29ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَجَازُ لَهُ عُمُومٌ
މި ޤަވާޢިދުގެ ތަރުޖަމާ: {މަޖާޒަށް ޢާއްމުކަން ލިބިގެންވޭ}
މި ޤަވާޢިދުގެ މުރާދު: ޙަޤީޤަތެކޭ އެއްގޮތަށް ހަމަ އެފަދައިން މަޖާޒަށް ވެސް ޢާއްމުކަން ކުރިމަތިވެއެވެ. ސަބަބަކީ، އެއީ ޙަޤީޤަތު ފަދައިން، ކަލާމް (ދައްކާ ވާހަކަ) ގެ އެއް ވައްތަރުކަމަށް ވާތީއެވެ. އަދި ޢަރަބީން ޙަޤީޤަތު ބޭނުންކޮށްގެން މުޚާޠަބުކޮށްއުޅޭ ގޮތަށް، މަޖާޒު ބޭނުންކޮށްގެން ވެސް މުޚާޠަބުކޮށް އުޅޭތީއެވެ. އެއް ވައްތަރަށް ހުށަހެޅޭ ނުވަތަ ކުރިމަތިވާ ކަމެއް، ދެން ހުރި ވައްތަރަށް ނުވަތަ ވައްތަރުތަކަށް ވެސް ކުރިމަތިވާނެއެވެ. މިއީ، ޙަނަފީންކުރެ ގިނަ ބޭފުޅުންނާއި ޝާފިޢީންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ޢާއްމުކަން ވަންނާނީ ހަމައެކަނި ޙަޤީޤަތުގެ ތެރެއަށްކަމަށް (އެބަހީ، މަޖާޒުގެ ތެރެއަށް ޢާއްމުކަން ނުވަންނާނެކަމަށް) ބުނެވިފައިވެއެވެ. އަދި އެއީ، ޝާފިޢީންގެ ތެރޭގައި ވެސް އޮންނަ ވަޖުހު (ރައުޔު) އެކެވެ.
މި މައްސަލައިގައި ދެބަސްވުން އުފެދިފައިވާ ތަނާ ގުޅޭގޮތުން ފަހުގެ ބައެއް ޙަނަފީން ވާހަކަފުޅުދައްކަވާފައިވެއެވެ. އެގޮތުން، އެ ބޭފުޅުން ވިދާޅުވެފައިވަނީ، ޢާއްމުކަމުގެ ދަލީލަކާއެކު (މިސާލަކަށް، އަލިފުލާމު ބޭނުންކުރެވިގެން މަޢުރިފާކުރެވިފައިވުން) އޮންނަ މަޖާޒު، ޖުޒްއިއްޔާއާއި ސަބަބިއްޔާފަދަ މަޖާޒުގެ ވައްތަރުތަކުން ލަފްޒުގެ ތެރެއަށް ވަނުން އެކަށީގެންވާ ހުރިހާ އެއްޗަކަށް ޢާއްމުވެގެން ނުވާނޭކަމާމެދު ޚިލާފެއް ނުވާ ކަމުގައެވެ. އެހެންނަމަވެސް، ޚިލާފު އޮތީ، ވަކި ވައްތަރެއްގެ ނަޒަރުން އެ ލަފްޒު ބޭނުންކުރެވިފައިވާނަމަ ކަމުގައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ) (ސޫރަތުލްއަޙްޒާބް: 56 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް صَلَاةُ ކުރައްވަތެވެ.] މި ތަނުގައި [الصَّلَاةُ] ބޭނުންކުރެވިފައިވަނީ މަޖާޒީ ގޮތުންނެވެ. الصَّلَاةُ ގެ މަޖާޒީ މާނަތަކުގެ ތެރޭގައި، ރަޙުމަތާއި ދުޢާއާއި ފާފަފުއްސެވުމަށްއެދުން ހިމެނެއެވެ. އެ ހުރިހާ މަޖާޒީ މާނައެއް ވެސް އެ އާޔަތުގައިވާ الصَّلَاةُ ގައި ޝާމިލުވެއެވެ. މަޖާޒުގެ ޢާއްމުކަމުގެ ނަޒަރުންނެވެ. އެހެންކަމުން، ﷲ ތަޢާލާގެ ޙަޟްރަތުން އޮންނަ [الصَّلَاةُ] އަކީ، ރަޙުމަތްލެއްވުމެވެ. މަލާއިކަތުންގެ ފަރާތްޕުޅުން އޮންނަ [الصَّلَاةُ] އަކީ، ހެޔޮދުޢާކުރެއްވުމާއި އިސްތިޣުފާރުކުރެއްވުން (ފާފަފުއްސެވުމަށްއެދުން) އެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =