[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 30

32ވަނަ ޤަވާޢިދު (ޖުމްލަ 189): الأَفْعَالُ لَا عُمُومَ لَـهَا

މި ޤަވާޢިދުގެ ތަރުޖަމާ: {ޢަމަލުތަކަށް ޢާއްމުކަން ލިބިގެނެއް ނުވޭ}

މި ޤަވާޢިދުގެ މުރާދު: ޢަމަލުތަކުގައި ޢާއްމުކަން އޮންނަކަމަށް ދަޢުވާކުރުން ޞައްޙައެއް ނޫނެވެ. އަދި އެ ދަޢުވާ ޤަބޫލުވެވިގެނެއް ނުވެއެވެ. އެހެންކަމުން، ޝަރުޢީ ނައްޞުތަކުގައި ޝަރުޢުކުރައްވާ ފަރާތުން ޝަރުޢީ ޙުކުމެއް ތަރުތީބުކުރައްވާފައިވާ ޢަމަލެއް ވާރިދުވެފައިވާނަމަ، އެ ޢަމަލު ވާރިދުވީ ހާލަތަށް އެ ޙުކުމް ހަނިކުރެވިގެންވެއެވެ. އެ ހާލަތުގެ އިތުރުން އެ ޢަމަލު ހިނގުމުގެ އިޙްތިމާލުއުފެދޭ އެހެން ހާލަތްތަކަށް އެ ޙުކުމް ފުޅާވެގެނެއް ނުދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، މާލިކީންކުރެ ބައެއް ބޭފުޅުންނާއި ޝާފިޢީންގެ ފަރާތްޕުޅުން އެހެން ރައުޔެއް އައްޒަރުކަޝީ ގެންނަވާފައިވެއެވެ. އެއީ، ޢަމަލުތަކުގައި ޢާއްމުކަން އެކުލެވިގެންވާކަމަށް ދަޢުވާކުރުން ޞައްޙަކަމުގައެވެ.

މި ތަނުގައި ޢަމަލުގެ މުރާދަކީ، ދުލުން ބުނާ ބަހުގެ އިދިކޮޅެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކާ ގުޅޭ ބާބުގައި އޮންނަފަދައިންނެވެ.

ދެން ފަހެ، މި ޤަވާޢިދުގައި މި ބުނެވޭ ޢަމަލަކީ ސާބިތުކުރުމުގެ ހާލަތުގައި އޮންނަ ޢަމަލަކަށްވުމަށް މި ޤަވާޢިދު ހަނިކުރެވިފައިވެއެވެ. މިއާ ޚިލާފަށް، ނަފީކުރެވޭ (އެބަހީ، ސާބިތުނުވާކަމަށް ބުނެވޭ) ތަނެއްގައި ނުވަތަ އެ މާނަ ދޭހަވާ ތަނެއްގައި ނުވަތަ ޝަރުޠެއް އޮންނަ ތަނެއްގައި އޮންނަ ޢަމަލުން ޢާއްމުކަން ދޭހަކޮށްދޭކަން އިސްވެދިޔަ ތާނގައި ބަޔާންވެފައިވާނެއެވެ.

މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތައް ވެސް އެ ޢަމަލުގެ ހުރިހާ ދިމާތަކަކާއި ބައިތަކަކަށް ޢާއްމުވެގެން ނުވެއެވެ. އަދި އެ ކަލޭގެފާނުގެ ޢަމަލުފުޅުތައް އެކަތި އަނެކައްޗާ ފުށުއެއް ނާރާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ((جمع النبي صلى الله عليه وسلم بين الصلاتين فى السفر)) (ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަތުރުމަތީގައި ދެ ނަމާދު ޖަމްޢުކުރެއްވި) ކަމަށް އޮންނަ ޙަދީޘުން، ޢާއްމުކޮށް ހުރިހާ ދަތުރެއްގެ މަތީގައި ވެސް، ދިގު ދަތުރެއް ކަމުގައި ވިޔަސް ނުވަތަ ކުރު ދަތުރެއް ކަމުގައި ވިޔަސް، އަދި ކިޔަމަންތެރިކަމުގެ މަތީގައިވާ ދަތުރެއް ކަމުގައި ވިޔަސް ނުވަތަ އުރެދުމުގެ މަތީގައިވާ ދަތުރެއް ކަމުގައި ވިޔަސް، އަދި ޙައްޖުވުމަށް ކުރެވޭ ދަތުރެއް ކަމުގައި ވިޔަސް ނުވަތަ އެ ކަމުގައި ކުރެވޭ ދަތުރެއް ކަމުގައި ނުވިޔަސް، ދެ ނަމާދު ޖަމްޢުކުރުން ހުއްދަކަމަށް ދަލީލުނެގުން ޞައްޙަ ނުވުމެވެ. ސަބަބަކީ، [جمع] (ޖަމްޢުކުރެއްވުން) އެއީ ޢަމަލެއް ކަމުގައި ވާއިރު، ޢަމަލުތަކަށް ޢާއްމުކަން ލިބިގެން ނުވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =