[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 29

31ވަނަ ޤަވާޢިދު (ޖުމްލަ 189): الوَقَائِـعُ العَيْنِيَّةُ لَا عُمُومَ لَـهَا

މި ޤަވާޢިދުގެ ތަރުޖަމާ: {ޢައިނިއްޔަ ހާދިސާތަކަށް ޢާއްމުކަން ލިބިގެނެއް ނުވޭ}

މި ޤަވާޢިދުގެ މުރާދު: ވަކި މީހަކަށް ހާދިސާއެއް ހިނގުމުން، އެ ކަމާ ގުޅޭގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙުކުމެއް އިއްވެވިއިރު، އެއީ އޭނާއަށް ޚާއްޞަވެގެންވާ ކަމެއްކަން އެނގޭ ޤަރީނާއެއް އޭގައި ހިމެނޭނަމަ، އެއީ އެންމެންނަށް ޢާއްމުވާ ޙާދިސާއެއް ކަމުގައެއް ނުބެލެވޭނެތެވެ. މި ތަނުގައި މި ބުނެވޭ ހާދިސާގެ ތެރޭގައި، ދިމާވާ އެކިއެކި ކަންކަމާއި މައްސަލަތަކާއި ކަނޑައްތުކުރާ އެކިއެކި ހާލަތްތައް ހިމެނެއެވެ.

މި ޤަވާޢިދާއި މި ޤަވާޢިދާ ގުޅުންހުރި އެހެން ދެ ޤަވާޢިދަކާ ހުރި ތަފާތު ބަޔާންކުރުމީ މި ތަނުގައި މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

ފުރަތަމަ ޤަވާޢިދަކީ، العِبْرَةُ بِعُمُومِ اللَّفظِ لَا بِـخُصُوصِ السَّبَبِ އެވެ. މި ޤަވާޢިދުގެ ތަފްޞީލު ވާހަކަ އިސްވެ ބަޔާންވެ ހިނގައްޖެއެވެ. މި ޤަވާޢިދާއި އަޅުގަނޑުމެން މި ތަނުގައި މި ވާހަކަދައްކާ ޤަވާޢިދުގެ ތަފާތަކީ، އަޅުގަނޑުމެން މި ވާހަކަދައްކާ ޤަވާޢިދުގައި ވާހަކަ މި ދެކެވެނީ، ކަނޑައެޅިގެން ވަކި މީހަކަށް ޚާއްޞަވެގެންވާކަމަށް ޤަރީނާއެއް އޮންނަ، އަދި އެއާއެކު އެ ހާދިސާ ޢާއްމުކުރާނޭ ޢާއްމު ލަފްޒެއް ނޯންނަ ހާދިސާއާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް، العِبْرَةُ بِعُمُومِ اللَّفظِ ޤަވާޢިދުގައި ވާހަކަދެކެވެނީ، ވަކި ޚާއްޞަ ސަބަބަކާ ހުރެ ނައްޞު އައިސްފައިމެ، އެ ނައްޞުގައިވާ ލަފްޒު ޢާއްމުކޮށް އައިސްފައިވާ ނައްޞާ ގުޅޭގޮތުންނެވެ.

ދެވަނަ ޤަވާޢިދަކީ، تَرْكُ الاِسْتِفْصَالِ في حِكَايَةِ الـحَالِ مَعَ قِيَامِ الاِحْتِمَالِ يَنْزِلُ مَنْزِلَةَ العُمُومِ في الـمَقَالِ އެވެ. މި ޤަވާޢިދުގެ ތަފްޞީލު ވާހަކަ ވެސް އިސްވެ ބަޔާންވެ ހިނގައްޖެއެވެ. މި ޤަވާޢިދާއި އަޅުގަނޑުމެން މި ތަނުގައި މި ވާހަކަދައްކާ ޤަވާޢިދުގެ ތަފާތަކީ، އަޅުގަނޑުމެން މި ވާހަކަދައްކާ ޤަވާޢިދާ ޚިލާފަށް، تَرْكُ الاِسْتِفْصَالِ ޤަވާޢިދުގައި ވާހަކަދެކެވެނީ، ހާދިސާއަކާ ގުޅިގެން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ސުއާލުކުރެވުމުން ޖަވާބުދެއްވުމުގެ ކުރިން އިތުރަށް އެ ކަމާ ގުޅޭގޮތުން ތަފްސީލު ހޯއްދެވުމެއްނެތި ދެއްވި ޖަވާބަކީ ޢާއްމުކަން ލިބިގެންވާ އެއްޗެއްތޯ ނުވަތަ ނޫންތޯއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން، [أنه نعى النجاشيَّ يوم توفي، وقال: تُوفي اليوم عبدٌ صالح، وصفَّهم وصلى عليه] (އެ ކަލޭގެފާނު ނަޖާޝީ ނިޔާވިދުވަހު އެ ކަން އިޢުލާނުކުރައްވައި، މިއަދު ހެޔޮލަފާ އަޅަކު ނިޔާވެއްޖެޔޭ ޙަދީޘްފުޅުކުރައްވައި، ޞަޙާބީންނާއެކު ސަފުހައްދަވައި ނަޖާޝީގެ މައްޗަށް ކަށުނަމާދުކުރެއްވި) ކަމަށް ސާބިތުވެފައިވެއެވެ. އަދި މިއީ، ޣައިބުގައިވާ މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުން ޝަރުޢުވެގެންވާކަމަށް ވިދާޅުވާ ބޭފުޅުން ދަލީލެއްގެ ގޮތުން ނަންގަވާ ޙަދީޘެކެވެ. އެހެންނަމަވެސް، ޣައިބަށް ކަށުނަމާދުކުރުން ޝަރުޢުވެގެންނުވެޔޭ ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ، މިއީ ވަކި މީހަކަށް ޚާއްޞަ މައްސަލައެއް ކަމަށާއި، ވަކިވަކި މީހުންގެ މައްސަލަތަކަކީ ޢާއްމުކަމުގެ ދަލީލަކަށްވުމަށް އެކަށީގެންވާ އެއްޗެހިތަކެއް ނޫންކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =