[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 23

25ވަނަ ޤަވާޢިދު (ޖުމްލަ 189): خُصُوصُ السَّببِ لَا يَجُوزُ إخْرَاجُه عَن العُمُومِ

މި ޤަވާޢިދުގެ ތަރުޖަމާ: {ސަބަބުގެ ޚާއްޞަކަން ޢާއްމުކަމުގެ ތެރެއިން ނެރެލުން ހުއްދަވެގެން ނުވޭ}

މި ޤަވާޢިދުގެ މުރާދު: މީހަކު ކުރި ސުއާލެއް ނުވަތަ ހިނގި ހާދިސާއެއްފަދަ ވަކި ޚާއްޞަ ސަބަބަކާ ގުޅިގެން ޢާއްމު ލަފްޒެއް ވާރިދުވެއްޖެނަމަ، އެ ލަފްޒުގެ ޙުކުމުގެ ތެރޭގައި އެ ސަބަބުގެ ހާލަތް ހިމެނޭނެކަން ޤަޠުޢީކޮށް އެނގެއެވެ. އެހެންކަމުން، ޚާއްޞަކުރުމުގެ ޒަރީއާއިން ލަފްޒުގެ ޢާއްމުކަމުގެ ތެރެއިން އެ ސަބަބު ނެރެލުން ހުއްދަވެގެން ނުވެއެވެ.

އަދި އުޞޫލީ ޢިލްމުވެރިންކުރެ ވަރަށް ގިނަ ބޭފުޅުން، އާޔަތްތައް ބާވައިލެއްވުނު ސަބަބާއި ޙަދީޘް ވާރިދުވީ ސަބަބު އެނގުމުގެ ފައިދާތަކުގެ ތެރޭގައި، އިޖުތިހާދުކޮށްގެން ތަޚްޞީޞްގެ މަގުން (ޚާއްޞަކުރުމުގެ ޒަރީއާއިން) ލަފްޒުތަކުގެ ޢާއްމުކަމުގެ ތެރެއިން އެ ސަބަބުތައް ނެރެލުން ހުއްދަވެގެން ނުވާކަން މުޖުތަހިދު ޢިލްމުވެރިޔާއަށް އެނގުން ހިމަނުއްވާފައިވެއެވެ.

މިއާ ޚިލާފަށް، އަބޫ ޙަނީފާއާއި މާލިކަށް ނިސްބަތްކުރެވިފައިވާ ގޮތުން، ޚާއްޞަކުރުމުގެ ޒަރީއާއިން ލަފްޒުގެ ޢާއްމުކަމުގެ ތެރެއިން ސަބަބުގެ ހާލަތު ނެރެލުން ހުއްދަކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ. އެ ގޮތަށް އެ ބޭފުޅުންނަށް ނިސްބަތްކުރެވިފައިވަނީ، އެ ބޭފުޅުން ބައެއް މައްސަލަތަކާއި ފަރުޢުތަކުގައި ކުރައްވާފައިވާ އިޖުތިހާދުތަކުން، އެ ގޮތަށް ލަފްޒުގެ ޢާއްމުކަމުގެ ތެރެއިން ސަބަބުގެ ހާލަތު ނެރެލުން އެ ބޭފުޅުން ހުއްދަކުރައްވާކަމަށް ވިސްނިފައިވާތީއެވެ.

އެހެންނަމަވެސް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން މި ނިސްބަތްކުރެއްވުމަށް އެތަކެއް ޖަވާބަކުން ޖަވާބުދެއްވާފައިވެއެވެ. އެގޮތުން، އެ ނިސްބަތްކުރުން ޞައްޙަ ނޫން ކަމުގައި ބުނެވިފައިވެއެވެ. ނޫންނަމަ، ސަބަބުގެ ހާލަތު ލަފްޒުގެ ތެރޭގައި ޙަޤީޤަތުގައި ހިމެނިފައި ނުވާތީ، ލަފްޒުގެ ޢާއްމުކަން އެ ބޭފުޅުންގެ އަރިހުގައި ފަހަރުގައި ސާބިތުވެފައި ނޯވެދާނެއެވެ. ނޫންނަމަ، އެ ސަބަބުތައް ބަޔާންކުރެވިފައިވާ ޙަދީޘްތައް އެ ބޭފުޅުންނަށް ފޯރާފައި ނުވަނީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ސަލަމުގެ ޢަޤްދުގައި ރަހުނު ބޭއްވުން ހުއްދަވެގެން ނުވެޔޭ ބުނެވޭ ބަސް ޞައްޙަ ނުވުމެވެ. އެއީ، ރަހުނެއް ބެހެއްޓުމާ ގުޅޭގޮތުން ވާހަކަދެކެވިފައިވާ، ބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތާއި 283 ވަނަ އާޔަތް ބާވައިލެއްވުނީ ސަލަމާ ގުޅޭގޮތުން ކަމުގައި އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާތީއެވެ. އެހެންކަމުން، ރަހުނު ބެހެއްޓުން ހުއްދަވުމުގެ ޢާއްމު ލަފްޒުގެ ތެރެއިން، އެ ލަފްޒު ވާރިދުވީ ސަބަބުކަމުގައިވާ ސަލަމުގެ ޢަޤްދު ނެރެލުން ހުއްދަވެގެން ނުވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =