37ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ الأَخْبَارِ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުތައް ޚާއްޞަކުރުން ހުއްދަ}
މި ޤަވާޢިދުގެ މުރާދު: ރިވާވެފައި ހުންނަ ޢާއްމު ލަފްޒު ހިމެނޭ ޚަބަރުތައް ޚާއްޞަކުރެވިދާނެއެވެ. މި ކަމާމެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ގާތްގަނޑަކަށް އިއްތިފާޤުވެވިފައިވެއެވެ.
މިއާ ޚިލާފަށް، ބައެއް ޝާފިޢީންނާއި ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، ޚަބަރުތައް ޚާއްޞަކުރުން ހުއްދައެއް ނޫނެވެ. މި ގޮތަށް ވިދާޅުވާ ބޭފުޅުންގެ އަދަދު މަދުކަމާހުރެ އަލްއާމިދީ މި ރައުޔު ސިފަކުރައްވާފައިވަނީ ޝާއްޛު (ބީރައްޓެހި/އެކަހެރި) ބަޔެއްގެ ޚިލާފެއްގެ ގޮތުގައެވެ. މި ބޭފުޅުން ޚަބަރުތައް ޚާއްޞަކުރުން ހުއްދަ ނޫން ކަމަށް ދެކިލައްވައި ވިދާޅުވަނީ، ޚަބަރުތައް ޚާއްޞަކުރުމުން، ޢާއްމުގައި އެ ވަނީ ދޮގަކަށްވުން ލާޒިމުކުރާ ކަމުގައެވެ. އަދި އެއީ، ﷲ ތަޢާލާގެ ނިސްބަތުން މުސްތަޙީލު ކަމެއް ކަމުގައެވެ. އަދި އެހެންކަމުން، ޚަބަރުތައް ޚާއްޞަކުރުން ހުއްދަ ނުވުން އެއިން ލާޒިމުކުރާ ކަމުގައެވެ.
ޖަވާބުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ޚަބަރު ޚާއްޞަކުރުމަކުން ދޮގަކަށް ވާސިލުނުވާ ކަމުގައެވެ. ސަބަބަކީ، ޚާއްޞަކުރުމަކީ ބަޔާނުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ކަމުގައި ވާތީއެވެ. އަދި ހަމައެހެންމެ، ނަފީކުރެވިފައިވާކަން ތެދުކުރުން އޮންނާނީ ޢާއްމުކުރުމުގައި ކަމަށްވެފައި، ސާބިތުވެފައިވާކަން ތެދުކުރުން އޮންނާނީ ޚާއްޞަކުރުމުގައި ކަމަށްވެފައި، ނަފީކުރުމާއި ސާބިތުކުރުން އެއް ތަނެއްގައި ވާރިދުނުވާނެތީ، އެއްވެސް ފުށުއެރުމެއް ނޯންނާނެތީ، އެ ގޮތް ހުއްދައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((العمرةُ إلى العمرةِ كفارةٌ لما بينهما، والحجُّ المبرورُ ليس له جزاءٌ إلا الجنةُ)) މާނައީ: [އެއް ޢުމްރާއިން އަނެއް ޢުމްރާއަށް އެއީ އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އަދި މަބްރޫރު ޙައްޖަށް ސުވަރުގެ މެނުވީ އެހެން ޖަޒާއެއް ނުވެއެވެ.] މި ޢާއްމު ޚަބަރެކެވެ. އަދި ކޮންމެ ދެ ޢުމްރާއަކީ އެ ދެމެދުގައި ކުރެވޭ ފާފަތައް ފުހެލައިދޭނޭ އެއްޗެއްކަން މި ޚަބަރުން ސާފުކޮށް ބަޔާންކޮށްދެއެވެ. އަދި މި ޚަބަރުގެ ބޭރުފުށުން ފެންނަނީ، އެންމެހައި ފާފައެއް، ކުދިފާފަތަކާއި ބޮޑެތިފާފަތައް ވެސް، އޭގެ ސަބަބުން ފުހެވިގެންދާ ކަމަށެވެ. އެހެންނަމަވެސް، މި ޙަދީޘުން ނެގިފައިވާ މި ޢާއްމުކަން، އިޖުމާޢުން ވަނީ ކުދިފާފަތަކަށް ޚާއްޞަކުރެވިފައިވެއެވެ. އެހެންކަމުން، އެ ދެ ޢުމްރާގެ ސަބަބުން ފުހެވިގެންދާނީ ކުދިފާފަތަކެވެ. ބޮޑެތިފާފަތައް ފުހެވޭނީ އެ ކަމަށް ތައުބާވެގެންނެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =