34ވަނަ ޤަވާޢިދު (ޖުމްލަ 189): الـخَاصُّ لَا يَـحْـتَمِلُ البَيَانَ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞައިން ބަޔާނުގެ އިޙްތިމާލެއް ނުއުފެދޭ}
މި ޤަވާޢިދުގެ މުރާދު: ޚާއްޞަ ލަފްޒަށް، އެ ލަފްޒު އިތުރަށް ބަޔާންކޮށްދީ އޭގެ މުރާދު ސާފުކޮށްދިނުމަށް އިތުރު ދަލީލަކަށް ބޭނުންޖެހިގެނެއް ނުވެއެވެ. ސަބަބަކީ، ބަޔާނަކަށް ބޭނުންޖެހެނީ މުޖުމަލުކޮށް (ޖުމްލަކޮށް) އޮންނަހިނދުގައްޔާއި މާނަ ސާފު ނުވާހިނދުގައެވެ. އެހެންނަމަވެސް، ޚާއްޞައަކީ އޭގެ މާނައަށް ސާފުކޮށް ދަލީލުކޮށްދޭ، އޭގެ މުރާދު ޤަޠުޢީކޮށް އޮންނަ، ފޮރުވި ވަންހަނާވެފައިވާ ކަމެއް އޮތުމުގެ އިޙްތިމާލު ނެތް އެއްޗަކަށް ވީހިނދު، އެއަށް އިތުރު ބަޔާނަކަށް ބޭނުންޖެހުމުގެ އިޙްތިމާލެއް ނުއުފެދެއެވެ.
މި ޤަވާޢިދަކީ، ޙަނަފީ މަޒުހަބުގެ އިޞްޠިލާޙާއި އެއްގޮތްވާ ގޮތުގެ މަތިން، ޙަނަފީންގެ ތެރޭގައި އޮންނަ ޤަވާޢިދެކެވެ. އަދި އިބްނު ނުޖައިމު މި ޤަވާޢިދު ސިފަކުރައްވާފައިވަނީ، އެތަކެއް ފަރުޢުތަކެއް އޭގެ ދަށަށް ވަންނަ އަޞްލެއްގެ ގޮތުގައެވެ.
ކޮންމެއަކަސް، މި ޤަވާޢިދުގެ އަސަރު ޙަނަފީންގެ ތެރޭގައި ފާޅުވަނީ، އެ ބޭފުޅުން ބަޔާން ފަސް ވައްތަރަކަށް ބައްސަވާހިނދުގައެވެ. އެއީ، بَيَانُ التَّقْرِيْرِ އަށާއި، بَيَانُ التَّفْسِيْرِ އަށާއި، بَيَانُ التَّغْيِيْرِ އަށާއި بَيَانُ التَّبْدِيْلِ އަދި بَيَانُ الضَّرُورَةِ އަށެވެ. އެ ބޭފުޅުންގެ އަރިހުގައި މި ތަނުން ޚާއްޞަ ލަފްޒެއް ކުރިމަތި ނުވާނޭ ބަޔާނަކީ بَيَانُ التَّفْسِيْرِ އެވެ. ސަބަބަކީ، بَيَانُ التَّفْسِيْرِ ގެ ވަޒީފާއަކީ، މުޖުމަލު ނުވަތަ މުޝްތަރަކު އިތުރަށް ސާފުކޮށްދީ އޮޅުންފިލުވައިދިނުމެވެ. އެހެންނަމަވެސް، ޚާއްޞަ ލަފްޒުގައި މުޖުމަލުކަމެއް ވެސް އަދި މުޝްތަރަކުކަމެއް ވެސް ނެތުމުން، އިތުރަށް ބަޔާންކޮށްދިނުމަކަށް އެ ބޭނުންޖެހިގެނެއް ނުވެތެވެ. އެހެންކަމުން، މިއަށް ބިނާކޮށް، ބަޔާނުގެ ވައްތަރުތަކުގެ ތެރެއިން ދެން ހުރި ހަތަރު ވައްތަރުގައި ޚާއްޞަ އޮތުން ޙަނަފީން ހުއްދަކުރައްވަތެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ) (ސޫރަތުލްއަންޢާމް: 38 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއް ވިޔަސް، އަދި އޭގެ ދެ ފިޔައިން އުދުހޭ ދޫންޏެއް ވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ.] މި އާޔަތުގައިވާ [بِجَنَاحَيْهِ] (އޭގެ ދެ ފިޔައިން) އަކީ، [يَطِيرُ] (އުދުހޭ) އަށް އޮތް بَيَانُ التَّقْرِيْرِ އެކެވެ. [يَطِيرُ] (އުދުހޭ) އަކީ، އޭގެ މާނައިގައިވާ ޚާއްޞަ ލަފްޒެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ) (ސޫރަތުލްޙައްޖު: 29 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފު ކުރާހުށިކަމެވެ!] މި އާޔަތުގައި އަމުރުވެވިގެންވާ ޠަވާފު އެ ވަނީ ޚާއްޞަކޮށް ސާފު މާނައިގައި ދަލީލުކޮށްދޭ ގޮތުގައެވެ. އެއީ، ކަޢުބާގެ ވަށައިގެން ބުރުޖެހުމެވެ. މިއަށް ބިނާކޮށް، ޙަނަފީން ވިދާޅުވަނީ، ޠަވާފުކުރުމަށްޓަކައި ޠާހިރުވެހުރުން ޝަރުޠުކުރުމީ ފަރުޟާއި ގުޅިފައިވާ ވާޖިބެއް ކަމުގައެވެ. އަދި އެއީ (އެބަހީ، ޠާހިރުވެހުރުން ޝަރުޠުކުރުމީ)، ޤުރުއާނުގައި ސާބިތުވާ ޠަވާފުގެ ބަޔާނެއް ނޫން ކަމުގައެވެ. ސަބަބެއްގެ ގޮތުން ވިދާޅުވަނީ، ޠަހާރަތު ޝަރުޠުވެގެންވުން ސާބިތުވެފައިވަނީ އާޙާދު ޚަބަރަކުން ކަމުގައިވާއިރު، ޤުރުއާނުގައިވާ ކަމެއް އިތުރަށް އާޙާދު ޚަބަރަކުން ބަޔާންކޮށްދޭން ޖެހޭނީ، ޤުރުއާނުގައި އެ ކަމެއް ވަނީ މުޖުމަލުކޮށް ކަމުގައި ވާނަމައެވެ. އެހެންނަމަވެސް، ޠަވާފުކުރުމަށް އަމުރުވެވިފައިވާ އަމުރަކީ މުޖުމަލު އަމުރެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ، ޚާއްޞަ އަމުރެކެވެ. އެ ވަނީ އޭގެ ޒާތުގައި ބަޔާންވެފައެވެ. އެއަށް އިތުރު ބަޔާނަކަށް ބޭނުންޖެހިގެނެއް ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =