[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 15

17ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ بَعْدَ التَّخصِيصِ بِمُعَيَّنٍ حُجَّةٌ فِيما بَقِيَ مِن الأَفْرَادِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޢައްޔަނު އެއްޗަކުން ޚާއްޞަކުރެވުމަށްފަހު، ބާކީ އޮންނަ އަފުރާދުންނަށް ޢާއްމުއަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރުން އަޞްލު އޮންނަ ގޮތަށް، މުޢައްޔަނުއަކުން ޚާއްޞަކުރެވިއްޖެނަމަ، ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ އަފުރާދުންނަށް އެއީ ޙުއްޖަތެއްގެ ގޮތުގައި އޮންނާނެއެވެ. އަދި ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ ފަރުދުންތަކުގައި އެއަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އަދި އަލްއާމިދީއާއި އިބްނުލްޙާޖިބުއާއި އެ ނޫން ވެސް ފަހުގެ މުޙައްޤިޤުން އިޚްތިޔާރުކުރައްވަނީ މި ރައުޔެވެ.

ދެން ފަހެ، ޢާއްމުއެއް ޚާއްޞަކުރެއްވިއްޖެނަމަ، ޚާއްޞަކުރެވިފައިވާނީ މުބްހަމުއަކުންނެވެ. (އެބަހީ، ކަނޑައެޅި އެނގިގެން ނުވާ، ފޮރުވިފައިވާ އެއްޗަކުންނެވެ.) ނޫންނަމަ، މުޢައްޔަނުއަކުންނެވެ. (އެބަހީ، ކަނޑައެޅި އެނގިގެންވާ ވަކި އެއްޗަކުންނެވެ.) ބައެއް ބޭފުޅުން މި ތަނުގައި މިވާ މުބްހަމުއަށް މުޖުމަލްއޭ ކިޔައެވެ. އަދި މުޢައްޔަނުއަށް މުބައްޔަނުއޭ ކިޔައެވެ. މުބުހަމަކުން ޚާއްޞަކުރެވިއްޖެނަމަ، މިސާލަކަށް [أكرِم العلماء إلا بعضهم] (ޢިލްމުވެރިންނަށް ކަމޭހިތާށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މެނުވީއެވެ.) މިފަދަ ގޮތަކަށް ބުނެފިނަމަ، އެއީ ޙުއްޖަތެއް ނޫންކަމާމެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެހެނީ، އެ ގޮތަށް ޚާއްޞަކުރުމުން އެއިން ބޭރުކޮށްލުމުގެ ފުރުސަތުނެތް ހަމަ އެއްވެސް ފަރުދެއް ނުވެއެވެ. އަދި މަޢުލޫމު (އެނގިގެންވާ) ބަޔެއްގެ ތެރެއިން މަޖުހޫލު (އެނގިގެންނުވާ) ބަޔަކު ނެރެފިނަމަ، އެ މަޢުލޫމު ވެސް މަޖުހޫލެއް ކަމުގައި ހަދައިލާނެއެވެ.

ކޮންމެއަކަސް، މި މައްސަލައިގައި އިތުރު އެހެން ރައުޔުތަކެއް ވެސް ވެއެވެ. އެގޮތުން، ޝާފިޢީންކުރެ އަބޫ ޘައުރާއި ޙަނަފީންކުރެ ޢީސާ ބްނު އަބާންގެ ނަޒަރުގައި، ޚާއްޞަކުރެވުމަށްފަހު ޢާއްމުގެ ތެރެއިން ޚާއްޞަ ނުކުރެވި ބާކީ އޮންނަ ބަޔަށް އެ ޢާއްމުއަކީ ޙުއްޖަތެއް ކަމުގައެއް ނުވާނެތެވެ. އަދި މި ރައުޔު ބައެއް ޙަނަފީންނާއި މާލިކީންނާއި ޝާފިޢީންގެ ފަރާތްޕުޅުން އައިސްފައިވެއެވެ.

މިއާ ޚިލާފަށް، ޙަނަފީންކުރެ އަބުލްޙަސަން އަލްކަރްޚީއާއި އަލްބަލްޚީގެ ނަޒަރުގައި، ޢާއްމު ޚާއްޞަކުރެވިފައިވަނީ ގުޅިފައިވާ އެއްޗަކުން ކަމުގައިވާނަމަ، ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ ބަޔަށް އެ ޢާއްމުއަކީ ޙުއްޖަތެކެވެ. އެހެންނަމަވެސް، ޚާއްޞަކުރެވިފައިވަނީ ވަކިވެފައިވާ އެއްޗަކުން ކަމުގައިވާނަމަ، ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ ބަޔަށް އެ ޢާއްމުއަކީ ޙުއްޖަތެއް ނޫނެވެ. އަދި ކިޔެއްތަ! އެ ހާލަތުގައި ބާކީ އޮންނަ ޢާއްމުއަކީ މުޖުމަލެއް ކަމުގައި ހަދައިލާނެތެވެ.

އަދި މިއާ ޚިލާފަށް، ޤާޟީ ޢަބްދުލްޖައްބާރުގެ ނަޒަރުގައި، ޚާއްޞަކުރުމުގެ ކުރިން އިތުރު ބަޔާނެއް ނެތި އެއާ އެއްގޮތަށް ޢަމަލުކުރެވިދާނެ އެއްޗެއްކަމުގައި އެ ޢާއްމު ވާނަމަ، އެ ޢާއްމުއަކީ ޚާއްޞަކުރެވުމަށްފަހުގައި ޙުއްޖަތެކެވެ. އެގޮތަށް ނުވާނަމަ، ޙުއްޖަތެއް ނޫނެވެ. އަދި މި ނޫން ވެސް ރައުޔުތައް މި މައްސަލައިގައި ވާރިދުވެފައި ވެއެވެ.

އަދި މިއާ ޚިލާފަށް، ބުނެވޭގޮތުން، ޢާއްމު ޚާއްޞަކުރެވުމަށްފަހު ޙުއްޖަތަކަށް ވާނީ ޖަމްޢުގެ އެންމެ މަދު މިންވަރަށެވެ. އަދި ބުނެވޭގޮތުން، ޢާއްމު ޚާއްޞަކުރެވުމަށްފަހު އޭގެ ޙުއްޖިއްޔަތާމެދު ވަކި ގޮތެއް އިޚްތިޔާރުކުރުމެއް ނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (حُرِّمَتْ عَلَيْكُمُ الْمَيْتَةُ) (ސޫރަތުލްމާއިދާ: 3 ވަނަ އާޔަތުގެ އެއްބައި) މާނައީ: [މުޅަތަކެއްޗާއި،… ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެވިއްޖެއެވެ.] މި އާޔަތުން ދަލީލުކޮށްދެނީ، މުޅަތަކެތީގެ އެންމެހައި ވައްތަރެއް ވެސް ޙަރާމްކަމަށެވެ. ސަބަބަކީ، [الميتة] (މުޅަތަކެތި) އަކީ، އަލިފު ލާމު ހިމެނިގެން ވަކި ޖިންސަކަށް ދެވިފައިވާ ނަމަކަށްވާތީ، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދޭތީއެވެ. އަޅުގަނޑުމެން މުޅަތަކެއްޗަކީ، މަރުވެފައިވާ ޖަމަލާއި ގެރިއާއި ބަކަރިއާއި ގޮއްފުޅަންގާއި ކަނޑުމަހާއި މި ފަސް ވައްތަރު ކަމުގައި ބުނާކަމުގައިވަނީނަމަ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((أحلت لنا ميتتان ودمان، أما الميتتان فالسمك والجراد…)) (އަޅުގަނޑުމެންނަށް ދެ މުޅަތަކެއްޗާއި ދެ ލޭ ޙަލާލުކުރެއްވުނެވެ. ދެ މުޅަތަކެއްޗާމެދު (ދަންނައެވެ!) ފަހެ، އެއީ ކަނޑުމަހާއި ގޮއްފުޅަންގެވެ.) އިން އެ ވާހަކަ (އެބަހީ، މުޅަތަކެތި ޙަރާމްކަމުގެ ވާހަކަ) ޚާއްޞަކޮށް، އެ ޙަރާމްކަމުގެ ތެރެއިން ކަނޑުމަހާއި ގޮއްފުޅަނގި ނެރެލައެވެ. ދެން އުފެދޭ ސުއާލަކީ، އެ އާޔަތުގައި އިޝާރާތްކުރެވިފައިވާ [މުޅަތަކެތީ] ގެ ތެރެއިން ކަނޑުމަހާއި ގޮއްފުޅަނގި ނެރެލުމުން، އެ އާޔަތުގައިވާ [މުޅަތަކެތީ] ގެ މުރާދަކީ މުޅަތަކެތީގެ ތެރެއިން ދެން ހުރި ތަކެތިކަމަށް ދަލީލު ނެގިދާނެ ހެއްޔެވެ؟ އެހެން ޢިބާރާތަކުންނަމަ، ކަނޑުމަހާއި ގޮއްފުޅަނގި ޚާއްޞަކުރެވި އެއަށް ޚާއްޞަ ޙުކުމެއް ދެވުމުން، އެ އާޔަތަކީ [މުޅަތަކެތީ] ގެ ތެރެއިން ބާކީ ހުރި ތަކެތި ކެއުން ޙަރާމްކަމަށް އޮތް ދަލީލަކަށް ނުވަތަ ޙުއްޖަތަކަށް ވާނެ ހެއްޔެވެ؟ މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ އެއީ ޙުއްޖަތަކަށް ވާނެ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =