[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 24

26ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ مِعْيَارُ العُمُومِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިސްނާއަކީ ޢާއްމުކަމުގެ މިންގަނޑު}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަން ދެނެގަތުމަށްޓަކައި ސަލާމަތްތެރި މިންގަނޑަކަށް ބޭނުންޖެހިފައިވެއެވެ. އެގޮތުން، އިސްތިސްނާއަކީ ޢާއްމުކަން ދެނެގަނެވޭނޭ މިންގަނޑެކެވެ. އަދި އޭގެ ބޭނުންކޮށްގެން ލަފްޒުގެ ޢާއްމުކަން އިމްތިޙާނުކުރެވިދާނެއެވެ. ލަފްޒުތަކުގެ ތެރެއިން އިސްތިސްނާކުރުން ޞައްޙަ، އަދި އެއަށް ވަކި މިންވަރެއް ނުވާ ކޮންމެ ލަފްޒަކީ ޢާއްމު ލަފްޒެކެވެ.

އިސްތިސްނާއަކީ، إِلَّا (ފިޔަވައި/މެނުވީ) ނުވަތަ އޭގެ [އަޚުން] ކުރެ [އަޚެއް] ބޭނުންކޮށްގެން، ނުވަތަ އިސްތިސްނާގެ އެހެން ޞީޣާއެއް ބޭނުންކޮށްގެން، ވާހަކަދައްކާމީހާ އޭނާ ކުރިން ދެއްކި ވާހަކައިގެ ތެރެއަށް ވަންނަ ބައެއް އެއިން ނެރެލުމެވެ.

ޢާއްމުކަމުގެ ތެރެއަށް އިސްތިސްނާ ވަނުމީ ޢަރަބިބަހުގައި ލާޒިމުކުރާ ކަމެކެވެ. ޢާއްމު ލަފްޒަކަށް އިސްތިސްނާއެއް ވަދެއްޖެނަމަ، އެއިން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށް ބިނާކޮށް، ޢާއްމުކަމުގެ ތެރެއިން ޚާއްޞަކަމުގެ ތެރެއަށް އެ ލަފްޒު ނެރެލާނެތެވެ. އެހެންކަމުން، އިސްތިސްނާއަކީ، ޢާއްމުކަން ޚާއްޞަކޮށްދޭ އެއްޗެކެވެ. ސަބަބަކީ، ޢާއްމުއަކީ އެއަށް އެކަށީގެންވާ ހުރިހާ ތަކެއްޗެއް އޭގެ ތެރޭގައި ހިމަނައިލާ ލަފްޒެއް ކަމުގައި ވާއިރު، އެ ލަފްޒަށް އިސްތިސްނާއެއް ވަދެއްޖެނަމަ، އެ ލަފްޒުގެ ތެރެއަށް ވަންނަ ބައެއް ތަކެތި އެއިން ނެރެލާނެތީއެވެ. އިސްތިސްނާއަކީ ޢާއްމުކަމުގެ މިންގަނޑޭ ބުނެވެނީ މިހެންވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، އަލިފުލާމު ހިމެނިފައިވާ މުފުރަދުއާއި ޖަމްޢު ލަފްޒެވެ. އެހެނީ، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. ސަބަބަކީ، އެ ދޭއްޗަށް އިސްތިސްނާ ވަނުން ޞައްޙަވާތީއެވެ. އިސްތިސްނާއެއް ވަނުމީ، އެ ލަފްޒަކީ ޢާއްމު ލަފްޒެއްކަން ސާބިތުކޮށްދޭ މިންގަނޑެއް އަދި ދަލީލެކެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. (إِنَّ الْإِنْسَانَ لَفِي خُسْرٍ (2) إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ) (ސޫރަތުލްޢަޞްރު: 2-3) މާނައީ: [ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.] މި އާޔަތުގައިވާ الإِنْسَان (އިންސާނާ) އިން ދޭހަކޮށްދެނީ ޢާއްމުކަމުގެ މާނައެވެ. (އެބަހީ، ހުރިހާ އިންސާނުން ކަމުގެ މާނައެވެ.) އެކަން އެނގެނީ، އެ ލަފްޒަށް އިސްތިސްނާއެއް ވަދެ، ހަތަރު ސިފައެއް ހިމެނޭ އިންސާނުން އެއިން ބޭރުކޮށްލައިފައިވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =