18ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَدَحُ وَالذَّمُّ لا يُخرِجَانِ الصِّيغَةَ عَن عُمُومِهَا
މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢުރީފުކުރުމާއި ބަދުބަހަކީ ޞީޣާ އޭގެ ޢާއްމުކަމުން ބޭރުކުރާނޭ އެއްޗެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ޢާއްމުކަން ދޭހަކޮށްދޭ ލަފްޒާއެކު ތަޢުރީފުކުރުމެއް ނުވަތަ ބަދުބަހެއް ފަހަރުގައި އޮވެދާނެއެވެ. އެފަދަ ކަމެއް ޢާއްމުކަން ދޭހަކޮށްދޭ ލަފްޒަކާއެކު އޮތުމަކުން، އެ ލަފްޒު ޢާއްމުކަމުގެ މާނަ ދޭހަ ނުކޮށްދޭ ލަފްޒަކަށް ބަދަލެއް ނުވާނެއެވެ. ޚިޠާބު (އެންގެވުން) ގެ އަޞްލުގައި ހިމެނޭ ޢާއްމުކަމުގެ ޤަޞްދާއި، އެއާ އެކުލެވިފައިވާ ތަޢުރީފުކުރުން ނުވަތަ ބަދުބަހަކީ އެކަތި އަނެކަތި ނަފީކުރާ އެއްޗެއް ނޫނެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔުކަމަށް އައްޒަރުކަޝީއާއި އިބްނު ބަދުރާން ވިދާޅުވެފައިވެއެވެ.
މިއާ ޚިލާފަށް، އަލްކަރްޚީފަދަ ބައެއް ޙަނަފީންނާއި ބައެއް މާލިކީންނާއި ބައެއް ޝާފިޢީންގެ ނަޒަރުގައި ޢާއްމު ލަފްޒާއެކު ތަޢުރީފުކުރުމެއް ނުވަތަ ބަދުބަހެއް ވާނަމަ، އޭގެ ސަބަބުން އެ ޢާއްމު ލަފްޒުގެ ޢާއްމުކަން ނެތިގެންދާނެއެވެ. ސަބަބަކީ، އެ ބޭފުޅުންގެ ނަޒަރުގައި އެހާރުން އެއީ މުޖުމަލް ލަފްޒަކަށް ވެގެންދާނެތީއެވެ. އަދި އެ ބޭފުޅުން ވިދާޅުވަނީ، އެ ހާލަތުގައި އެ ވާހަކައިގެ ތެރޭގައި އެ ތަނުގައި އެ އޮތް ޢާއްމުކަމަކީ ޢާއްމުކުރުމުގެ ޤަޞްދަކާ ނުލައި ވަދެފައި އޮތް ޢާއްމުކުރުމެއް ކަމުގައެވެ. އެ ވާހަކައަކީ ތަޢުރީފުކުރުމުގެ ނުވަތަ ބަދުބަސްބުނުމުގެ މަޤްޞަދުގައި، އެ ކަން ކުރުމަށް ނުވަތަ ނުކޮށް ދުރުހެލިވުމަށް ބޮޑަށް ބާރުއެޅުމަށް ދެކެވިފައިވާ ވާހަކައެއް ކަމުގައެވެ. އެހެންކަމުން، އެ ނޫން މާނައެއްގައި އެއިން ދަލީލު ނުނެގޭނެކަމުގައެވެ. އެހެންނަމަވެސް، ގިނަ ޢިލްމުވެރިން މި ބޭފުޅުންގެ މި ވާހަކައަށް ރައްދުދެއްވައި ވިދާޅުވަނީ، ތަޢުރީފުކުރުމާއި ބަދުބަސްބުނުމުގައި ޢާއްމުކޮށްގެން ވާހަކަދެއްކުމީ އެންމެ ބަލާޣާތްތެރި ގޮތް ކަމުގައެވެ. އެހެންކަމުން، އެ ދޭތީގައި އެ ބޭނުންކުރެވިފައިވުމުން ދަލީލުކޮށްދެނީ އެއީ ޢާއްމުކުރުމުގެ މަޤްޞަދުގައި ބޭނުންކުރެވިފައިވާ ގޮތެއް ކަމުގައެވެ. ތިޔަ ބޭފުޅުން ތިޔަ ވިދާޅުވާ ވާހަކަ ޤަބޫލުކުރިޔަސް، މުބާލަޣާކުރުމުގެ ގޮތުން ބޭނުންކޮށްފައިވުމާއި ޢާއްމުވެގެންދިޔުމާ ދެމެދު އެކަތި އަނެކަތި ނަފީކުރާނޭ ކަމެއް ނެތް ކަމުގައެވެ. އެހެންކަމުން، އެ ދެ ކަން ވެސް އެއް ފަހަރާ އޮތުމުގެ ފުރުސަތު އެބަ އޮތް ކަމުގައެވެ.
އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، ޢާއްމު ލަފްޒާއެކު ތަޢުރީފުކުރުމެއް ނުވަތަ ބަދުބަހެއް އޮތަސް އެއިން ޢާއްމުކަން ލިއްބައިދެއެވެ. ޝަރުޠަކާ އެކުގައެވެ. އެ ޝަރުޠަކީ، ތަޢުރީފުކުރުމެއް ނުވަތަ ބަދުބަހެއް ނެތް އެހެން ޢާއްމުއަކާ އެ ޢާއްމު ފުށުނޭރުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ) (ސޫރަތުއްތައުބާ: 34 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲ ގެ މަގުގައި އެ ތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ.] މި އާޔަތަކީ ޒަކާތްދިނުމުން މަނާވެގެންތިބި މީހުންނަށް ބަދުބަސް ރައްދުކުރުމުގެ ވާރިދުވެފައިވާ އާޔަތެކެވެ. އެހެންކަމުން، މި އާޔަތުން ޢާއްމުކޮށް ޒަކާތުގެ އެންމެހައި ބައިތަކަކުން ވެސް ޒަކާތްނެރުން ވާޖިބުކަމަށް ދަލީލުނެގޭނެއެވެ. ސަބަބަކީ، ބަދުބަހާއެކު ޢާއްމުކަމުގެ ލަފްޒު މި ތަނުގައި އައިސްފައިވާ އޮތެއް ކަމަކު، ޙުކުމުގައި އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދޭތީއެވެ. އެ ދޭތީގައި އެކަތި އަނެކަތި ނަފީކުރާނޭ ކަމެއް ނުވެއެވެ. އަޅުގަނޑުމެން ވާހަކަ މި ދައްކާ ޤަވާޢިދާ އިދިކޮޅަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، އެއިން ޢާއްމުކަމުގެ މާނަ ލިއްބައެއް ނުދެއެވެ. އެހެންކަމުން، ރަންރިހީގެ ޒަކާތުގެ މައްސަލައިގައި އެ ބޭފުޅުން އޭގައެއް ނުހިއްޕަވައެވެ. ސަބަބަކީ، އެ ބޭފުޅުންގެ ނަޒަރުގައި މި ތަނުގައި ޢާއްމު ލަފްޒު އައިސްފައިވަނީކީ ޢާއްމުކަމުގެ މާނަ ލިއްބައިދިނުމުގެ މަޤްޞަދުގައެއް ނޫނެވެ. އަދި މަލާމާތުގެ ޤަރީނާ މި ތަނުގައި އެބަ އޮތެވެ. އެ ޤަރީނާ އެ ލަފްޒު އޭގެ ޢާއްމުކަމުން ނެރެލައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =