[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 26

28ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَفهُومُ لَهُ عُمُومٌ

މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމަށް ޢާއްމުކަން ލިބިގެންވޭ}

މި ޤަވާޢިދުގެ މުރާދު: ޢިބާރާތުގެ މަފްހޫމަށް ޢާއްމުކަމެއް ލިބިގެންވެއެވެ. އެއީ، އެ ޢިބާރާތުގެ މަންޠޫޤުގައިވާ މިންވަރުގެ އިތުރުންނެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޣަޒާލީއާއި އިބްނު ޢަޤީލާއި އިބްނު ޤުދާމާގެ ނަޒަރުގައި، މަންޠޫޤުގައިވާ މިންވަރުގެ އިތުރުން، މަފްހޫމަށް ޢާއްމުކަމެއް ލިބިގެނެއް ނުވެއެވެ. ސަބަބަކީ، އެ ބޭފުޅުންގެ ނަޒަރުގައި، ޢާއްމުކަމަކީ މާނަތަކަށް ހުށަހެޅޭ ކަމަކަށް ނުވެފައި، އެއީ ލަފްޒުތަކަށް ހުށަހެޅޭ ކަމަކަށްވެފައި، މާނަތައް ޢާއްމުކަމުގެ ސިފައިން ސިފަނުކުރެވޭއިރު، މަފްހޫމަކީ މާނަތަކުގެ ތެރެއިން މާނައެއް ކަމަށް ވާތީ، އެއަށް ޢާއްމުކަމެއް ލިބިގެން ނުވާނެތީއެވެ.

އެހެންނަމަވެސް، ޙަޤީޤަތުގައި މި ޤަވާޢިދާ ގުޅޭގޮތުން ޚިލާފެއް ނެތްކަމަށް ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެއެވެ. އަދި އެއީ ލަފްޒީ ޚިލާފެއް ކަމުގައި ވެސް ބުނެވިފައިވެއެވެ. ސަބަބަކީ، މަފްހޫމަށް ޢާއްމުކަން ލިބިގެންވާކަން ނަފީކުރެއްވި ބޭފުޅުންގެ މަޤްޞަދަކީ، މަފްހޫމު މެދުވެރިކުރުމެއްނެތި މަންޠޫޤުން އެކަނި ޢާއްމު ސާބިތުނުވާނެކަން ބަޔާންކުރެއްވުން ކަމުގައި ވާތީއެވެ. އަދި މި ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، މައިންބަފައިން މުސްކުޅިވާ ދުވަހު ކަމޭހިތަންވީ ގޮތް ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި ވަޙީބަސްފުޅެވެ. (فَلا تَقُلْ لَهُمَا أُفٍّ) (ސޫރަތުލްއިސްރާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެ ދެ މީހުންނަށް އުއްފުއޭ ވެސް ނުބުނާށެވެ!] ޢުރުފު (އާދަކާދަ) ގެ ޒަރީއާއިން މި އާޔަތުގެ މަފްހޫމް ނެގެނީ، އެއްވެސް އުނދަގުލެއް ނުކުރުމުގެ މާނައިގައި، ހުރިހާ އުނދަގުލަކަށް ޢާއްމުވެގެންވާ ގޮތުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =