[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 19

21ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُتَكَلِّمُ دَاخِلٌ في عُمُومِ كَلَامِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ވާހަކަދައްކާމީހާ އޭނާގެ ވާހަކައިގެ ޢާއްމުކަމުގެ ތެރެއަށް ވަދެގެންދޭ}

މި ޤަވާޢިދުގެ މުރާދު: ވާހަކަދައްކާމީހާ އޭނާގެ އެންގުމުގައި ޢާއްމު ލަފްޒެއް ބޭނުންކޮށްފައިވާނަމަ، އަޞްލަކީ އެ ޢާއްމުކަމުގެ ތެރެއަށް އޭނާ ވެސް ވަނުމެވެ. އޭނާ އެއިން ބޭރުވެފައިވުން ލާޒިމުކުރާ ޤަރީނާއެއް ނެތްނަމައެވެ. މިއަށް ބިނާކޮށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ޢާއްމު ލަފްޒަކުން އެންގެވުމެއް ވާރިދުވެފައިވާނަމަ، އަދި އޭގައި ވަނީ ޙުކުމެއް ވާޖިބުކުރުމާ ގުޅޭގޮތުން ނުވަތަ ޙަރާމްކުރުމާ ގުޅޭގޮތުން ނުވަތަ ހުއްދަކުރުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ އެންގެވުމުގެ ޢާއްމުކަމުގެ ތެރެއަށް އެ ކަލޭގެފާނު ވެސް ވަދެވަޑައިގަންނަވާނެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އަޙްމަދު ބްނު ޙަންބަލުގެ ފަރާތްޕުޅުން ރިވާވެފައިވާ ރިވާޔަތެއްގައިވާ ގޮތުން، ވާހަކަދައްކާމީހާ އޭނާގެ ވާހަކައިގެ ޢާއްމުކަމުގެ ތެރެއަކަށް ނުވަންނާނެއެވެ. ޚާރިޖީ ދަލީލަކުން މެނުވީއެވެ.

އަދި މިއާ ޚިލާފަށް، ބުނެވޭގޮތުން، އެއްވެސް ހާލަތެއްގައި އޭނާ އެ ވާހަކައިގެ ޢާއްމުކަމުގެ ތެރެއަކަށް ނުވަންނާނެއެވެ.

އަދި މިއާ ޚިލާފަށް، ޙަންބަލީންކުރެ އަބުލްޚައްޠާބުގެ ނަޒަރުގައި، އޭނާގެ އެ ވާހަކައަކީ އަމުރެއްނަމަ ނުވަތަ ނަހީއެއްނަމަ އޭގެ ތެރެއަކަށް އޭނާއެއް ނުވަންނާނެތެވެ. އެ ނޫން އެހެން ވާހަކައެއްނަމަ އޭނާ ވަންނާނެއެވެ. އަދި އަލްމަރުދާވީ މި ރައުޔު ގިނަ ފިޤުހުވެރިންނަށް ނިސްބަތްކުރައްވާފައިވެއެވެ.

ދެން ފަހެ، އިސްވެދިޔަ ވާހަކަތަކުން ދެ ކަމެއް އެނގިގެން ހިނގައްޖެއެވެ. އެ ތަނުން ފުރަތަމަ ކަމަކީ، މި ޤަވާޢިދަށް ޢަމަލުކުރެވޭނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޚިޠާބު (އެންގެވުން) ތަކުގައި ކަމެވެ. ޤުރުއާނުގައިނަމަ، އެ ކަލޭގެފާނަކީ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ފޮނުއްވުނު ރަސޫލެއްކަމުން، ޤުރުއާނުގައިވާ ޢާއްމުތަކުގެ ތެރެއަށް އެ ކަލޭގެފާނު ވެސް ވަންނާނެއެވެ. ވާހަކަދައްކާ ފަރާތަށް ވާތީއެއް ނޫނެވެ. އެ ކަލޭގެފާނަކީ އެ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެ ފޮތް މީސްތަކުންނަށާއި އަމިއްލަ ނަފްސަށް ވެސް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ބޭފުޅާ ކަމުގައި ވާތީއާއި، އެ ފޮތުގައި އެހެން މީހުންނަށް ކުރެވިފައިވާ އަމުރުތައް އެ ކަލޭގެފާނަށް ވެސް އަމާޒުކުރެވިފައިވާތީއެވެ. ޚާރިޖީ ދަލީލަކުން އެ ކަލޭގެފާނަށް ޚާއްޞަކުރެވިއްޖެ ކަމެއްގައި މެނުވީއެވެ. ކޮންމެއަކަސް، ޢާއްމު ލަފްޒަކުން އެ ކަލޭގެފާނުގެ އެންގެވުމެއް ވާރިދުވެފައި، އެ ޢާއްމު ޙުކުމާ ޚިލާފަށް އެ ކަލޭގެފާނު ޢަމަލުކުރައްވާފައިވާކަމަށް ރިވާވެފައިވާނަމަ، މި ޤަވާޢިދުގެ އަސަރު ފާޅުވާނެއެވެ. މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، އެ ހާލަތުގައި އެ ޢަމަލު ވާހުށީ އެ ޢާއްމުކަން ޚާއްޞަކުރާ ކަމަކަށެވެ.

ދެވަނަ ކަމަކީ، މުކައްލަފުންކުރެ މީހެއްގެ ޚިޠާބެއް ހުވާތަކުގައި ނުވަތަ ވަޤުފުތަކުގައި ނުވަތަ މުޢާމަލާތުގައި ނުވަތަ އެހެންވެސް ކަމެއްގައި ޢާއްމު ލަފްޒަކުން އައިސްފައިވާނަމަ، އޭނާ ވެސް އޭގައި ހިމެނޭނެކަމެވެ. އެގޮތުން މިސާލަކަށް [ފަޤީރުންނަށް ތިމަންގެ މޭވާ ބަގީޗާ ވަޤުފްކޮށްފީމޭ] އޭނާ ބުނެފިނަމަ، އަދި އޭގެފަހުން އޭނާ ފަޤީރުވެއްޖެނަމަ، އެ ބަގީޗާއިން ކެއުން އޭނާއަށް ހުއްދަވާނެއެވެ. ސަބަބަކީ، އެހާރުން އޭނާ ވެސް އޭނާ ކުރިން ބުނި [ފަޤީރުން] ގެ ލަފްޒުގެ ޢާއްމުކަމުގެ ތެރޭގައި ހިމެނޭނެތީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ރިވާވެފައިވާ އަންނަނިވި ޙަދީޘެވެ. ((نهى رسول الله صلى الله عليه وسلم أن يتوضأ الرجل بفضل طهور المرأة)) މާނައީ: [އަންހެނާ ތާހިރުވާން ބޭނުންކުރި ފެނުން ފިރިހެނާ ވުޟޫކުރުން ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.] އަންހެނުން ވުޟޫކުރަން ބޭނުންކޮށްފައި ހުންނަ ފެނުން ފިރިހެނުން ވުޟޫކުރުން ނަހީކުރެވިފައި ވަނީ ތަންޒީހީ (އެބަހީ، މަކުރޫހުކަން ކުޑަ) ދަރަޖައިގައި ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ، އެ ކަމަށް ދަލީލުނަންގަވަމުން ވިދާޅުވަނީ، އެ ޙަދީޘުގައި އެވާ ނަހީއަކީ ޢާއްމު ނަހީއެއްކަމަށާއި އެ ނަހީގައި އެ ކަލޭގެފާނު ވެސް ޝާމިލުވާ ކަމުގައެވެ. ސަބަބަކީ، ވާހަކަދައްކާމީހާ އޭނާގެ ވާހަކައިގެ ޢާއްމުކަމުގެ ތެރެއަށް ވަންނާނެތީއެވެ. އެހެންނަމަވެސް، އެ ބޭފުޅުން ވިދާޅުވަނީ، އެ ނަހީގެ ދަރަޖަ ތަންޒީހީ ދަރަޖައަށް ބަދަލުވެގެންގޮސްފައިވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލަކު ބޭނުންކުރައްވާފައިވާ ފެނުން ނާނޭފުޅުފިއްލަވާފައިވާކަން ސާބިތުވެފައިވާތީ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =