ޒަމާނުގައި އަހުރެންގެ ގާތަށް އައެވެ. އެހިނދު ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެން، އެ ކަމަނާއާ ތިމާގެކަމުގެ ގުޅުން ބާއްވަންތޯ އަހުރެން ސުއާލުކުރީމެވެ. ޙަދީޘްކުރެއްވިއެވެ: އާއެކެވެ.] މި ޙަދީޘުގައިވާ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެންގެވުމަކީ އަސްމާއަށް އަމާޒުކުރެވިފައިވާ އެންގެވުމެއް ކަމުގައި ވިޔަސް، މިއީ މުޅި އުއްމަތަށް ވެސް ޢާއްމުވެގެންވާ ގޮތުގައި އޮތް އެންގެވުމެއް ކަމުގައި ބެލެވޭނެތެވެ. އެހެނީ، އެންމެހައި މީސްތަކުން ވެސް އެބައިމީހުންގެ ބައްޕައިންނާއި މަންމައިންނަށް ހެޔޮކޮށްހިތުމާއި އެބައިމީހުންނާ ގުޅުން ބޭއްވުމީ، ވާޖިބެއް ކަމުގައި ވާތީއެވެ. ބަހުގެގޮތުން ނިޔާކުރާގޮތަށް ބަލާއިރު އެ އެންގެވުމުގެ ތެރެއަށް އެހެން މީހަކު ނުވަންނާނެކަމުގައި ވިޔަސް މެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =