24ވަނަ ޤަވާޢިދު (ޖުމްލަ 189): العِبْرَةُ بِعُمُومِ اللَّفظِ لَا بِـخُصُوصِ السَّبَبِ
މި ޤަވާޢިދުގެ ތަރުޖަމާ: {ބަރޯސާވެވޭނީ ލަފްޒުގެ ޢާއްމުކަމަށް، ސަބަބުގެ ޚާއްޞަކަމަކަށް ނޫން}
މި ޤަވާޢިދުގެ މުރާދު: މީހަކު ކުރި ސުއާލެއް ނުވަތަ ހިނގި ހާދިސާއެއްފަދަ ވަކި ޚާއްޞަ ސަބަބަކާ ގުޅިގެން ޝަރުޢީ އެންގެވުމެއް ޢާއްމު ލަފްޒަކުން ވާރިދުވިއިރު، ޢާއްމުކަމަށް ނުވަތަ ޚާއްޞަކަމަށް ދަލީލުކޮށްދޭނޭ ކަމެއް އޭގައި ނުވާނަމަ، އެ ޢާއްމުވެގެންވާކަމަށް ބެލެވޭނެތެވެ. މިއީ، ގާތްގަނޑަކަށް ހުރިހާ ޢިލްމުވެރިންގެ ވެސް ރައުޔެވެ. އޭގެ ތެރޭގައި، އަލްޣަޒާލީއާއި އައްރާޒީއާއި އިބްނުއްސުބުކީއާއި އިބްނު ޙަޖަރާއި އިބްނު ތައިމިއްޔާއާއި އިބްނުއްނައްޖާރާއި އައްޞަންޢާނީ ހިމެނިވަޑައިގަންނަވަތެވެ.
މިއާ ޚިލާފަށް، އަލްމުޒަނީއާއި އަބޫ ޘައުރުގެ ނަޒަރުގައި، ބަރޯސާވެވޭނީ ސަބަބުގެ ޚާއްޞަކަމަށެވެ. އެހެންކަމުން، އެ ބޭފުޅުންގެ އަރިހުގައި، ސަބަބުގެ ޚާއްޞަކަމަކީ، ލަފްޒުގެ ޢާއްމުކަން ޚާއްޞަކުރާ އެއްޗެކެވެ.
އަދި މިއާ ޚިލާފަށް، ބައެއް ޢިލްމުވެރިން ޢާއްމު ލަފްޒު، މީހަކު ކުރި ސުއާލެއްގެ ޖަވާބުގެ ތެރޭގައި އައިސްފައިވާ ހާލަތާއި، ހާދިސާއެއް ހިނގުމާ ގުޅޭ ވާހަކައިގެ ތެރޭގައި އައިސްފައިވާ ހާލަތު ތަފާތުކުރައްވައި ވިދާޅުވަނީ، ފުރަތަމަ ހާލަތުގައި ބަރޯސާވެވޭނީ ސަބަބުގެ ޚާއްޞަކަމަށް ކަމުގައެވެ. އަދި ދެވަނަ ހާލަތުގައި ބަރޯސާވެވޭނީ ލަފްޒުގެ ޢާއްމުކަމަށް ކަމުގައެވެ.
ދެން ފަހެ، ވަކި ޚާއްޞަ ސަބަބަކާ ހުރެ ވާރިދުވި ޢާއްމު ޙުކުމް، އެ ސަބަބުގައިވާ ސިފައަށް ނުވަތަ ހާލަތަށް ވަދެގެންދާނެކަމާމެދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެ ސަބަބުގައިވާ ހާލަތް ނޫން އެހެން ހާލަތްތަކަށް އެ ޢާއްމު ޙުކުމް ވަންނާނެތޯ ބަލައިލާއިރު، އެއް ގޮތަކީ، ޖަވާބުގެ ބައިކުޅަބައެއް (އެއާ ނުލައި ޖަވާބު ފުރިހަމަނުވާނޭ ބައިކުޅަބައެއް) އެ ލަފްޒުގެ ޢާއްމުކަމުގެ ތެރޭގައި އޮތުމެވެ. އަނެއް ގޮތަކީ، އެ ލަފްޒަކީ ޖަވާބުގެ އިތުރަށް އޮތް (އެ ލަފްޒާ ނުލައި ޖަވާބު ވިސްނައިގަތުމުގެ ފުރުސަތު އޮތް) އެއްޗެއްކަމުގައި ވުމެވެ. މި ތަނުން ދެވަނަ ގޮތަށް އޮތްނަމަ، އެއިން ޢާއްމުކަން ލިއްބައިދޭ ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. އެހެންނަމަވެސް، ފުރަތަމަ ގޮތަށް އޮތްނަމަ، އޭގައި ބަރޯސާވާނީ ކޮން އެއްޗަކަށް ކަމާމެދު ރައުޔުތަފާތުވުން އުފެދިފައިވެއެވެ. މި ޤަވާޢިދުގެ މައުޟޫޢަކީ ވެސް އެއީއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا بَنِي آَدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ) (ސޫރަތުލްއަޢުރާފް: 31 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ކޮންމެ މިސްކިތެއްގައިމެ (އެބަހީ: ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ)، ޒީނަތްތެރިކަމުގައި ހިފާށެވެ!] މި އާޔަތުން ނަމާދުކުރާއިރު ޢައުރަ ނިވާކުރުން ވާޖިބުކަމަށް ބައެއް ފިޤުހުވެރިން ދަލީލު ނަންގަވަތެވެ. އެއީ، މީސްތަނުންނާއެކު ނަމާދުކުރިޔަސް، ނުވަތަ އެކަހެރިކޮށް މީހުންނަ ނުފެންނަ ތާނގައި ނަމާދުކުރިޔަސް މެއެވެ. މި އާޔަތަކީ، ވަކި ޚާއްޞަ ސަބަބަކާ ގުޅިގެން (ކަޢުބަތުﷲ ގެފުޅު ވަށައިގެން އޮރިޔާމުން ތިބެ ޠަވާފުކުރުން މަނާކުރައްވައި) ބާވައިލެއްވުނު އާޔަތެއްކަމުގައި ވީނަމަވެސް، ބަރޯސާވެވޭނީ ބޭނުންކުރެވިފައިވާ ލަފްޒުގެ ޢާއްމުކަމަށެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =