35ވަނަ ޤަވާޢިދު (ޖުމްލަ 189): التَّخْصِيْصُ لَا يُقْبَلُ إِلَّا بِدَلِيْلٍ
މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ޚާއްޞަކުރުން ޤަބޫލެއް ނުކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރެވިފައިވާކަން ދަލީލުކޮށްދޭ ދަލީލެއް ނެތި، ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުގެ ތެރެއިން ޢާއްމުކަން ސާބިތުވެފައިވާ ނައްޞެއް ޚާއްޞަކުރެވިފައިވާކަމަށް ދަޢުވާކުރުން ހުއްދަވެގެން ނުވެއެވެ. މިއީ، ޢާއްމުކަން އޮންނަކަމަށް ވިދާޅުވާ ބޭފުޅުން (އެއީ އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން) އިއްތިފާޤުވާ މައްސަލައެކެވެ.
ދެން ފަހެ، ތަޚްޞީޞް (ޚާއްޞަކުރުން) އަކީ، ލަފްޒުގެ ތެރެއަށް ވަންނަ ބައެއް ބައިތައް އެއިން ނެރެލުމެވެ. އަދި މި ޤަވާޢިދުގައި އެވާ [ދަލީލު] ގެ ޢާއްމު މާނައަކާއި ޚާއްޞަ މާނައެއް ވެއެވެ. މި ތަނުގައި ދަލީލު މާނަކުރެވިފައި އެ ވަނީ ޢާއްމު މާނައިގައެވެ. އެ ޢާއްމު މާނައިގެ ތެރެއަށް ޤަޠުޢީ ދަލީލުތަކާއި ޡައްނީ ދަލީލުތައް ވަދެއެވެ.
ކޮންމެއަކަސް، ދަލީލަކުން ނުވަތަ ޤަރީނާއަކުން މެނުވީ ޚާއްޞަކުރެވިފައިވާކަން ސާބިތުނުވާއިރު، އުޞޫލީ ޢިލްމުވެރިން ޢާއްމުކަން ޚާއްޞަކުރެވޭ ދަލީލުތައް ނުވަތަ ޤަރީނާތައް، قَرَائِنٌ مَقَالِيَّةٌ އަށާއި قَرَائِنٌ حَالِيَّةٌ އަށް ބައްސަވަތެވެ.
ފުރަތަމަ ބައި: القَرَائِنُ الـمَقَالِـيَّـةُ (اللَّفْظِيَّةُ): މީގައި ދެ ވައްތަރެއް ވެއެވެ. އެއީ، مُتَّصِلَة އާއި مُنْفَصِلَة އެވެ. މި ތަނުން، القَرَائِنُ الـمَقَالِـيَّـةُ الـمُتَّصِلَةُ އަކީ، ޢާއްމު ލަފްޒާއެކު ބަޔާންކުރެވޭ، އަދި އޭގެ ސިޔާޤުގައި (އެ ތަނުގެ ތެރޭގައި) ވާރިދުވެފައި އޮންނަ ޤަރީނާއެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި އޭގެ ހަތަރު ވައްތަރެއް ވެއެވެ. އެއީ، الاِسْتِثْنَاءُ އާއި الشَّرْطُ އާއި الصِّفَةُ އަދި الغَايَةُ އެވެ. އަދި އިބްނުލްޙާޖިބު މިއަށް ފަސްވަނަ ވައްތަރެއް ވެސް އިތުރުކުރައްވާފައިވެއެވެ. އެއީ، بَدَلُ البَعْضِ مِنَ الكُلِّ އެވެ. އަދި އަލްޤަރާފީ، الـحَالُ އާއި ظَرْفُ الزَّمَانِ އާއި ظَرْفُ الـمَكَانِ އާއި الـمَجْرُوْرِ مَعَ الـجَارِ އާއި التَّـمْـيِـيْـزُ އަދި الـمَفْعُولُ لِأَجَلِهِ އިތުރުކުރައްވާފައިވެއެވެ.
މި ތަނުގައި ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ، މުއްތަޞިލު ޤަރީނާތަކުން (ނުވަތަ ދަލީލުތަކުން) ތަޚްޞީޞްކުރުމީ، ޚާއްޞަކުރުމެއް ކަމުގައި ޙަނަފީން ނުބައްލަވާކަމެވެ. އެހެނެއްކަމަކު، އެ ބޭފުޅުންގެ ނަޒަރުގައި އެ ވާހުށީ ނަސްޚެއް ކަމުގައެވެ.
އަދި القَرَائِنُ الـمَقَالِـيَّـةُ الـمُنْفَصِلَةُ އަކީ، އަމިއްލަ ޒާތުގައި މުސްތަޤިއްލު ކޮންމެ ލަފްޒީ ޤަރީނާއެކެވެ. އެފަދަ ޤަރީނާއެއް ސާބިތުވުމަށްޓަކައި އޭގެ ކުރިން ޢާއްމު ލަފްޒެއް އޮތުމަކަށް ބޭނުމެއް ނުޖެހޭނެތެވެ. މީގެ ތެރޭގައި، ޢާއްމު ލަފްޒާ مُنْفَصِلُ ކޮށް (އެބަހީ، ވަކިން) އަންނަ ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞު ހިމެނެއެވެ. އެފަދަ ޤުރުއާނުގެ ނައްޞުން ޤުރުއާނާއި ސުންނަތް ޚާއްޞަކުރެވިދާނެއެވެ. ހަމައެގޮތަށް، އެފަދަ ސުންނަތުގެ ނައްޞުން ޤުރުއާނާއި ސުންނަތް ޚާއްޞަކުރެވިދާނެއެވެ. އަދި އިޖުމާޢުން ޤުރުއާނާއި ސުންނަތް ޚާއްޞަކުރެވިދާނެއެވެ.
ދެވަނަ ބައި: القَرَائِنُ الـحَالِيَّةُ: މިއީ، ޢާއްމުގެ ވަށައިގެން އޮންނަ ލަފްޒީ ނޫން ޤަރީނާތަކެވެ. މިފަދަ ޤަރީނާތަކަކީ އެ ޢާއްމު ޚާއްޞަކުރެވިފައިވާކަމަށް ހެކިވާ އެއްޗެހިތަކެކެވެ. މީގެ ތެރެއިން އެންމެ މުހިއްމު ޤަރީނާތަކަކީ، العَقْلُ އާއި الـحِسُّ އަދި العَادَةُ އެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ) (ސޫރަތުއްނިސާ: 5 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި، ސަފީހުންނަށް ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ.] މި އާޔަތުގައިވާ [السُّفَهَاءَ] (ސަފީހުން/ދޯދިޔާމީހުން) ގެ ތަފްސީރުގައި ހަތަރު ރައުޔެއް އައިސްފައިވެއެވެ. ފުރަތަމަ ރައުޔަކީ، އެއީ އަންހެން ސަފީހުންނެވެ. އެގޮތުން، އެއީ ޚަރަދުބަރަދުގެ ކަންކަމުގައި ފިރިމީހާއަށް ކިޔަމަންތެރިނުވާ އަދި ފިރިމީހާގެ މުދާ ބޭކާރުކޮށްލާ އަންހެނާއެވެ. ދެވަނަ ރައުޔަކީ، އެއީ ދަރިންގެ ތެރޭގައި ހިމެނޭ ސަފީހުންނެވެ. ތިންވަނަ ރައުޔަކީ، އެއީ އަންހެނުންނާއި ދަރިންގެ ތެރޭގައި ހިމެނޭ ސަފީހުންނެވެ. ހަތަރުވަނަ ރައުޔަކީ، އެއީ މުދާ ރައްކާތެރިކޮށްދޭނޭ ބުއްދިއެއް ނެތް ކޮންމެ މީހެކެވެ. އައްރާޒީ ވިދާޅުވެފައިވަނީ، މި ތަނުން އައުލާކަން ބޮޑީ ހަތަރުވަނަ ރައުޔުކަމުގައެވެ. ސަބަބަކީ، އެ ނޫން ރައުޔުތަކުގައި ވަކި ބަޔަކަށް [ސަފީހުން] ޚާއްޞަކޮށްފައި އެ ވަނީ އެއްވެސް ދަލީލެއް ނެތި ކަމަށްވުމުން، އެ ގޮތަށް ޚާއްޞަކުރުން ހުއްދަވެގެން ނުވާތީ ކަމުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =