[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 21

23ވަނަ ޤަވާޢިދު (ޖުމްލަ 189): الصُّورَةُ النَّادِرَةُ تَدْخُلُ تَـحْـتَ العُمُومِ

މި ޤަވާޢިދުގެ ތަރުޖަމާ: {ނާދިރު ހާލަތް ޢާއްމުކަމުގެ ތެރެއަށް ވަދެގެންދޭ}

މި ޤަވާޢިދުގެ މުރާދު: ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ނުވަތަ އެ ކަލާނގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި، ޢަރަބީން އެ ލަފްޒެއް ބޭނުންކުރުމުން، އެބައިމީހުންގެ އާދަކާދައަށް ބިނާކޮށް، އެ ލަފްޒުގެ ޙަޤީޤީ މާނައިން ސިކުނޑިއަށް ނާންނަ ހާލަތެއް އެ ލަފްޒުގައި ޝާމިލުވާ ޢާއްމު ލަފްޒެއް ވާރިދުވެފައިވާނަމަ، އެ ނާދިރު ހާލަތް ވެސް އެ ޢާއްމު ލަފްޒުގެ ޢާއްމުކަމުގެ ތެރެއަށް ވަދެގެންދެއެވެ. އަދި އެ ޢާއްމުގެ އެހެނިހެން އަފުރާދުންނަށް އެ ޙުކުމް ސާބިތުވާހެން، އެއަށް ވެސް އެ ޙުކުމް ސާބިތުވާނެއެވެ. އެއީ، މި މައްސަލައިގައި އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި އޮންނަ ދެ ރައުޔުގެ ތެރެއިން ޞައްޙަކަން ބޮޑު ރައުޔުގެ މައްޗަށް ބިނާކޮށެވެ. އަދި މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔު ވެސް މެއެވެ.

މިއާ ޚިލާފަށް، ބައެއް މާލިކީންގެ ނަޒަރުގައި، ނާދިރު ހާލަތް ޢާއްމުކަމުގެ ތެރެއަކަށް ނުވަންނާނެއެވެ. އަދި މިއީ، އައްޝާޠިބީ ވެސް ލެނބިވަޑައިގެންނެވި ރައުޔެވެ.

ދެން ފަހެ، މި ނާދިރު ހާލަތް ވެސް އެ ޢާއްމު އޮތް ވާހަކައިގައި ޤަޞްދުކުރެވިފައިވާކަމަށް ޤަރީނާއެއް ލިބިއްޖެނަމަ، އެ ޢާއްމުކަމުގެ ތެރެއަށް އެ ހާލަތް ވެސް ވަންނާނެކަމާމެދު އިއްތިފާޤުވެވިފައިވެއެވެ. އެ ޢާއްމު ވާހަކައިގައި ޤަޞްދުކުރެވިފައި ނުވާކަމަށް ޤަރީނާއެއް ލިބިއްޖެނަމަ، އެ ޢާއްމުކަމުގެ ތެރެއަށް އެ ހާލަތް ނުވަންނާނެކަމާމެދު އިއްތިފާޤުވެވިފައިވާފަދައިންނެވެ. އެހެންކަމުން، ދެބަސްވުން މި އޮތީ، އެ ކަން ޤަޞްދުކުރެވިފައިވާކަން ނުވަތަ ނުވާކަން އަންގައިދޭ ޤަރީނާއެއް ނެތްނަމައެވެ.

އަދި ނާދިރު ހާލަތް ޢާއްމު ލަފްޒުގެ ތެރެއަށް ވަނުމުގެ މައްސަލައާ، ޤަޞްދުކުރެވިފައިނުވާ ހާލަތް ވެސް ގުޅިފައިވެއެވެ. ޤަޞްދުކުރެވިފައިނުވާ ހާލަތަކީ، ވާހަކަދައްކާމީހާ ޢާއްމު ލަފްޒު ބޭނުންކުރުމުން އެ ލަފްޒު އޭނާ ބޭނުންކުރީ ވަކި ހާލަތެއް އޭގެ ތެރޭގައި ހިމެނޭކަމަށް ދެކިގެންތޯ އެނގެން ނެތް ހާލަތެވެ. އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި މި މައްސަލައިގައި އޮންނަ ދެ ރައުޔުންކުރެ އެންމެ ޞައްޙަކަން ބޮޑު ރައުޔުގައިވަނީ، އެ ވެސް ޢާއްމުކަމުގެ ތެރެއަށް ވަންނާނެކަމުގައެވެ.

އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ނާދިރު ހާލަތާއި ޤަޞްދުކުރެވިފައިނުވާ ހާލަތާ ދެމެދު ގުޅުންހުރީ عُمُومُ وَخُصُوصُ مُطْلَق ގޮތެއްގައެވެ. އެބަހީ، ނާދިރު ހާލަތަށްވުރެ، ޤަޞްދުކުރެވިފައިނުވާ ހާލަތުގެ ޢާއްމުކަން ބޮޑެވެ. ސަބަބަކީ، ވާހަކަދައްކާމީހާ ޤަޞްދުކޮށްފައި ނުވަނީ، ނާދިރު ސަބަބުން ކަމުގައި ވެސް ނުވަތަ އެހެން ސަބަބަކާހުރެ ކަމުގައި ވެސް ވެދާނެތީއެވެ. އެހެންނަމަވެސް، އުޞޫލީ ޢިލްމުވެރިންކުރެ އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ދެމެދުގައިވަނީ العُمُومُ وَالـخُصُوصُ الوَجْهِـيّ ގުޅުމެކެވެ. އެގޮތުން، ޤަޞްދުކުރެވިފައިނުވާ ހާލަތަކީ، ނާދިރު ހާލަތަކަށް ވެސް ނުވަތަ އެ ނޫން ހާލަތަކަށް ވެސް ވެދާނެއެވެ. އަދި ނާދިރު ހާލަތަކީ، ޤަޞްދުކުރެވިފައިވާ ހާލަތަކަށް ވެސް ނުވަތަ ޤަޞްދުކުރެވިފައިނުވާ ހާލަތަކަށް ވެސް ވެދާނެއެވެ. ސަބަބަކީ، ނާދިރުކަން އެނގޭ ގޮތަކީ، ލަފްޒު ބޭނުންކުރުމުން އެ ހާލަތް ސިކުނޑިއަށް އެ ނޭރުން ކަމުގައި ވާތީއެވެ. އަދި ވާހަކަދައްކާމީހާގެ ޤަޞްދު ނެތްކަން އެނގޭ ގޮތަކީ، އެ ލަފްޒު ބޭނުންކުރުމުން އެ ހާލަތް ސިކުނޑިއަށް އެރިކަމުގައި ވިޔަސް، އެ ލަފްޒުން އެ ހާލަތް ޤަޞްދުކޮށްފައި ނެތުން ކަމުގައި ވާތީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނިޔަފަތި ކެނޑުން އެއް ކަމަކަށް ހިމެނޭހެން، ފިޠުރަތުގައި ހިމެނޭ ފަސް ކަމެއް ބަޔާންކުރައްވައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެވެ. ނިޔަފަތި ކަނޑައި ކުރުކުރުމީ ސުންނަތެއް ކަމާމެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އެ ޙަދީޘްގައިވާ [الأَظْفَارُ] (ނިޔަފަތިތައް) އަކީ އަލިފުލާމު ބޭނުންކުރެވިފައިވާ ޖަމްޢު ނަމެއް ކަމުގައިވުމުން، އެއިން ޢާއްމުކަމުގެ މާނަ (އެބަހީ، ހުރިހާ އިނގިލިތަކެއްގެ ނިޔަފަތި ވެސް ޙުކުމް ޢާއްމުކަމުގެ މާނަ) ލިއްބައިދެއެވެ. އަދި މި ޢާއްމުކަމުގެ ތެރެއަށް، އިތުރު އިނގިއްޔެއް ފަޅާފައިވާނަމަ، އެ އިނގިލި ވެސް ވަދެގެންދެއެވެ. މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، އެ ނާދިރު ހާލަތް ވެސް އެ ޢާއްމުކަމުގެ ތެރެއަށް ވަދެގެންދެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =