27ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ عَقِبَ الـجُمَلِ الـمُتَعَاطفَةِ عَائِدٌ إِلَى الـجَمِيْعِ مَا لَـمْ يَـمْنَعْ مَانِـعٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ގުޅިގެން އައިސްފައިވާ ޖުމްލަތަކަކަށްފަހު އަންނަ އިސްތިސްނާ، މަނާކުރާނޭ ހުރަހެއް ނެތްނަމަ، އެ ހުރިހާ ޖުމްލަތަކަކަށްމެ ރައްދުވޭ}
މި ޤަވާޢިދުގެ މުރާދު: އެއް ތަނެއްގައި ގުޅިގެން ޖެހިޖެހިގެން ޖުމްލަތަކެއް އައިސްފައި، އެ ޖުމްލަތަކަށްފަހު إِلَّا (ފިޔަވައި/މެނުވީ) ބޭނުންކޮށްގެން އިސްތިސްނާއެއް އައިސްފައިވާނަމަ، ނުވަތަ އެ ނޫން ވެސް އިސްތިސްނާކުރުމަށް ބޭނުންކުރެވޭ އެ މާނައިގެ ލަފްޒެއް އައިސްފައިވާނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، އެ އިސްތިސްނާ އެ ހުރިހާ ޖުމްލަތަކަކަށް ރައްދުވެއެވެ.
މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ހުރިހާ ހާލަތެއްގައި ވެސް ގުޅިގެން އައިސްފައިވާ ޖުމްލަތަކަކަށްފަހު އަންނަ އިސްތިސްނާ ރުޖޫޢަވަނީ އެ ތަނުން އެންމެ ފަހު ޖުމްލައަށް އެކަންޏެވެ.
ކޮންމެއަކަސް، މި ޤަވާޢިދާ އެއްކޮޅަށް ވިދާޅުވާ ބޭފުޅުންކުރެ އައްސުބުކީ މި ޤަވާޢިދަށް ޝަރުޠުތަކެއް ވާކަމަށް ވިދާޅުވެފައިވެއެވެ. އެ ޝަރުޠުތަކަކީ: އެ ޖުމްލަތައް ޢަޠުފުކުރެވިފައި (ގުޅުވައިލެވިފައި) ވުމާއި، ގުޅުވައިލެވިފައިވަނީ އެކަތި އަނެކައްޗާ ޖަމާކޮށްދޭ [ވާވު] ބޭނުންކޮށްގެން ކަމުގައިވުމާއި، އަދި ދެ ޖުމްލަ ދެމެދު ދިގު ވާހަކަގަނޑެއް ދެކެވިފައި ނުވުމެވެ.
އަދި މި ޤަވާޢިދު ޤައިދަކުން ހަނިކުރެވިފައިވެއެވެ. އެއީ، އެ ހުރިހާ ޖުމްލައަކަށް އެ އިސްތިސްނާ ރައްދުވުން މަނާކުރާނޭ ހުރަހެއް ނެތުމެވެ. އެފަދަ ހުރަހެއް އޮވެއްޖެނަމަ، އެ ހުރިހާ ޖުމްލަތަކަކަށް އެ އިސްތިސްނާ ރައްދެއް ނުވާނެއެވެ. އެހެނެއްކަމަކު، އެ ހާލަތުގައި އެ އިސްތިސްނާ ރައްދުވާހުށީ އެންމެ ފަހު ޖުމްލައަށް އެކަންޏެވެ.
މި ޤަވާޢިދުގެ މިސާލަކީ، މުޙުޞަނުންގެ ބޮލުގައި ޤަޛުފުގެ ތުހުމަތު އެޅުވުމާ ގުޅޭގޮތުން ބާވައިލެއްވިފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُوْلَئِكَ هُمُ الْفَاسِقُونَ (4) إِلاَّ الَّذِينَ تَابُوا وَأَصْلَحُوا) (ސޫރަތުއްނޫރު: 4 ވަނަ އާޔަތާއި 5 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ. އެއަށްފަހު ތައުބާވެ (ޢަމަލުތައް) އިޞްލާޙުކޮށްފި މީހުން މެނުވީއެވެ.] މި އާޔަތުގައި އިސްތިސްނާއެއް އެބަ އޮތެވެ. އެ އިސްތިސްނާ އައިސްފައިވަނީ ގުޅިފައިވާ ތިން ޖުމްލައެއްގެ ފަހުންނެވެ. އެ ތަނުން ފުރަތަމަ ޖުމްލައިގައި ވަނީ، އެބައިމީހުން ގައިގައި ހައްދު ޖެހުމުގެ ވާހަކައެވެ. ދެވަނަ ޖުމްލައިގައި ވަނީ، އެބައިމީހުންގެ ހެކިބަސް ޤަބޫލުކުރުމާ ގުޅޭ ވާހަކައެވެ. އަދި ތިންވަނަ ޖުމްލައިގައި ވަނީ، އެބައިމީހުންގެ ފާސިޤުކަމުގެ ޚަބަރެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި، އެ އިސްތިސްނާ އެ ތިން ޖުމްލައަށް ވެސް ރައްދުވެއެވެ. އެހެންނަމަވެސް، އަބޫ ޙަނީފާގެ ނަޒަރުގައި، އެ އިސްތިސްނާ ރައްދުވަނީ އެ ތަނުން އެންމެ ފަހު ޖުމްލައަށެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި އޭނާ ފަހުން ތައުބާވެއްޖެނަމަ، އޭނާގެ ހެކިބަސް ފަހުން ޤަބޫލުކުރެވޭނެތެވެ. މިއާ ޚިލާފަށް، އަބޫ ޙަނީފާގެ ނަޒަރުގައި އޭނާ ފަހުން ތައުބާ ވިޔަސް، ދެން އޭނާގެ ހެކިބަހެއް ޤަބޫލެއް ނުކުރެވޭނެތެވެ. އަދި ހަމައެހެންމެ، ފާހަގަކޮށްލަންޖެހޭ ކަމަކީ، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި ވެސް އެ އިސްތިސްނާ އެ ތަނުން ފުރަތަމަ ޖުމްލައަށް ރައްދެއް ނުވެއެވެ. ސަބަބަކީ، އެ އެ ޖުމްލައަށް ރައްދުވުން މަނާކުރާނޭ ހުރަހެއް ވާތީއެވެ. އެ ހުރަހަކީ، ފުރަތަމަ ޖުމްލައިގައިވަނީ ޙައްދުޖެހުމުގެ ވާހަކަ ކަމުގައިވާއިރު، ޙައްދުޖެހުމަކީ އާދަމުގެ ދަރިޔާގެ ޙައްޤަކަށްވެފައި، ދެން އޮތް ދެ ޖުމްލައިގައި ވެސް ވަނީ ﷲ ގެ ދެ ޙައްޤެއް ކަމުގައިވުމުން، ޙައްޤުތަކުގައި ތަފާތުވެފައިވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =