22ވަނަ ޤަވާޢިދު (ޖުމްލަ 189): أَقَلُّ الـجَمْعِ الـمُطْلَقِ ثَلَاثَةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ޖަމްޢުގެ އެންމެ މަދު މިންވަރަކީ ތިނެއް}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ މީސްތަކުންގެ ވާހަކަތަކުންނާއި މުޢާމަލާތްތަކުން ނައްޞެއް ވާރިދުވެފައިވާނަމަ، އަދި އެ ނައްޞުގައި ޖަމްޢުގެ ޞީޣާތަކުގެ ތެރެއިން ޞީޣާއެއް ވާނަމަ، ޙަޤީޤީގޮތުން އެ ޖަމްޢުގެ އެންމެ މަދު މިންވަރެއް ކަމުގައި ބެލެވޭހުށީ ތިނެކެވެ. ދޭއް އެއީ ޙަޤީޤީގޮތުން ޖަމްޢުކަމުގައެއް ނުބެލެވޭނެއެވެ. އެހެނެއްކަމަކު، މަޖާޒީގޮތުން އެއަށްވެސް ޖަމްޢުއޭ ކިޔިދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، މާލިކާއި އަލްޤާޟީ އަލްބާޤިއްލާނީއާއި އަލްޣަޒާލީއާއި ބައެއް ނަޙްވު ޢިލްމުވެރިންގެ ނަޒަރުގައި، ޖަމްޢުގެ އެންމެ މަދު މިންވަރަކީ ދޭކެވެ.
ދެން ފަހެ، މުޠުލަޤު ޖަމްޢުއަކީ، އެއްވެސް އަދަދެއް ނެތް ގޮތުގައި މުޠުލަޤުކޮށް އޮންނަ ޖަމްޢުއެވެ. އެގޮތުން، މީހަކު ރޯދަހިފަން ނަދުރު ބުނަމުން ވަކި އަދަދެއް ކަނޑައެޅުމެއްނެތި [ދުވަސްތަކެއްގައި ރޯދަހިފުމަށް ތިމަން ނަދުރު ބުނަމޭ] ބުނެފިނަމަ، ޖަމްޢުގެ އެންމެ މަދު މިންވަރަކީ ތިނެއް ކަމުގެ މައްޗަށް ބިނާކޮށް، ތިން ދުވަހު ރޯދަހިފުން އޭނާއަށް ފުދިގެންވެއެވެ. އެހެންނަމަވެސް، ވަކި އަދަދެއް އެ ދުވަސްތަކަށް ކަނޑައެޅިއްޖެނަމަ، އެ ދުވަސްތަކުގެ މިންވަރެއް ކަމުގައި ވާނީ، އެ ކަނޑައެޅުނު މިންވަރެވެ.
ކޮންމެއަކަސް، މި ޤަވާޢިދަށް ޢަމަލުކުރެވޭނީކީ ހަމައެކަނި ޝަރުޢީ ނައްޞުތަކުގައެއް ނޫނެވެ. އަދި ކިޔެއްތަ! މުކައްލަފުން އެބައިމީހުންގެ ހުވާތަކާއި ވަޤުފްތަކާއި މުޢާމަލާތްތަކާއި ނިޔާކަނޑައެޅުންތަކާއި އެހެނިހެން ކަންކަމުގައި ބޭނުންކޮށްއުޅޭ ލަފްޒުތައް މާނަކުރުމުގައި ވެސް މި ޤަވާޢިދު ބޭނުންކުރެވޭނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ) (ސޫރަތުއްތައުބާ: 60) މާނައީ: [ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރްޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.] މި އާޔަތުގައި ޒަކާތް ޙައްޤުވާ ބައިތަކުގެ ތެރެއިން ކޮންމެ ބަޔެއް ވެސް ބަޔާންކުރެވިފައި އެ ވަނީ ޖަމްޢުގެ ލަފްޒުންނެވެ. އެއަށް ބިނާކޮށް، ޒަކާތް ބަހާއިރު ކޮންމެ ބަޔަކުން ވެސް މަދުވެގެން ތިން މީހަކަށް ޒަކާތްދިނުން (އެބައިމީހުން ލިބިއްޖެނަމަ) ބައެއް ޢިލްމުވެރިން ވާޖިބުކުރައްވަތެވެ. އެއީ، ޝާފިޢީ މަޒުހަބުގައި އޮންނަ ގޮތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =