19ވަނަ ޤަވާޢިދު (ޖުމްލަ 189): تَرْكُ الاِسْتِفْصَالِ في حِكَايَةِ الـحَالِ مَعَ قِيَامِ الاِحْتِمَالِ يَنْزِلُ مَنْزلَةَ العُمُومِ في الـمَقَالِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިޙްތިމާލު އޮތުމާ އެކުގައި ވެސް ހާލަތު ކިޔައިދިން ގޮތާ ގުޅޭގޮތުން ތަފްސީލުދިނުމަށް އެދުން ދޫކޮށްލުމުން، ބުނި ބަސް ޢާއްމުކަމުގެ ދަރަޖައަށް ވެއްޓިގެންދޭ}
މި ޤަވާޢިދުގެ މުރާދު: އެތަކެއް ހާލަތްތަކެއް އޮތުން އެކަށީގެންވާ މައްސަލައަކާ ގުޅޭގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ސުއާލުކުރެވިއްޖެނަމަ، އަދި އެ މައްސަލައިގައި ނުވަތަ ހާދިސާގައި ހާލަތު އޮތް ގޮތާ ގުޅޭގޮތުން ތަފްސީލުދިނުމަށް ސުއާލުކުރި މީހާ ކުރެން އެދުމަކާ ނުލައި އެ ކަލޭގެފާނު އެ ސުއާލަށް ޖަވާބުދެއްވާފައިވާނަމަ، އެ ކަލޭގެފާނު އެ ބަޔާންކުރެއްވި ޙުކުމަކީ އެ މައްސަލަ ނުވަތަ ހާދިސާ ހިނގުން އެކަށީގެންވާ ހުރިހާ ހާލަތަކަށް ވެސް ޢާއްމުވާ ގޮތަށް އޮތް ޙުކުމެއްކަމުގެ ދަލީލެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، އަބޫ ޙަނީފާގެ ނަޒަރުގައި، މި ހާލަތުގައި ތަފްސީލުދިނުމަށް އެދުން ދޫކޮށްލުމީ، މުޖުމަލު ނައްޞަކަށް އެ ނައްޞު ހަދައިލާނޭ ކަމެކެވެ. އޭގެ ސަބަބުން، އެ އިތުރަށް ބަޔާންކޮށްދޭނޭ އެއްޗަކަށް ބޭނުންޖެހޭނެއެވެ. އެގޮތުން، އެ ބޭފުޅާ ދެކެވަޑައިގަންނަވަނީ، ހާދިސާގައި އަޞްލަކީ އެއީ ވަކި ޚާއްޞަ ހާލަތެއްގައި ހިނގާފައިވާ ކަމަކަށް ވުމެވެ. އެ ހާލަތު ޝަރުޢުކުރައްވާ ފަރާތަށް (މި ތަނުގައި އިޝާރާތްކުރެވިފައި އެ ވަނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް) އެނގިފައި އޮތުމާމެދު އިޙްތިމާލު އުފެދޭތީ، އެ ޢާއްމުވުން އެ އިޙްތިމާލުން މަނާކުރެތެވެ.
އަދި މި ނޫން ވެސް ދެ ރައުޔެއް އައްޒަރުކަޝީ ނަޤުލުކުރައްވާފައިވެއެވެ.
ކޮންމެއަކަސް، މި ޤަވާޢިދަކީ، ޚާއްޞަކޮށް ނަބަވީ ސުންނަތާ ގުޅިފައިވާ ޤަވާޢިދެކެވެ. އަދި މި ޤަވާޢިދުގައި އެވާ [ޢާއްމުކަން] ގެ މުރާދަކީ، ބަދަލީ ޢާއްމުކަމެވެ. ޝުމޫލީ ޢާއްމުކަމެއް ނޫނެވެ.
މި ޤަވާޢިދުގެ މިސާލަކީ، މުރުސަލްކޮށް ރިވާވެފައިވާ ޣައިލާން ބްނު ސަލަމާ އައްޘަޤަފީ ރަޟިޔަ ﷲ ޢަންހުގެ ވާހަކައެވެ. އެ ރިވާޔަތުގައިވާ ގޮތުން އެ ބޭފުޅާ އިސްލާމްވެވަޑައިގެންނެވިއިރު އެ ބޭފުޅާގެ ދިހަ އަނބިން ތިއްބެވިއެވެ. އެހެންކަމުން، އެ އަނބިންނާމެދު ކަންކުރަންވީ ގޮތާ ގުޅޭގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެން އެ ބޭފުޅާ ސުއާލުކުރެއްވުމުން، އެ ކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް އެ ރިވާޔަތުގައި ވަނީ، ((أمسك أربعًا وفارق سائرهن)) މިފަދައިންނެވެ. މާނައީ: [ހަތަރު އަތްނބަކު ބަހައްޓާފައި، ދެން ތިއްބެވި އަނބިން ވަރިކުރައްވާށެވެ.] މި ޙުކުމަކީ، އެ ތަނުން ބޭނުން ހަތަރު އަތްނބަކު އިޚްތިޔާރުކުރުމަށް އިޚްތިޔާރުދެވިފައިވާ، އަދި ބާކީ އަނބިން ވަރިކުރުމަށް އެންގެވިފައިވާ ޙުކުމެކެވެ. އެ ދިހަ އަނބިންނާ ކައިވެނިކުރައްވާފައިވަނީ ކިހިނަކުންތޯ، ތަރުތީބުން އެކަކަށްފަހު އަނެކަކާތޯ ނުވަތަ އެއް ޢަޤްދަކުން އެއް ވަގުތެއްގައިތޯ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ސުއާލުކުރައްވާފައެއް ނުވެއެވެ. ފަހަރުގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޣައިލާން އެ ކަނބަލުންނާ ކައިވެނިބައްލަވައިގަތް ހާލަތު، ކައިވެނިބައްލަވައިގަތީ ތަރުތީބުން ފަހަރަކު އަތްނބަކާތޯ ނޫންނަމަ ކައިވެނިބައްލަވައިގަތީ އެންމެންނާ އެއް ފަހަރާތޯ، އެނގިވަޑައިގެންފައި އޮވެދާނެއެވެ. އެހެންނަމަވެސް، އެ އިޙްތިމާލުން ޙުކުމަށް އަސަރެއް ނުފޯރާނެއެވެ. ސަބަބަކީ، އެއީ ބަލިކަށި އަދި މަރުޖޫޙު އިޙްތިމާލެއް ކަމުގައި ވާތީއެވެ. (ހަމަހަމަ ނުވަތަ ރާޖިޙު އިޙްތިމާލެއްނަމަ އެއިން އަސަރުކުރީހެވެ.) އެހެނީ، އަޞްލަކީ ޣައިލާންގެ އެ ހާލަތު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އެނގިވަޑައިގެންފައި ނުވުމެވެ. އެހެންކަމުން، އެ ކަލޭގެފާނުގެ އެ ޙުކުމް އެ އޮތީ އެ ދެ ހާލަތަށް ވެސް އެ ޙުކުމް ހިނގާނޭ ގޮތަށް، އެ ދެ ހާލަތް ވެސް ޙުކުމުގައި ޝާމިލުވާ ގޮތަށެވެ. އަދި އެ ޖަވާބުން ދެ ކަމެއް ފާހަގަވެއެވެ. އެއީ، އިތުރު ތަފްސީލުދިނުމަށް އެދުން ދޫކޮށްލެއްވުމާއި، ހުރިހާ އަނބިންނަށް ޢާއްމުކަމަށް ކަނޑައެޅިފައިވުމެވެ. ވީއިރު، ޣައިލާން ބޭނުންފުޅުވާނަމަ، އެންމެ ފުރަތަމަ ކައިވެނިބައްލަވައިގަތް ހަތަރު އަނބިން، ނުވަތަ އެންމެ ފަހުން ކައިވެނިބައްލަވައިގަތް ހަތަރު އަނބިން، ނުވަތަ އިޚްތިޔާރުކުރައްވާ ކޮންމެވެސް ހަތަރު އަތްނބަކު ބެހެއްޓިދާނެއެވެ.
އެހެންނަމަވެސް، އަބޫ ޙަނީފާގެ ނަޒަރުގައި، ޣައިލާން އެ ކަނބަލުންނާ ކައިވެނިބައްލަވައިގެންފައިވަނީ އެއް ވަގުތެއްގައި ކަމަށް ވަނީނަމަ، އެ ބޭފުޅާއަށް އޮތީ، އެ ތަނުން އެ ބޭފުޅާ އިޚްތިޔާރުކުރައްވާ ހަތަރު އަތްނބަކާ އަލުންބަލުން ކައިވެނި އައުކުރެއްވުމެވެ. މިއާ ޚިލާފަށް، އެ އަނބިންނާ ކައިވެނިބައްލަވައިގެންފައިވަނީ ތަރުތީބުން އެކި ވަގުތުތަކުގައި އެކަކަށްފަހު އަނެކަކުގެ ބީދައިންކަމުގައިވާނަމަ، އެ ބޭފުޅާއަށް އޮތީ، އެންމެ ފުރަތަމަ ކައިވެނިބައްލަވައިގަތް ހަތަރު އަނބިން ހިފަހައްޓާފައި، ދެން ތިއްބެވި އަނބިން ދޫކޮށްލެއްވުމެވެ. ސަބަބަކީ، އެންމެ ފުރަތަމަ ހަތަރު ޢަޤްދު ކުރެވިފައި އެ ވަނީ ޢަޤްދުކުރުން އެކަށީގެންވާ ތަނެއްގައި (ނުވަތަ ހާލަތެއްގައި) ކަމަށްވުމުން، އެ ކައިވެނިތައް ޞައްޙަކަމަށް ބެލެވޭނެތީއެވެ. އެހެނެއްކަމަކު، ދެން ހުރި ކައިވެނިތަކަކީ ކައިވެނީގެ ޢަޤްދުކުރުމަށް އެކަށީގެންވާ ތަނެއްގައި (ނުވަތަ ހާލަތެއްގައި) ކުރެވިފައިވާ ކައިވެނިތަކަކަށް ނުވާތީ، އެ ކައިވެނިތައް ބާޠިލުވާނެއެވެ. އެހެންނަމަވެސް، ޙަނަފީންކުރެ ގިނަ ބޭފުޅުން މި މައްސަލައިގައި ހިއްޕަވަނީ ގިނަ ޢިލްމުވެރިންގެ ރައުޔުގައެވެ. އަބޫ ޙަނީފާގެ ރައުޔުގައެއް ނޫނެވެ. އެހެންކަމުން، މި ޤަވާޢިދަކީ ގާތްގަނޑަކަށް އިއްތިފާޤުވެވިފައިވާ ޤަވާޢިދެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =