[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 36

38ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ القَطْعِيِّ بِالظَّنِّيِّ جَائِـزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ޡައްނީން ޤަޠުޢީ ޚާއްޞަކުރުން ހުއްދަ}

މި ޤަވާޢިދުގެ މުރާދު: ޤަޠުޢީކޮށް އޮތް ޢާއްމު ނައްޞެއް، އާޙާދު ޚަބަރާއި ޤިޔާސާއި މަފްހޫމުފަދަ ޡައްނީކޮށް އޮތް އެއްޗަކުން ޚާއްޞަކުރެވިދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މި ޤަވާޢިދު ބިނާވެފައިވަނީ، ޢާއްމުން ދަލީލުކޮށްދެނީ ޡައްނީކޮށް ކަމަށް ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ދެކިވަޑައިގަތުމުގެ މައްޗަށެވެ. އެހެންކަމުން، ޢާއްމު ދަލީލަކާ ޡައްނީ ޚާއްޞަ ދަލީލެއް ފުށުއަރައިފިނަމަ، އެ ޡައްނީ ޚާއްޞަ ދަލީލުން އެ ޢާއްމު ދަލީލު ޚާއްޞަކުރުން ހުއްދަވެގެން ވެއެވެ. އެއީ، އެ ދެ ދަލީލުގެ މެދުގައި ބާރުގަދަކަމުގެ ގޮތުން ހަމަހަމަވުން ޝަރުޠުކުރުމެއް ނެތިއެވެ.

މިއާ ޚިލާފަށް، ގިނަ ޙަނަފީންގެ ނަޒަރުގައި، ޡައްނީ ދަލީލަކުން ޤަޠުޢީ ދަލީލެއް ޚާއްޞައެއް ނުކުރެވޭނެއެވެ. އެއީ، ޢާއްމުން ދަލީލުކޮށްދެނީ ޤަޠުޢީކޮށް ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވާ ދެކިވަޑައިގަތުމުގެ މައްޗަށް ބިނާކުރައްވައެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، ޢާއްމު ދަލީލެއް ޡައްނީ ދަލީލަކުން ޚާއްޞައެއް ނުކުރެވޭނެއެވެ. ސަބަބަކީ، ޚާއްޞަކުރުން ބިނާވަނީ ފުށުއެރުމުގެ މައްޗަށް ކަމުގައިވާއިރު، ޡައްނީ ދަލީލެއް ޤަޠުޢީ ދަލީލަކާ ފުށުނާރާނެތީއެވެ.

އެހެންނަމަވެސް، ހާލަތެއް ޙަނަފީން އިސްތިސްނާ ކުރައްވަތެވެ. އެ ހާލަތަކީ، ޢާއްމު ޤަޠުޢީ ދަލީލު އެ ޚާއްޞަ ޡައްނީ ދަލީލުން ޚާއްޞަކުރުމުގެ ކުރިން، އެހެން ގޮތަކުން ޚާއްޞަކުރެވިފައިވާ ހާލަތެވެ. އެ ބޭފުޅުން މި ހާލަތުގައި ޚާއްޞަކުރެވިދާނެ ކަމަށް ވިދާޅުވަނީ، އެ ބޭފުޅުންގެ ނަޒަރުގައި، ޤަޠުޢީ ދަލީލެއް ޚާއްޞަކުރެވިފައިވާނަމަ، އެ އޮންނާނީ ޡައްނީގެ ދަރަޖައަށް ވެއްޓިފައިކަމުން، އެހާރުން އެއާ އެއް ދަރަޖައެއްގެ ޡައްނީ ދަލީލަކުން އެ ދަލީލު ޚާއްޞަކުރެވިދާނެތީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لا يتوارث أهل ملتين)) މާނައީ: [ދެ މިއްލަތުގެ އަހުލުވެރިން (އެކަކު އަނެކަކަށް) ވާރުތައެއް ނުކުރާނެއެވެ.] މި ޙަދީޘަކީ ޡައްނީ ދަލީލެކެވެ. އަންނަނިވި އާޔަތުގެ ޢާއްމުކަން މި ޙަދީޘުން ޚާއްޞަކޮށްފައި ވެއެވެ. (وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ) (ސޫރަތުއްނިސާ: 12 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ އަނބިން ދޫކުޅަ ތަކެތީގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ.] އެހެންކަމުން، މިއަށް ބިނާކޮށް، ދެމަފިރިންގެ ދީން ތަފާތުނަމަ، އެ ތަނުން އެކެއްގެ ފަރާތުން އަނެކަކަށް ވާރުތައެއް ނުވާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =